އެދެމަފިރިންނަށް މުސާރައިގެ ގޮތުގަ މަހަކު 35،000
ރުފިޔާ ލިބޭއިރުވެސް ނުފުދެއެވެ. އުޅެންޖެހެނީ ދަތިޙާލުގައެވެ. ސަބަބު އޮޅުންފިލުވުމުން އެނގުނީ ތަންތަނުން އިންސްޓޯލްމަންޓަށް ނަގާފައިވާ ތަކެތި ގިނަވުމާ ލުއިލޯނު މަތިމައްޗަށް ނަގާފައިވުމުން މުސާރައިން ގެއަށް ގެންނަން ލިބޭ މިންވަރު މަދުވުމެވެ.
އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ހޭލުންތެރިވެލެއްވުމެވެ.
ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް ގިނަވެ އަދި ވަރި ގިނަވަމުންދާ މައްސަލައިގެ ވާހަކަ އެންމެންހެން ދައްކައެވެ. އެކަންކަން މެދުވެރިވާކަމަށް އެމީހަކަށް ޤަބޫލުކުރެވޭ ސަބަބުތަކުގެ ވާހަކަވެސް ދައްކައެވެ. އަހުރެންވެސް ވަރަށް ގިނަ ސަބަބުތަކުގެ ވާހަކަދައްކަމެވެ.
އެގޮތުން މިރޭވެސް ބަޔާންމިކުރަނީ އެފަދަ ސަބަބެކެވެ. ގިނަ ބައަކު ނުވެސް ވިސްނާ ކަމެއްގެ ވާހަކައެވެ. އެކަމަކީ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރަން ރިބާ ހިމެނޭ ލޯނުތައް ނެގުމެވެ. ރިބާގެ މުޢާމަލާތުތައް ކުރެވުމެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ރިބާގެ މުޢާމަލާތުތައް ކުރާނަމަ އެމީހަކަށް ނުވަތަ އެބައަކަށް ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނެތެވެ. ވީމާ ތިމާއަށް ނުލިބޭ މިންވަރުން ކަންކަން ކުރަން ނުވަތަ އެއްޗެތި ގަންނަން ރިބާ ހިމެނޭ މުޢާމަލާތުތައް ނުކުރާށެވެ.
ވިސްނާށެވެ! އެގެއެއްގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނަމަ އޮންނާނީ ހަމަނުޖެހުމެވެ. ދެބަސްވުމެވެ. މައްސަލަތަކެވެ. ދެމަފިރިންގެ މެދުގައިވެސް މިމައްސަލަތައް ކުރިމަތިވާނެއެވެ. މައްސަލަތައް ކުރިމަތިވާނީ ކޮން ގޮތަކަށްކަން ނުވެސް އެނގޭނެއެވެ. މައްސަލަތައް ގިނަވެ ކައިވެނިވެސް ރޫޅޭހިސާބަށް ކަންކަން ދަނީއެވެ.
ވީމާ ދެމަފިރިން އުފަލުގައި ދިރިއުޅެން ބޭނުންނަމަ ލިބޭ މިންވަރަށް ފުއްދައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ. ދަތިޙާލުގައި އުޅެންޖެހުނަސް ލޯނު ނުނަގާށެވެ! ރިބާ ހިމެނޭ އެއްވެސް ކަމެއް ނުކުރާށެވެ! ދަރަނިވެރިވާން މަޖުބޫރު ޙާލަތެއް މެދުވެރިވެގެން ނޫނީ ދަރަނިވެރިނުވާށެވެ! އެއިރުން އެޢާއިލާއަކަށް (ދެމަފިރިންނަށް) ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން