ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ 1

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 7ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ 1

އަލީ އިހްސާން ފިރާގް

ތަރުޖަމާ ކުރިފަރާތުގެ ބަސް

އިސްލާމްދީނުގެ ނަބިއްޔާގެ ދައުރަށްފަހު އިސްލާމީ ތާރީޚު ދުށް އެންމެ ބަރަކާތްތެރި ދައުރަކީ ޚުލަފާއުއްރާޝިދޫންގެ ދައުރެވެ. އެ ދައުރުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ދައުރަކީ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަالله ޢަންހުގެ ދައުރެވެ. އެދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު އިސްލާމީ ފުތޫހާތުގެ ދާއިރާ ފުޅާވެގެންދިޔަ ދައުރެކެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ހިނގައިދިޔަ އެންމެ މަޝްހޫރު އެއް ހަނގުރާމައަކީ [ޤާދިސިއްޔާ ހަނގުރާމަ] އެވެ. މި ހަނގުރާމައަކީ ފާރިސީންގެ ބޮޑުބާރު ބިމާހަމަވެގެންދިޔަ ތާރީޚީ ހަނގުރާމައެވެ.

ޤާދިސިއްޔާ ހަނގުރާމަ  [The Battle of Qadisiyyah] މި ފޮތަކީ މަޝްހޫރު ދާރުއްސަލާމް ޕަބްލިޝިންގ ހައުސްއިން 2013 ވަނަ އަހަރު ނެރެފައިވާ ފޮތެކެވެ.  މި ފޮތަކީ ޖިހާދުގެ ޢަސްކަރީ އުކުޅުތަކާއި، މުޖާހިދުންގެ އާދަޔާޚިލާފު ހިތްވަރާއި، ހަނގުރާމައިގެ ފަސްފަހަތް ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އެކުލަވާލާފައިވާ އަގުހުރި ފޮތެކެވެ. މިފަދަ ފޮތެއް ދިވެހިބަހަށް ތަރުޖަމާކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ކިޔުންތެރިންނަށް އިސްލާމީ ތާރީޚުގެ މި ނާޒުކު ދަނޑިވަޅުގެ ޞައްޙަ މަޢުލޫމާތުތައް ފަސޭހަކަމާއެކު ކިޔާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ފޮތް ތަރުޖަމާކުރުމުގައި އަސްލު ލިޔުމުގެ މާނަ ނުގެއްލޭނެހެން، ދިވެހިބަހުގެ ބަސްމަގާއި ގުޅޭނެ ފަދަ އޮމާން ސާދާ ބަހުރުވައެއް ބޭނުންކުރުމަށް މަސައްކަތްކޮށްފައިވާނެއެވެ. ތާރީޚީ ބައެއް ލަފުޒުތަކާއި މީހުންގެ ނަންތައް ލިޔުމުގައި ދިވެހިބަހުގެ ރަސްމީ ހަމަތަކަށް ބަލާފައިވާނެއެވެ.

އަޅުގަނޑުގެ މި ކުޑަކުޑަ މަސައްކަތަކީ ދިވެހި އުންމަތަށް ފައިދާކުރަނިވި، އަދި އިސްލާމީ ތާރީޚަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ އަގުހުރި ހަދިޔާއަކަށް ވުމީ އަޅުގަނޑުގެ އުންމީދެވެ.

ދުޢާއަކީ މި މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، މިއީ އަޅުގަނޑުގެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ލިޔުއްވާނެ ޢަމަލެއްކަމުގައި ލައްވައިދެއްވުމެވެ. އަޅުގަނޑު މަރުވެދިޔުމަށްފަހުވެސް ޘަވާބު ލިބި ލިބި ހުންނަފަދަ [ޞަދަޤަތުން ޖާރިޔާއެއް] ކަމުގައި ލެއްވުމެވެ. އާމީން.

އަލީ އިހްސާން ފިރާގް

6 ޖޫން 2026 (މި ތަރުޖަމާގެ މަސައްކަތް ފެށުނީ ޑިސެމްބަރު 2025 ގައެވެ).  

މުޤައްދިމާ

މި ދިރާސާ ފޮތުގެ މައިގަނޑު މަޢުޟޫޢަކީ، ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ހިނގި ޤާދިސިއްޔާ ހަނގުރާމައެވެ. މި ހަނގުރާމައިގައި މުސްލިމުން ވަނީ ފާރިސީންގެ މައްޗަށް ވަރަށް މަތިވެރި ފާންކަންގަދަ ފަތަޙައެއް ހޯދާފައެވެ. މި މަތިވެރި ޖިހާދުގެ މައިގަނޑު މައުޟޫޢަށް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރައްވާފައިވާ އެއްބޭފުޅަކީ ޕްރޮފެސަރ އަޙްމަދު ޢާދިލް ކަމާލްއެވެ. ޕްރޮފެސަރ އަޙްމަދު ޢާދިލް ބަޔާންކުރައްވާ ގޮތުގައި، ޤާދިސިއްޔާ ހަނގުރާމަ ހިނގާފައިވަނީ ހިޖުރީ ސަނަތުން 15 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ.

މި ހަނގުރާމައިން ލިބުނު ފަތަޙައާއެކު ސާސާނީ ދަރިކޮޅުގެ ވެރިކަން ވެއްޓުން ރަސްމީކޮށް އިއުލާންވެގެން ދިޔައެވެ. ޢިރާޤު ފަތަޙަކުރުމަށް މަގުކޮށައިދިން ކަމެއްކަމުގައި މިކަންވިއެވެ. މީގެ އިތުރުން، މި ހަނގުރާމަވެގެންދިޔައީ ފާރިސްކަރަޔާއި (އީރާނަށާއި) އެ ޤައުމުން ބޭރުގައިވާ ސަރަހައްދުތަކަށް އިސްލާމީ ދައުލަތް ފުޅާވެގެންދިއުން އަވަސްކޮށްދިން ކަމަކަށެވެ. މި ހަނގުރާމައިގައި ފާރިސީން ލަޝްކަރުގައި 240,000 ސިފައިން ތިއްބެވެ. އިސްލާމީ ލަޝްކަރުގައި ތިބީ ގާތްގަނޑަކަށް 30,000 ސިފައިންނެވެ.  ނަމަވެސް މުސްލިމް ލަޝްކަރު ވަނީ، އަޖައިބެއްފަދަ ގޮތަކަށް އެ ޒަމާނުގެ އެންމެ ބާރުގަދަ ދައުލަތް ކަމުގައިވި ފާރިސީ އެމްޕަޔަރ މުޅިން ބަލިކަށިކޮށް، ބިމާހަމަކޮށްލާފައެވެ.

މި ހަނގުރާމައިގެ ތެރޭގައި މުސްލިމް މުޖާހިދުން ވަނީ އާދަޔާޚިލާފު ހިތްވަރާއި ބުންވަރެއް ދައްކުވައިދީފައެވެ. އާދަޔާޚިލާފު ޖެހިލުންކުޑަކަމާއި ކެތްތެރިކަމެއް ދައްކުވައިދީފައެވެ. ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރަނިކޮށް ޒަޚަމްވެ ބައެއް މުޖާހިދުންގެ ބަނޑު ފަޅައިގެންގޮސް ގޮހޮރު ބޭރަށް ނިކުތެވެ. ނަމަވެސް، އެބޭކަލުން ޝަހީދުވެދިޔުމާ ހަމައަށް ހިތްވަރާއެކު ހަނގުރާމަކުރިއެވެ. މި ހަނގުރާމައިގެ ތެރޭގައި ހިނގި އެހެން އަސަރުގަދަ ހާދިސާއެކެވެ. މަޝްހޫރު ޝާޢިރާ ޚަންސާ ރަޟިޔަﷲ ޢަންހާ، އެކަމަނާގެ ހަތަރު ފިރިހެން ދަރިން ގެންނަވައި އެކުދިން ދުޝްމަނުންގެ ސަފުތަކުގެ ތެރެއަށް ވެދެ ކެރިގެން ހަނގުރާމަ ކުރުމަށް ހިތްވަރު ދެއްވިއެވެ. އެ ހަތަރުކުދިން ނުހަނު ޖޯޝާއިފޯރީގައި ގޮސް ހަނގުރާމަކޮށް ޝަހީދުވިއެވެ. އަބޫ މިޙްޖަން އާއި ޢަމްރު ބިން މަޢްދީކަރިބް ރަޟިޔަﷲ ޢަންހުމާގެ ބުތޫލަތްތެރި ޖިހާދުގެ ޙަރަކާތަކީވެސް ތާރީފު ޙައްޤުކަންކަމެވެ. ޤަޢުޤާޢު ބިން ޢަމްރު ރަޟިޔަﷲ ޢަންހު ބޭނުންކުރެއްވި  ބުއްދިވެރި ޢަސްކަރީ އުކުޅަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެކަލޭގެފާނުވަނީ މުސްލިމުންގެ ލަޝްކަރުގައި ހުރި ޖަމަލުތައް ބޮޑެތި އެތްތަކެއްގެ ސިފައަށް ބަދަލުކޮށްލައްވައި ދުޝްމަނުންނަށް ދައްކާފައެވެ. އެބައިމީހުން ބިރުގަންނުވައިފައެވެ. މިއީ މި ދިރާސީ ފޮތުން ތަފްސީލުކޮށް ކިޔާލަން ލިބޭނެ އަސަރުގަދަ އިބްރަތްތެރި ވާހަކަތަކެވެ.

ހަނގުރާމައިގެ ޖޯޝާއި ފޯރި އެންމެ ގަދަވި ވަގުތު ހިނގި އެހެން ހާދިސާއަކެވެ. ކުއްލިއަކަށް ޖެހެންފެށި ހުޅަނގުގެ ގަދަ ވަޔާއެކު ފާރިސީންގެ ޖެނެރަލް ރުސްތުމްގެ ތަޚުތު ހުރި ފޭލިގެ ވަޔާ އޭގެ މުޑިތަކުން ލުހިގެންދިޔައެވެ. އިލާހީ މި މަތިވެރި އެހީ އާއި މުޖާހިދުންގެ ގަދަ ހިތްވަރުން ހަމަ ޙަޤީޤަތުގައިވެސް ފާރިސީންގެ ބާރު މުލުން ލުހިގެން ގޮސް ވަޔާ ބުރައިގެން ދިޔައެވެ. ޤާދިސިއްޔާގައި މުސްލިމުން ވަނީ ފާރިސީންގެ ބާރު މުޅިން ކަނޑުވާލައިފައެވެ. ދުވަހަކުވެސް އެއިން އަރައިނުގަނެވޭނެ ފަދަ ވަރުގަދަ ހަމަލާއެއް އެބައިމީހުންނަށް ދީފައެވެ. އެހެންކަމުން، ޤާދިސިއްޔާ ހަނގުރާމައަކީ މުޅި އިންސާނީ ތާރީޚުގައިވެސް ހިނގާދިޔަ އެންމެ ފައިޞަލާ ރަނގަޅު އަދި އެންމެ މުހިންމު އެއް ހަނގުރާމައެވެ.

އަޅުގަނޑުމެން އުންމީދުކުރަނީ މި ފޮތުގެ ސަބަބުން މުސްލިމުންނަށާއި ކިޔުންތެރިންނަށް، އިސްލާމީ ތާރީޚުގެ މި ނާޒުކު ދަނޑިވަޅާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިބި މިހަނގުރާމައިގެ ކަންތައްތައް އިތުރަށް ސާފުވެގެންދާނެ ކަމަށެވެ. މި ފޮތް ނެރުމުގައި އެހީތެރިވެދެއްވި އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ޓީމަށް ޝުކުރު އަދާކުރަމެވެ. އޭގެ ތެރޭގައި މުޙްސިން ފަރާނީ (ލާހޯރު އޮފީސް)، ޤާރީ މުޙައްމަދު އިޤްބާލް (ރިސާރޗް ސެކްޝަން، ރިޔާޟް ހެޑް އޮފީސް)، އިނގިރޭސި އެޑިޓަރު ޢަބްދުލް ވާޙިދު މިސްބާޙް އަދި ސީނިއަރ ޑިޒައިން އާޓިސްޓް ޝަހުޒާދު އަޙްމަދު ހިމެނެއެވެ. އަޅުގަނޑުމެން ކުރި މި މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ.

ޢަބްދުލް މާލިކް މުޖާހިދު ޖެނެރަލް މެނޭޖަރު ދާރުއްސަލާމް، ރިޔާޟް 2013

- ނުނިމޭ -

މިއަދު އޮންލައިން