ކިތަންމެ ބޮޑު، ކިތަންމެ މަތީ ފެންވަރުގެ ކެއުމެއްގައިވިޔަސް އުލަކުން ނުވަތަ ސަމުސަލަކުންވިޔަސް ވައަތުން އަނގައަށް ލައްވާނަމަ އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ކިތަންމެ ބޮޑު، ކިތަންމެ މަތީ ފެންވަރުގެ ކެއުމެއްގައިވިޔަސް އުލަކުން ނުވަތަ ސަމުސަލަކުންވިޔަސް ވައަތުން އަނގައަށް ލައްވާނަމަ އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށް!

ކައިބޮއި ހެދުމުގައިވެސް ބަލަންވީ ސުންނަތުގައި އޮތްގޮތެވެ. ކަނީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެވެ. މީހަކު ދޭކެއުމެއްނަމަވެސް އެއީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެކެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ސުންނަތަށް ޢަމަލުކުރުމެވެ.  

އިސްލާމް ދީނުގައި ކަންކަން ލައްވަވާފައިވަނީ އެމީހާގެ ޙާލަތުގެ މައްޗަށެވެ. ސުންނަތުގައި އޮތީ ކަނައަތުން ކެއުމެވެ. އެހެނަސް އެމީހަކަށް ދިމާ ކަމެއްގެ ސަބަބުން ކަނައަތުން ކެވެން ނެތްނަމަ އެޙާލަތުގައި ވައަތުން ކެއުމަކީ މައްސަލައެއް ނޫނެވެ. އެކަން ވަނީ ހުއްދަވެގެންނެވެ.  

("فعَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ” لا يَأْكُلَن أَحَدٌ مِنْكُمْ بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِهَا ” رواه مسلم ( 2020 )

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވެވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ވާ އަތުން ކައި ނުހަދާށެވެ. އަދި ވާ އަތުން އެއްޗެތި ބޮއި ނުހަދާށެވެ. ހަމަކަށަވަރުން ޝައިޠާނާ ކައި ބޮއި ހަދަނީ ވާއަތުންނެވެ."  

ނަމަވެސް ބަލި ޙާލަތު ހުރި ގޮތުން ކަނައަތުން ކެއުމަށް ޢުޛުރުވެރި ވެއްޖެ މީހާ ވައަތުން ކައި ބޮއި ހެދުމަކުން މައްސަލަ އެއް ނެތެވެ. 

މުސްލިމުންވެސް އުލާއި ސަމުސަލުން ކައި ހަދައެވެ. އަދި އެއީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫން ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. މުހިންމު ކަމަކީ ޣައިރު މުސްލިމުން ކައި ހަދާ ފަދައިން ކެއުމެވެ. ވައަތުން ނުކެއުމެވެ. ވައަތުން ކައިބޮއި ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.  އޫ ނަމަވެސް ސަމުސާ ނަމަވެސް އަނގއަށް ލާންވާނީ ކަނާއަތުން ހިފުމަށްފަހު ކަނާއަތުންނެވެ. ކަނައަތުން ބޭނުންކުރާ އެއްޗެކެވެ. 

އަދި ހަމަ އެއާއެކު ކާން ޖެހޭނީ ތަށީޣެ ތިމާ އާއި އެންމެ ގާތުންކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުންވެސް މިކަން އެނގިގެންދެއެވެ.  

(ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلُّ مِمَّا يَلِيك “رواه البخاري ( 3576 ) ومسلم : 2022

މާނާއަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން ރިވާ ވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަ ކުއްޖަކު ކަމުގައި ތިމަންނާ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާ އެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާ އަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން