ބައިވެރިޔާ މަރުވުމުން ކުރާނެ ފައިދާއަށް ބަލައި ނުބައި ޖަރީމާތައް ހިންގާ މީހުންވެސް އުޅެއެވެ. ބުނަންހެއްޔެވެ؟ ޖަރީމާއެއް ނުހިންގިނަމަވެސް ބައިވެރިޔާ އަވަހަށް މަރުވުމަށް އެދުމަކީވެސް ހަމަ ބޮޑުޖަރީމާއެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. އެއްވެސް މީހަކު އަވަހަށް މަރުވުމަށް އެދުމެއް ނެތެވެ. އޮތީ ޢުމުރު ދިގޮށްދެއްވެވުން އެދިގެން ދުޢާކުރުމެވެ.
ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ބައިވެރިޔާ އަވަހަށް މަރުވަން އެދޭ ބައަކު އެބައުޅެއެވެ. އެމީހުން ތިބެނީ ބައިވެރިޔާ މަރުވާއިރަށް ކައިވެނިކުރާނެ 2،3 މީހުން ކިޔޫގައި ބައިތިއްބައިގެންނެވެ. މާނައަކީ ކައިވެނިކުރާނެ 2،3 މީހުން އިޚްތިޔާރުކޮށްގެންނެވެ. އެމީހުންނާއި ކައިވެނި ނުކުރެވި ލަސްވާތީ ތިބެނީ ކަންބޮޑުވެފައެވެ. އެއިރުން އެކުރެވެނީ ކިހައިބޮޑު ފާފައެއްކަމާއިމެދުގައިވެސް ވިސްނާނުލައެވެ.
ޚާއްޞަކޮށް ބައިވެރިޔާއަކީ އެއްވެސް ބައްޔެއްގައި އުޅެންޖެހިފައިވާ މީހަކު ނަމަ ނުވަތަ ޢުމުރުގެ ތަފާތު ބޮޑުނަމަ އަވަހަށް މަރުވަން ބޮޑަށް އެދެވެއެވެ. މިއީ ކޮންފަދަ ނުބައިކަންބޮޑު ވިސްނުމެއް ހެއްޔެވެ؟ ބަލިވެ އުޅުނަސް، ޢުމުރު ތަފާތު ނަމަވެސް އޭނާއަށްވުރެ ކުރިން ތިމާމަރުވެދާނެކަން ނުވެސް ވިސްނެނީއެވެ. ގަދަވެ ސަލާމަތުން ތިބޭ މީހުން އަވަހަށް މަރުނުވަނީ ހެއްޔެވެ؟ ދޮށީ ބައިވެރިޔާ ދުނިޔޭގައި ހުއްޓާ ޒުވާން ބައިވެރިން މަރުނުވަނީހެއްޔެވެ؟
ދެން ވިސްނައިލާށެވެ! ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ﷲ ތަޢާލާ ހެކިކޮށް ދެމީހުންގެ ޢުމުރަށް އެކުގައި ދިރިއުޅުމަށް އެތައް ވަޢުދުތަކެއް ވެފައެވެ. އެކަންކަން ﷲ ތަޢާލާ ދެނެވޮޑިގެން ނުވާކަމަށް ހީކުރާނަމަ އެކުރެވެނީވެސް ބޮޑު ފާފައެކެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިފަދަ ނުބައި ވިސްނުންތައް ނުގެންގުޅޭށެވެ! އެފަދަ ޚިޔާލުތައްވެސް ނުކުރާށެވެ! އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ! ބަލިޙާލެއްގައި އުޅެން ބައިވެރިޔާއަށް ޖެހިއްޖެނަމަ އޭނާއަށް ޚިދުމަތްކުރުމަކީ އުފަލެއްކަމަށް ދެކޭށެވެ! ބައިވެރިޔާ ޢުމުރުން ދޮށިނަމަވެސްމެއެވެ. ބައިވެރިޔާއަށް ހެޔޮކޮށް ހިތައި ޚިދުމަތްކުރުމުގެ ޖަޒާއަކަށް ސުވަރުގެ ވެއްދެވުމަށް އެދޭށެވެ. ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ ސުވަރުގެ ވަދެވެން އޮތް މަގެއްކަން ކުރިންވެސް ބަޔާންކޮށްދީފީމެވެ.
--މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން