އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ސުވާލު ގިނަ ކުއްޖެކެވެ. ނިދުމުގެކުރިން ބަޤަރާސޫރަތުގެ ފަހު 2 އާޔަތް ކިޔަވްނަ ބުނީމާ އެއީ ކީއްވެގެންތޯ އެބަ ސުވާލުކުރެއެވެ. އެހެންވެ އަޅުގަނޑު ބޭނުންވަނީ ކިޔަވަންވީ ސަބަބު ބުނެދެވޭނެ ވަރަށް މަޢުލުމާތުހުރި ލިޔުމެކެވެ.
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ބޭނުން ފުދިލައްވާނެކަމަށް އުންމީދުކުރަމެވެ.
ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް:
އަބޫ މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.
»الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ« [رواه البخاري (4008)، ومسلم (807)]
މާނައީ: "ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ."
މި ޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
"ބުނެވެއެވެ. ޙަދީޘްގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައިވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުން ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައިވެސް ވެދާނެއެވެ."
[شرح مسلم للنووي (6/ 92)]
ވީމާ ރޭގަނޑު ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމަކީ ފަރުވާތެރިވާންޖެހޭނެ ކަމެކެވެ. އެކަމުން ލިބެން އޮތް ފައިދާ ބޮޑުކަމުންނެވެ.
ހަމައެއާއިއެކު:
ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ބާރުއެޅުއްވިއެވެ.
ޢުޤްބާ ބުނު ޢާމިރު رضي الله عنه ވިދާޅުވިއެވެ.
” أَمَرَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ “. [وصححه الألباني في ” صحيح سنن أبي داود”]
މާނައީ: “ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ﷲ ގެ ރަސޫލާ ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.” أبو داود (1523) وصححه الألباني في “صحيح سنن أبي داود “
އަދި މި ތިން ސޫރަތް (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ހެނދުނާއި ހަވީރު ކިޔުމަށްވެސް:
އެކަލޭގެފާނު ބާރުއެޅުއްވިއެވެ.
ނަބިއްޔާ صلى الله عليه وسلم، ޢަބްދުﷲ ބުނު ޚަބީބު رضي الله عنه އަށް ޙަދީޘްކުރެއްވިއެވެ.
»قُلْ: “قُلْ هُوَ اللَّهُ أَحَدٌ”، وَالمُعَوِّذَتَيْنِ، حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ« رواه الترمذي (3575) وصححه، وأبو داود (5082). وصححه النووي في “الأذكار” (ص107)، وحسنه ابن حجر في “نتائج الأفكار” (2/345)، والألباني في “صحيح سنن الترمذي”
މާނައަކީ: "ހެނދުނުވާއިރު އަދި ހަވީރުވާއިރު ތިބާ قُلْ هُوَ اللَّهُ أَحَدٌ އަދި މުޢައްވިޛަތައިން (ނާސި އަދި ފަލަޤި ސޫރަތް) 3 ފަހަރު ކިޔަވާށެވެ. ތިބާއަށް ހުރިހާކަމަކުން އެ ފުދިގެންވާނެއެވެ."
ފަހެ މިއީ ހެނދުނާއި ހަވީރު ކިޔުމަށް ސުންނަތުގައި ޘާބިތުވެގެންވާ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ޖަމާކުރުމަށް ފަސޭހަވެގެންވީ މިންވަރެވެ.
والله أعلم.
أسأل الله أن ينفعنا بهذه!