ހަވަނަ سُـــــــــؤَالً
ކަށްވަޅުގެ عَذَابُ ދެއްވާ ސަބަބުތަކަކީ ކޮބައިހޭ؟
جَــــــوَاب
إِجْمَالِى ގޮތުން ބަލާއިރު ކަށްވަޅުގެ عَذَابُ ދެއްވާ ސަބަބުތަކަކީ، إِنْسَان އާ ދިރިދުނިޔޭގައި އުޅުނުއިރު ﷲ އަށް إِيْمَان ވުމުން އެއްކިބާވެގަތުމާއި، އެކަލާގެ رَسُوْل އާ ގެ سُنَّة ދޮގު ކުރުމާއި، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ނުކުރުމާއި، އެކަލާނގެ نَهِى ކުރެއްވި ކަންތަކަށް އަރައިގަތުން ފަދަ ކަންކަމެވެ. އެއާ خِلاَف އަށް اللهُ مَعْرِفَة ކޮށް ދެނެގަނެ، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެ نَهِى ކުރެއްވި ކަންތަކުން ދުރުވެ ރައްކައު ތެރިވެ އެކަލާނގެ رَسُوْل އާގެ سُنَّة ދިރުވައި އެ سُنَّة އާ އެއްގޮތަށް ދިރިއުޅުން ވޭތި ކޮށްފައިވާ މީހަކަށް އެކަލާނގެ عَذَاب އެއް ނުދެއްވާނޭކަމީ، ކީރިތި قُرْآن ންނާއި، ކީރިތި رَسُوْل އާގެ سُنَّة ން ثَابِت ވާ ކަމެކެވެ.
ކަށްވަޅުގެ عَذَابُ ގެ ތެރެއިން رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ދެކެވަޑައިގެންފައިވާ ބައެއް ކަންތަކާއި، އެނގިވަޑައިގެންފައިވާ ބައެއް ކަންތަކާމެދު މި أُمَّة އަށް خَبَرُ ދެއްވާފައި ވެއެވެ. އޭގެތެރެއިން އެއް حَادِثَة އަކީ، ދެމީހަކަށް ކަށްވަޅުގެ عَذَابُ ދެއްވެނިކޮށް އެކަން އެނގިވަޑައިތުމުން، أَصْحَابُ ންނަށް އެ خَبَرُ ދެއްވި حَادِثَة އެކެވެ. އެދެމީހުންނަކީ (އެދެމީހުން ހީކޮށްފައިވާ ގޮތުގައި) މާބޮޑުކަމެއް ކޮށްފައިވާ ދެމީހުންނެއް ނޫނެވެ. އޭގެތެރެއިން އެކަކީ ދެބައޮޑުވަމުން ހިނގާ އުޅުނު މީހެކެވެ. އަނެކަކީ، ކުޑަކަމުދާއިރު ނަޖިހުން ރައްކައުތެރި ނުވެ އުޅުނު މީހެކެވެ. މިފަދަކަމެއް ކޮށްފައިވާ މީހަކަށް ކަށްވަޅުގެ عَذَابُ ދެއްވުމުން އެނގޭ ކަމަކީ، މިއަށްވުރެ ނުބައިކަންތައް ކުރާމީހަކަށް ދެއްވާ ކަށްވަޅުގެ عَذَابُ މާބޮޑުވާނެ ކަމެވެ.
ﷲ ރުއްސުންލެއްވި أبُوْ هُرَيْرَة ގެފާނުގެ رِوَايَة އެއްގައިވާފަދައިން رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ކަށްވަޅުގެ عَذَابُ ގެ ތެރެއިން ދެކެވަޑައިގެންފައިވާ ބައެއް ކަންތަކުގެ خَبَرُ މި أُمَّة އަށް ދެއްވާފައިވެއެވެ. އޭގެ ތެރޭގައި، ނަމާދާމެދު ބުރަހެލިވެ ފަރުވާ ކުޑަކުރާ މީހުންނާއި، زَكَاة ނުދޭ މީހުންނާއި، فَاحِشْ عَمَلُ ކުރާ މީހުންނާއި، أَمَانَة އަށް خِيَانَة ތެރިވާ މީހުންނާއި، فِتْنَة އުފައްދާ މީހުންނާއި، މިފަދަ މީސްމީހުންނަށް ހުރި ކަށްވަޅުގެ عَذَابُ ގެ ތަފާތު ބާވަތްތައް ހިމެނެއެވެ. އަދި ހަމަ އެފަދައިން، أَبُوْ سَعِيْدُ الْخُدْرِىّ ގެ رِوَايَة އެއްގައި އެކުލެވިގެންވާ ފަދައިން ކަށްވަޅުގެ عَذَابُ ގެ ތެރޭގައި حَلاَلُ ތަކެތި ދޫކޮށް حَرَامْ ތަކެތި ކައިބޮއި އުޅޭމީހުންނާއި، ރިބާކާމީހުންނާއި، އަނިޔާވެރި ގޮތުގައި يَتِيْمُ ންގެ މުދާ ކާމީހުންނާއި،
ޒިނޭކުރާ މީހުންނާއި، غِيْبَ ބުނާ މީހުންފަދަ މީހުންނަށް ހުރި عَذَابُ ގެ ތަފާތު ބާވަތްތައް ހިމެނެއެވެ. އަދި އެހެނިގެން رِوَايَة (1) ތަކުގައިވެސް، رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ކަށްވަޅުގެ عَذَابُ ގެ ތެރެއިން ދެކެވަޑައިގެންނެވި ކަންތައް ހިމެނެއެވެ.
ކީރިތި قُرْآن ން ސާބިތުވާ ކޮންމެކަމަކާއި، ކީރިތި رَسُول އާގެ سُنَّة ން ثَابِتُ ވާ ކޮންމެކަމެއް، ހިތުގައިޝައްކު ކަމެއްނެތި، ތެދުކޮށްކަށަވަރު ކުރުމަކީ إِيْمَانކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވުމާއެކު ކަށްވަޅުގެ حَالَة އާ ބެހޭގޮތުން ކީރިތި قُرْآن ން ثَابِتُ ވާ ކޮންމެ ކަމަކާއި،
رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ގެ އަރިހުން ثَابِتُ ވާ ކޮންމެ ކަމެއް ހިތުގެ އަޑިން قَبُوْلُ ކުރުމަކީ وَاجِبُ ކަމެކެވެ.
އަޅަމެންނަށް ދިރުންދެއްވައި، މަރުހިއްޕަވާ ރަސްކަލާކޮ! ކަށްވަޅުގެ عَذَابُ ންނާއި ނަރަކައިގެ عَذَابُ ން އަޅަމެން ދިންނަވާފާނދޭވެ!
- އަލްއުސްތާޛް އާދަމްނަސީމު ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން--