ޙަސަދަވެރިން ގިނަވެ ލޯބިލިބުން ޙައްޤުނަމަވެސް ލޯބިލިބޭނީ މަދު ބައެއްގެ ފަރާތުން! ދައްކަންވީ ލޯބި ނުދިނަސް މާޔޫސްނުވެ ކުރިއަށްދާނެކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޙަސަދަވެރިން ގިނަވެ ލޯބިލިބުން ޙައްޤުނަމަވެސް ލޯބިލިބޭނީ މަދު ބައެއްގެ ފަރާތުން! ދައްކަންވީ ލޯބި ނުދިނަސް މާޔޫސްނުވެ ކުރިއަށްދާނެކަން!

ތިމާއަކީ ނަފްސާނީގޮތުން ދޮޅަހެޔޮކަންމަތީގައި ހުރި މީހަކަށްވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަމިއްލަ ނަފްސްދެކެ ލޯބިވާ މީހަކަށްވާށެވެ. އެފަދަ މީހަކަށްވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމެއް މިކުރެވެނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަށްކަން ޔަޤީންކުރާށެވެ. އަދި އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްކަމާއި އެކަން މިކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށްކަން ޔަޤީންކުރާށެވެ.  

ދެވަނަކަމެއްގެ ގޮތުން އަމިއްލަ ނަފްސްދެކެ ލޯބިވާ މީހަކަށްވާށެވެ. އަމިއްލަ ނަފްސްދެކެ ލޯބިވާ މީހަކަށްވެވޭނީ އެކަމެއް ކުރުމުން ތިމާއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކޮށްހުރުމުންނެވެ. ވީމާ ފުރތަމަ ކަމަކަށްވެސް މީހަކު ބުނާހައި ކަމެއް ނުކުރާށެވެ. އެކަމަކާއިމެދު ފުންކޮށްވިސްނުމަށްފަހުގައި ނޫނީ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ!  

އެހެން މީހުން ތިމާދެކެ ލޯބިވުމަށް އެންމެންވެސް އެދޭނެއެވެ. ނަމަވެސް އެހެން މީހުންގެ ލޯބި ލިބޭނީ މަދުމީހަކަށެވެ. ވީމާ ތިމާއަކީ އެފަދަ މަދުމީހުންގެ ތެރޭގައި ހިމެނޭ މީހަކަށްވުމަށް އެހައިބޮޑަށް އުންމީދުނުކުރާށެވެ! އެހެން މީހުންގެ ލޯބި ނުލިބުނަސް އުފަލުގައި އުޅެވޭނެކަން އަމިއްލަ ނަފްސަށް ޔަޤީންކޮށްގެން ހުރެ ދިރިއުޅެން މަސައްކަތްކުރާށެވެ.

އަދިވެސް ވިސްނާލަންޖެހޭނެ ކަމެއް އެބަ އޮތެވެ! ގިނަ ބައަކަށް އެހެން މީހުންގެ ލޯބިނުލިބެނީ ލިބުން ޙައްޤުނުވާތީއެއްވެސް ނޫނެވެ. ހިތުގައި އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުންނެވެ. އެކަމަށްވެސް މުސްލިމުންނަށް ޙައްލެއް އެބަ އޮތެވެ. އެއީ ޛިކުރުތައް ކިޔައި ހަސަދަވެރިންގެ ނުބައިކަމުން ރައްކައުތެރިކަން ލިބުން އެދިގެން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން