ތިންފަށްވުމުން ފަށްކަނޑައިގެން ކުރީގެ ފިރިމީހާއާ ކުރާ ކައިވެނީގެ ޙުކުމަކީ ކޮބައިތޯ؟ މިސުވާލު މިކުރަނީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑު މިއިނީ 3 ފަށްވެފައެވެ. ފިރިމީހާ ބުނަނީ ކައިވެނިކުރަންޖެހޭނީ އޭނާ ދައްކާ މީހަކާ ފަށްކަނޑަން ކަމަށެވެ. ފައްކަނޑައިގެން އޭނާއާއި ކައިވެނިކުރަންޖެހޭނެ ކަމަށެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ 3 ފަށްވުމުން އެއީ މުޅިން ހިލޭ ފިރިހެނެކެވެ. ތިބާގެ މައްޗަށް ފާދުކިޔައި ބާރުހިންގުމެއް ނެތެވެ. ކުރާ އަމުރަށް ކިޔަމަންވުމެއްވެސް ނެތެވެ. ތިބާއަށް އޮތީ ދިރިއުޅުމުގތެ ނިޔަތުގައި ތިބާއަށް ފެންނަ މީހަކާ ކައިވެނިކުރުމެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ފަށްކަނޑަން ކައިވެނިކުރުމާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ދުނިޔެއަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް މީހާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
ފަށްކަނޑަން ކައިވެނިކުރުމަކީ ވެސް އަދި އެކައިވެންޏަށްފަހު (އެކައިވެނިން ފަށްކެނޑުނުކަމަށްބަލައި) ކުރާ ކައިވެނިވެސް ހުއްދައެއް ނޫނެވެ. ސަބަބަކީ ފަށްކަނޑަން ކައިވެނިކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވާތީއެވެ.
ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފަށްކަނޑަން ކައިވެނިކުރާ މީހާ އަށާއި ކައިވެނިކުރެވުނު މީހާއަށް ލަޢްނަތް ލެއްވެވިގެންވާ ކަމަށެވެ.
ވީމާ 3 ފަށްވެއްޖެނަމަ އަންހެން މީހާ ކައިވެނިކުރަންވާނީ ދެވަނަ މީހަކާއިއެކު ދިރިއުޅެވޭތޯ ބެލުމަށެވެ. ކައިވެނި ކުރަނީ ފަށްކަނޑަން ކަމުގައި ހަދައިގެން ނުވާނެއެވެ. ދިރިއުޅުމުގެ މަގްޞަދުގައި ކައިވެނިކޮށް ދިމާވާ ކަމަކުން ވަރިވެއްޖެނަމަ ނުވަތަ ފަހުގެ ފިރިމީހާ މަރުވެއްޖެނަމަ ފަށްކެނޑުނީއެވެ. އަދި ކުރީގެ ފިރިމީހާ އާއި ކައިވެނި ކުރެވިދާނެއެވެ.
---ޑރ. މިޙައްމަދު އިޔާޟް ޢަބްދުއްލަޠީފް