ހައްޖަށްދާން ނިޔަތްގަނެ މަހަކު ކިތަންމެ
ކުޑަމިންވަރެއް ނަމަވެސް ޖަމާކުރެވޭތޯ ބެލުމަކީ އަޅުކަމަކަށްވާނެކަމާއިމެދު މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިފަދަ ސުވާލުތައް ހިތުގައި އުފެދެނީ އެމީހުންނަކީވެސް ޙައްޖަށްދާން ބޭނުންވާ ބައަކަށްވެފައި އަތްމަތި ދަތިކަމުން އެކަމަށް ފައިސާޖަމާނުކުރެވޭތީ ކަންބޮޑުވާވަރުންނެވެ.
ވިސްނާށެވެ! ކޮންމެ އަޅުކަމެއްގައިވެސް ފުރިހަމަކުރަން އޮތީ ދެބައެކެވެ. ފުރަތަމަ ކަމަކީ އެކަމެއްކުރަން އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަތުމެވެ. ދެވަނަ ކަމަކީ އެކަމެއް ޙާޞިލުކުރަން ކުރަންޖެހޭ މަސައްކަތް އެމީހާގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން ކުރުމެވެ.
ވީމާ މީހަކު ޙައްޖަށްދާން އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެފިނަމަ ފުރަތަމަކުރަންޖެހޭނެ ކަންތައް ފުރިހަމަކުރެވުނީއެވެ. އަދި އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަހަކު އެންމެ ރުފިޔާއެއްވެސް ރައްކައުކުރާނަމަ ދެވަނަބައި ފުރިހަމަކުރެވުނީއެވެ.
ޙައްޖުވުމަށް ނިޔަތްގަނެ މިބުނި މަޤުން މަސައްކަތްކުރާށެވެ! މާނައަކީ ކޮންމެ މަހަކުވެސް ކިތަންމެ ކުޑަމިންވަރެއް ނަމަވެސް އެކަމަށް ޚާއްޞަކޮށްގެން ރައްކާކުރަން މަސައްކަތްކުރާށެވެ. އެފަދަ މީހަކަށްވެގެން ހުރިނަމަ ތިބާއަށް ޙައްޖަށް ނުދެވުނު ނަމަވެސް ތިބާއަކީ ޙައްޖުވީމީހެއްފަދައިން ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލައްވަވާނެ ކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން