ގެފުޅުގެ ތާރީޚް 7: ފަހުޒަމާނުގައި ގެފުޅު ހަލާކުކޮށްލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 2ސ
ގެފުޅުގެ ތާރީޚް 7: ފަހުޒަމާނުގައި ގެފުޅު ހަލާކުކޮށްލުން

ސުލްޠާން މުރާދުޚާން ގެފުޅު ބިނާކުރެއްވުން: 

ހިޖްރައިން 1039 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 19 ވީ ބުދަ ދުވަހުގެ ތެރޭގައި މައްކާއަށް ވަރަށް ބޮޑު ވިއްސާރަގަނޑެއް އައެވެ. އެދުވަހު ވެހެން ފެށި ވާރޭ މެދުކެނޑުމެއްނެތި، ބުރާސްފަތި ދުވަހުގެ ހަވީރާ ހަމައަށް ވެހުނެވެ. އެއީ އޭގެ ކުރިން މައްކާއަށް ނުވެހޭ ވަރަށް ވާރޭ ވެހި ފެންބޮޑުވި ފަހަރެކެވެ. އެފަހަރު ވާރޭ ވެހި ކަޢުބާގެ ފާރުގެ މެދާ ހަމައަށް ފެންބޮޑުވިއެވެ. ފެންބޮޑުވުމުގެ ސަބަބުން އުތުރު ފާރު ވެއްޓުނެވެ. އިރުމަތީ ފާރާއި ހުޅަނގުގެ ފާރުގެ ބައެއް ވެއްޓުނެވެ. ވިއްސާރަ އަލިވިއިރުވަނީ ކަޢުބާގެ ފުރާޅުވެސް ވެއްޓިފައެވެ. އެދަވަސްވަރު ތިއްބެވި ޢިލްމުވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެއްބަސްވެވެޑައިގަތީ ބާކީ ހުރި ފާރުތައް ތަޅާލައި އަލުން ކަޢުބާ ބިނާކުރާށެވެ. އޭރު އިސްލާމީ ދުނިޔޭގެ ވެރިކަން ހިންގަމުން ގެންދިޔައީ ޢުޘްމާނީ ޚިލާފަތުންނެވެ. އެދުވަސްވަރު ރަސްކަލެއްކަމުގައި ހުންނެވީ ސުލްޠާން މުރާދުޚާން ހަތަރެކެވެ. ސުލްތާން މުރާދު ޚާން އަމުރުކުރެއްވީ ބާކީ ހުރި ފާރުތައް ތަޅާލައި އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށެވެ. ކަޢުބާ ބިނާ ކުރުމުގެ މަސައްކަތް ނިމިފައިވަނީ ހިޖުރައިން 1040 ވަނަ އަހަރުގެ ޛުލްޙިއްޖާ 2 ވަނަ ދުވަހުއެވެ. (އިސްލާމް އޮން ވެބް، ތާރީޚްނެތް).

ފަހު ޒަމާނުގައި ގެފުޅު ހަލާކުކޮށްލުން

މާތް الله އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާވެފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم  އަވަހާރަފުޅުލައްޕަވައިގެން އޮންނަވައި މީގެ ކުރިން ނުކުރައްވާ ކަހަލަ ޙަރަކާތެއް ކުރެއްވިއެވެ. ދެން ހޭފުޅުލެއްވެވުމުންތިމަންމެން ދެންނެވީމެވެ. [މީގެ ކުރިން އަވަހާރަފުޅު ލައްޕަވައިގެން އޮންނަވައި ކަލޭގެފާނު ނުކުރައްވާކަމެއް މިއަދު ކުރެއްވިއެވެ.] އެހިދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ޢަޖާއިބު ހުއްޓެވެ. ގެފުޅުގައި ރައްކާތެރިކަން ލިބިގެންފައިވާ ޤުރައިޝުންގެ މީހެއްގެ ސަބަބުން ތިމަންކަލޭގެފާނުންގެ އުއްމަތުން ބަޔަކު ގެފުޅު ހަލާކު ކޮށްލުމުގެ ޤަޞްދުގައި އަންނަހުއްޓެވެ. ދެން އެމީހުން އަލްބައިދާއު އެވެ ކިޔުނު ތަނަކަށް އައުމާއެކު އެމީހުން ބިމަށް ގަންބަވައި ލެއްވޭހުއްޓެވެ.] ދެން ތިމަންމެން ދެންނެވީމެވެ. [އޭ اللهގެ ރަސޫލާއެވެ! މަގުން ދަތުރުކުރުމުގެ ސަބަބުން މީސްތަކުން އެމީހުނާއި އެކު އެމަގުން ދަތުރުކޮށް އަންނަހުއްޓެވެ. އެބަހީ އެމަގުން ދަތުރުކުރާ މީހުންވެސް އެމަގުން އައުމުގެ ސަބަބުން އެމީހުނާއެކުވެ ދަތުރުކުރާ ހުއްޓެވެ.] އެހިނދު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [އާނއެކެވެ. އެމީހުންގެ ތެރޭގައި ހަނގުރާމައަށް ގަސްދުކޮށްގެން އަންނަމީހުންވެސް ތިބޭހުއްޓެވެ. އަދި މަޖުބޫރުކުރެވިގެން ގެނެވުނު މީހުންވެސް އަދި އެހެން ދަތުރުކޮށްދާ ދަތުރުވެރިންވެސް ތިބޭހުއްޓެވެ. އެހުރިހާ އެންމެންވެސް ހަލާކުވެގެން ދާހުއްޓެވެ. ނަމަވެސް ޤިޔާމަތް ދުވަހު ދިރުއްވައި އެމީހުންނަށް މާތްالله ޖަޒާ ދެއްވާހުށީ ނިޔަތާ އެއްގޮތަށެވެ.] (صحيح مسلم، كتاب الفتن وأشراط الساعة،باب الْخَسْفِ بِالْجَيْشِ الَّذِي يَؤُمُّ الْبَيْتَ،ޙަދީޘް:2884).

ފަހުޒަމާނުގައި އިތިއޮޕިއާގެ ނުވަތަ ޙަބުޝްކަރައިގެ މީހަކު ކަޢުބާ ސުންނާފަތިކޮށްލާނެ ކަމަށް ޞައްޙަ ޙަދީޘުގައިވެއެވެ. އަބޫހުރައިރާ ރަޟިޔަالله ޢަންހު ގެ އަރިހުން ރިވާ ވެފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم   ޙަދީޘްކުރެއްވިއެވެ.  "‏ يُخَرِّبُ الْكَعْبَةَ ذُو السُّوَيْقَتَيْنِ مِنَ الْحَبَشَةِ ‏"‏ ‏ މާނައީ: [ދެފައިގެ ކުޑަކަޅުވާ މަސްގަނޑު ހިކި ޙަބްޝު ކަރައިގެ މީހަކު ކަޢުބާ ސުންނާފަތިކުރާ ހުއްޓެވެ.[ (صحيح مسلم،كتاب الفتن وأشراط الساعة،بَاب لَا تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَتَمَنَّى أَنْ يَكُونَ مَكَانَ الْمَيِّتِ مِنْ الْبَلَاءِ، ޙަދީޘް:2909).

މިދެންނެވުނު ޙަދީޘް ބަސްފުޅުގެ އިތުރު ތަފްސީލު ބުޚާރީގެ ރިވާޔަތުގައި ބަޔާންވެގެންވެއެވެ. އިބްނު ޢައްބާސް ރަޟިޔަالله ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم   ޙަދީޘްކުރެއްވިއެވެ.   "‏ كَأَنِّي بِهِ أَسْوَدَ أَفْحَجَ، يَقْلَعُهَا حَجَرًا حَجَرًا ‏" މާނައީ: [ދެފައިގެ މަސްގަނޑު ހިކި، ކަޅު މީހާ ކަޢުބާގެ އެއްހިލައަށްފަހު އަނެއްހިލަ ނައްޓުވާތަން ތިމަންކަލޭގެފާނަށް ފެންނަ ކަހަލައެވެ.] (صحيح البخاري، كتاب الحج،باب هَدْمِ الْكَعْبَةِ، ޙަދީޘް:1595).

ޢަބްދުالله ބިން ޢަމްރޫ ބްނުލް ޢާޞް ރަޟިޔަالله ޢަންހުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވާ ޙަދީޘް ބަސްފުޅެއްގައިވަނީ އެމީހާ ގެފުޅު ތަޅާލުމަށްފަހު ގެފުޅުގެ ޚަޒާނާތައް ލޫޓުވާލާނެ ކަމަށެވެ. އަދި ގެފުޅުގެ އުރަކޮޅުވެސް ދަމައިގަންނާނެކަމުގައެވެ. މިވާހަކަތައް އިމާމު އިބްނު ކަޘީރު ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ.

އިސްލާމްދީން އައުމަށްފަހު ފާއިތުވެދިޔަ ދިގު ޒަމާނުގައި ކަޢުބާއަށް ގެއްލުން ލިބުނު ބައެއް ހާދިސާތައް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ހިޖުރައިން 317 ވަނަ އަހަރުގެ ޙައްޖުމަހު މައްކާގައި ހިންގި ހަމަނުޖެހުން ފާހަގަކުރެވެއެވެ. އެއަހަރުގެ ތަރްވިޔާ ދުވަހު (ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހު) ޝީޢީންގެ ފިރުޤާއެއްކަމުގައިވާ ގަރާމިޠާއިންގެ ބަޔަކު މައްކާއަށް އަރާ ޙައްޖާޖީން ޤަތުލުކޮށް، މީސްތަކުންގެ މުދާތައް ފޭރުނުކަން ތާރީޚު ފޮތްތަކުން އެނގެން އެބަ އޮތެވެ. އެބައިމީހުން ޙަޖަރުލް އަސްވަދު ނަގައިގެން ގެންދިޔައެވެ. ޙަރަމްފުޅުގެ ޙުރުމަތް ކަނޑައި، އެމީހުންގެ ކުފުރާއި މުލްޙިދުކަން (ދީނެއް ނެތްކަން) ހާމަކުރިއެވެ.

ގަރާމިޠާއިންނަކީ ފާޠިމީންނާއި އެބައިމީހުންގެ ލީޑަރު ޢުބައިދުﷲ އިބްނު މައިމޫން އަލްގައްދާޙްގެ ވާގިވެރިންނެވެ. އޭނާގެ ވަނަމަކީ އަލްމަހްދީއެވެ. އޭނާ ދަޢުވާކުރާ ގޮތުގައި އޭނާއަކީ ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ނަސަބުފުޅުން އައިސްފައިވާ މީހެކެވެ. ބާބަރީންގެ (Berbers) ގިނަ ބަޔަކު އޭނާގެ ބަސް ގަބޫލުކުރުމުން، އޭނާ ދައުލަތެއް ބިނާކުރީއެވެ. (ބާބަރީންނަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ މީހުންނެވެ. ދިވެހިބަހާއި ޢަރަބިބަހުގައި މިނަން ލިޔެފައި އޮންނަނީ ބަރުބަރީން މިފަދައިންނެވެ.) އިބްނު ކަޘީރު ލިޔުއްވައިފައިވާ ގޮތުގައި ގަރާމިޠާއިން މައްކާގައި ހިންގި މި ލޭއޮހޮރުވުމުގެ ސަބަބުން ފާޠިމީ ވެރިޔާ އަލްމަހްދީ ވަރަށް ރުޅި އައެވެ. އެހެނީ އެކަމުގެ ސަބަބުން މުޅި އިސްލާމީ އުއްމަތުގެ ފާޑުކިޔުން އަމާޒުވި ސަބަބަކަށް އެކަންވީތީއެވެ. އެހެންކަމުން މަހްދީ، ގަރާމިޠާއިންގެ ވެރިޔާ އަބޫ ޠާހިރަށް ސިޓީއެއް ފޮނުވައި، މައްކާއިން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރަން އަމުރުކުރިއެވެ. އަބޫ ޠާހިރު އެ އަމުރަށް ކިޔަމަންވެ، ޙަޖަރުލް އަސްވަދު އަނބުރާ މައްކާއަށް ރައްދުކުރިއެއެވެ. (އިސްލާމްވެބް.ނެޓް، 2011).

  

ރެފަރެންސް

1.     ޢަބްދުލްޣަނީ،މުޙައްމަދު އިލްޔާސް. (2004). ދަ ހިސްޓްރީ އޮފް މައްކާ މުކައްރަމާ (އަފްޒަލް ޙުސައިން އިލްޔާސް، ތަރުޖަމާނު).  ޕާކިސްތާނު: އައްރަޝީދު ޕްރިންޓާސް.

2.     އިސްލާމްވެބް.ނެޓް. (4 ޖޫން 2003). ހޫ ބިލްޓް ދި ކަޢުބާ؟ ]ކަޢުބާ ބިނާކުރީ ކާކު؟  [ އިސްލާމްވެބް. https://www.islamweb.net/en/fatwa/85886/builder-of-the-kabah.

3.     އިސްލާމްވެބް.ނެޓް. (17 މެއި 2011). ދަ ގަރާމިޠާ ސްޓީލިން ދަ ބްލެކްސްޓޯން ފްރޮމް ދަ ކަޢުބާ ] ގަރާމިޠާއިންގެ މީހުން ކަޢުބާއިން ޙަޖަރުލްއަސްވަދު ވަގަށް ނެގުން  [ އިސްލާމްވެބް. https://www.islamweb.net/en/fatwa/156575/the-qaraamitah-stealing-the-black-stone-from-the-ka’bah

4.     ސައުދީޕެޑިއާ. (2025). ޙިޖްރު އިސްމާޢީލު. https://saudipedia.com/en/hijr-ismail

5.     ބެލް، ޖެނިފާ. (2 މޭ 2019). ދަ ކައުބާ އެންޑް ދަ ސެކްރެޑް ޖޯގްރަފީ އޮފް އިސްލާމް. https://www.arabnews.com/node/1491651/lifestyle.

6.     މުބާރަކްޕޫރީ، ޞަފިއްޔުއް ރަޙްމާން. (1996). ސީލްޑް ނެކްޓަރ: ބަޔޮގްރަފީ އޮފް ދަ ނޯބަލް ޕްރޮފެޓް. ސައުދީ ޢަރަބިއްޔާ: މަކްތަބާ ދާރުއްސަލާމް ޕަބްލިޝާރ އެންޑް ޑިސްޓްރިބިއުޓަރސް.

7.     އިބްނު ކަޘީރު، އަބޫ އަލްފިދާ އިސްމާޢީލް ބިން ޢުމަރު. (2003). ތަފްސީރު އިބްނު ކަޘީރު (ވޮލިޔުމް 1). (ޞަފިއްޔުއް ރަޙްމާން މުބާރަކްޕޫރީ، ތަރުޖަމާނު). ރިޔާދު: ދާރުއްސަލާމް ޕަބްލިޝާޝް އެންޑް ޑިސްޓްރިބިއުޓާސް.

8.     އަލް ޤުރްތުބީ، އަބޫ ޢަބްދުالله މުޙައްމަދު ބިން އަޙްމަދު. (2019). ތަފްސީރުލް ޤުރްތުބީ (ވޮލިޔުމް 1). (ޢާއިޝާ ބެވްލީ ތަރުޖަމާނު). ލަންޑަން: ދީވާން ޕްރެސް.

 

 

 

މިއަދު އޮންލައިން