ﷲ ތަޢާލާގެ ހެޔޮ ރަޙްމަތަށް އެދިގެން އަހުރެމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެ އެކަމަށް މަސައްކަތްކުރުމެވެ. އަދި މަސައްކަތްކުރަން އޮތީވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުންނެވެ. އެމީހަކު ހިތަށްއެރިހައި ގޮތަކަށް އުޅެފައި ސުވަރުގެ ވަންނަން ބޭނުންކަމަށް ބުނުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެއިރުން އެބަހުގައި އެއްވެސް ބުރަދަނެއް ނުހުންނާނެތީއެވެ!
އެމީހެއްގެ ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފި (އެދެ ގުނަވަނަށް ޔަޤީންކަންދީފި) މީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ކަން މިފަދައިން އޮތް ނަމަވެސް މިއަދު މީސްތަކުން ވަނީ މި ޙަދީޘްފުޅަށް ޣާފިލުވެފައެވެ. ދުލުން ބުނެއުޅެނީ ނުބައިބަސްތަކެވެ. ޣީބައެވެ. ނެތިމޮށެނީއެވެ. ދޮގުހަދަނީއެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގަން ބިރުގަންނަ މީހަކު ނުވަތަ ނުހިންގާ މީހަކު މަދެވެ.
އެހެންކަމަށްވާއިރު އަހުރެންގެ ސުވާލަކީ ސުވަރުގެ ވަނުމަށް ޝައުޤުވެރިވެވޭ ހެއްޔެވެ؟ އެކަމަށް އެދިގެން އެބަ މަސައްކަތް ކުރެވޭ ހެއްޔެވެ؟
ސުވަރުގެ ލިބޭނެ މަގުތައް މިހައި ފަސޭހައިރު މިފަދަ ޙަދީޘްފުޅުތަކަށް ސަމާލުކަން ނުދީ އެމީހަކު ހިތަށް އެރިހައި ގޮތަކަށް އުޅެފައި، ޤިޔާމަތް ދުވަހުން ސުވަރުގެ އެދިދެންނެވޭނެ ހެއްޔެވެ؟ ވީމާ އާދޭސްކޮށް ސަލާންޖަހާފައި ބުނަމެވެ. ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކުރާށެވެ. ޙައްޤު ނޫން ބަހެއް ނުބުނާށެވެ. ޣީބައަކަށްވެދާނެ ބަހެއް ނުބުނާށެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ނުހިންގާށެވެ. އަމިއްލައަށް ބޭނުން ފުއްދުން ފަދަ ފާފަތައްވެސް ނުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
https://questionsonislam.com/question/whoever-can-guarantee-chastity-what-between-his-two-jaw-bones-and-what-between-his-two-legs