މަރްޔަމް ސާޖިދާ
އިސްލާމީ އުންމަތުގެ އެންމެ ފާހަގަކޮށްލެވޭ، އަދި މުޅި އިސްލާމީ އުންމަތަށް އެންމެ ފުރިހަމަ އެއް ނަމޫނާ އަކީ ރަސޫލާ ﷺ ގެ އަޞްޙާބު ބޭކަލުންކަމާއިމެދު ޝައްކެތްނެތެވެ. އެބޭކަލުންނަކީ އިސްލާމީ ހިދާޔަތު ފެތުރުމަށްޓަކައި އެބޭކަލުންގެ މުދަލާއި، ގެދޮރާއި އަމިއްލަ ފުރާނައިން ބޮޑެތި އެތަކެއް ޤުރުބާނީއެއް ވެދެއްވި މަތިވެރި ބޭކަލުންނެވެ. މީގެތެރެއިންވެސް ޚާއްޞަކޮށް، ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވެވި ދިހަ ބޭކަލުން ފާހަގަކޮށްލެވެއެވެ.
އެބޭކަލުންނަކީ، ރަސޫލާ ﷺ އެއްމަޖިލީހެއްގައި ވަކިވަކިން އެބޭކަލުންގެ ނަންފުޅު ޙަދީޘްކުރައްވާ، އެބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވެވި ދިހަ ބޭކަލުންނެވެ. އެބޭކަލުން މަޝްހޫރުވެފައިވަނީ العشرة المبشرين بالجنة ގެ ނަމުންނެވެ. އެބޭކަލުންނަކީ އިސްލާމީ ދައުލަތް ބިނާކުރުމާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވެވި ބޭކަލުންނެވެ.
ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގަތް ދިހަ ބޭކަލުންނަކީ:
· أبو بكر الصديق.
· عمر بن الخطاب
· عثمان بن عفان
· علي بن أبي طالب
· طلحة بن عبيد الله
· الزبير بن العوام
· عبد الرحمن بن عوف
· سعد بن أبي وقاص
· سعيد بن زيد
· أبو عبيدة بن الجراح
އެބޭކަލުންގެ ޙަޔާތްޕުޅަކީ، އީމާންތެރިކަމާއި، ވަފާތެރިކަމާއި، ޤުރުބާނީގެ ގޮތުން މުޅި އިސްލާމީ އުންމަތަށް ހުރި ނުހަނު އަގުހުރި ނަމޫނާއެކެވެ. އެބޭކަލުންނަށް މިފަދަ މަތިވެރި ޝަރަފެއް ލިބިވަޑައިގަތީ ހަމައެކަނި ދުލުން އިސްލާމްކަން ފާޅުކުރުމަކުންނޫނެވެ. ނަމަވެސް، ދީނަށްޓަކައި އެންމެހާ ދަތިތަކަށް ކެތްކުރައްވައި، މުދަލާއި ފުރާނައިން ޖިހާދުކުރައްވާ، ރަސޫލާ ﷺ ގެ ސުންނަތް ފުރިހަމައަށް ނެގެހެއްޓެވުމަށް ކުރެއްވެވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.
މިއަދުގެ މުސްލިމުންނަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ މި މާތް ޞަޙާބީންގެ ޙަޔާތްޕުޅު ދިރާސާކޮށް، އެބޭކަލުންގެ ކިބައިން ހިތްވަރާއި، ކެތްތެރިކަމާއި، މާތްﷲ އަށް އޮތް އިޚްލާޞްތެރިކަން ދަސްކުރުމެވެ. ދުނިޔޭގެ ވަގުތީ އުފަލަށްވުރެ އާޚިރަތުގެ ދާއިމީ ބާއްޖަވެރިކަން އިސްކުރެއްވެވި މި ބޭކަލުންގެ މަގުން ހިނގައިގެން މެނުވީ، މިއަދުގެ މުސްލިމް މުޖުތަމަޢުތަކަށް ޙަގީގީ ކާމިޔާބީއެއް ނުލިބޭނެއެވެ. މާތްﷲ އެބޭކަލުންނަށް ރުއްސުންލައްވައި، އަޅުގަނޑުމެން އެންމެންނީ ސުވަރުގޭގައި އެބޭކަލުންނާއި އެކުގައި ލައްވާނޭ ބަޔަކު ކަމުގައިލައްވާށިއެވެ. އާމީން.