ދީނަށް ޢަމަލުކުރާނަމަ އެމީހަކަށް ﷲ ތައާލާ ދެއްވަވާ މަތިވެރިކަމުގެ ބޮޑުކަމަށް އެކަނިވެސް ނިކަން ވިސްނައިލަބަލަ! އައްޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު

ކިޔުމަށް ހޭދަވާނީ 1މ 30ސ
ދީނަށް ޢަމަލުކުރާނަމަ އެމީހަކަށް ﷲ ތައާލާ ދެއްވަވާ މަތިވެރިކަމުގެ ބޮޑުކަމަށް އެކަނިވެސް ނިކަން ވިސްނައިލަބަލަ! އައްޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ އަށްޓަކައި ޢަމަލުކުރުމަކީވެސް ތިމާއާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ގުޅުވައިދޭކަމެއްކަން ޙަދިޘްފުޅުން މިއޮތީ އެނގޭށެވެ. މިއީ ﷲ އާއި އެކަލާނގެ ޝަރީޢަތް ދަންނަ އަހުލުއްސުންނާ ވަލްޖަމާޢާގެ މީހުންނާއި، ޢިލްމެއް ނެތި ހަމައެކަނި ﷲ ދެކެ ލޯބިވާކަމަށް ދަޢުވާކުރާ މީހުންނާ ދެމެދުގައިވާ ތަފާތެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ހަމައެކަނި ހިތުން ލޯބިވުމުން ސުވަރުގެއާއި މަތިވެރި ދަރަޖަތައް ލިބޭނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. މަތިވެރިކަން ލިބެނީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ އަމުރުފުޅުތަކަށް ތަބާވެގެންނެވެ.

ޙަދީޘް ޤުދުސީގައި ވެއެވެ. "ތިމަން އިލާހުގެ އަޅާ، ތިމަން އިލާހު އޭނާގެ މައްޗަށް ފަރުޟުކުރެއްވި ކަންތައްތަކަށްވުރެ ވަކިން ބޮޑަށް ތިމަން އިލާހު ލޯބިވެވޮޑިގަންނަވާ ކަމަކުން ތިމަން އިލާހާ ކުއްތަންވެއެއް ނުގަނެއެވެ. އަދި އޭނާ ސުންނަތް އަޅުކަންތައްތައް ކުރަމުން ގޮސް، ތިމަން އިލާހު އޭނާދެކެ ލޯބިވެވޮޑިގެންފުމަށް ދާންދެން ތިމަން އިލާހާ ކުއްތަންވަމުންދެއެވެ. ފަހެ، ތިމަން އިލާހު އޭނާދެކެ ލޯބިވެވޮޑިގެންފިނަމަ، އޭނާ އަޑުއަހާ އިވުންކަމުގައިވެސް، އަދި އޭނާ ބަލާ ފެނުންކަމުގައިވެސް، އަދި އޭނާ ހިފާ އަތްކަމުގައިވެސް، އަދި އޭނާ ހިނގާފައިދާ ފައިކަމުގައިވެސް ތިމަން އިލާހު ވޮޑިގެންވަމެވެ." 

މިކަމުން އެނގެނީ ހިތް ﷲ އާ ގުޅުވައިދޭ މުހިންމު ވަސީލަތަކީ އެކަލާނގެ އަމުރުކުރެއްވި ކަންކަމުގެ އިތުރުން ސުންނަތް އަޅުކަންތައް ގިނަކުރުން ކަމެވެ. ނަމާދުކުރުމާއި، ދަމުނަމާދުކުރުމާއި، ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމާއި، ޞަދަޤާތް ދިނުމާއި، ޙައްޖުވުމެވެ. އަދި މީސްތަކުންނަށް އެހީތެރިވެ، މުދަލާއި، އަޚްލާޤާއި، ހަށިގަނޑުން ހެޔޮކަން ފޯރުކޮށްދިނުމެވެ. މި ހުރިހާ ކަމަކީވެސް ﷲ އަށްޓަކައި ކުރެވޭ ޞަދަޤާތްތަކެވެ. ﷲ ދެކެވާ ޙަޤީޤީ ލޯބި އެނގޭނީ ޝަރީޢަތް އުނގެނި، އެއަށް ޢަމަލުކުރާ މީހުންނަށެވެ.

 

- ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު

މިއަދު އޮންލައިން