ޙުރުމަތްތެރިވެގެންވާ މައްސަރެއްގަ ފާފަނުކުރަންވީ އަދި ހެޔޮޢަމަލުކުރުން ގިނަކުރަންވީ ސަބަބުތައް-: އާސިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 6މ 44ސ
ޙުރުމަތްތެރިވެގެންވާ މައްސަރެއްގަ ފާފަނުކުރަންވީ އަދި ހެޔޮޢަމަލުކުރުން ގިނަކުރަންވީ ސަބަބުތައް-:  އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވާލު: އަހަރެމެން މިހާރު މިތިބީ އިސްލާމީ ކަލަންޑަރުގެ 11 ވަނަ މަސް ކަމަށްވާ ޛުލްޤަޢިދާ މަހުގައެވެ. މި މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކުގެ (الأشهر الحرم) ތެރެއިން މަހެކެވެ. އެހެންކަމުން މި މަހުގައި ކުރާ ކޮންމެ ހެޔޮ ޢަމަލެއްގެ ސަވާބު ދެގުނަވެގެންވެއެވެ. އަދި ހަމައެފަދައިން ފާފަތައްވެސް ދެގުނަވެގެންވޭހެއްޔެވެ. އަހަރެން މި ބުނީ ރަނގަޅަށް ހެއްޔެވެ؟ 

ޝެއިޚް ގެ ޖަވާބު: އެންމެ ފުރަތަމަ، ކަންކަން ސާފުކޮށްލަމާ ހިނގާށެވެ. "الأشهر الحرم" (ޙުރުމަތްތެރިވެގެންވާ މަސްތަކަކީ) ކޮބައި ހެއްޔެވެ؟ އެއީ އިސްލާމްދީނުގައި ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހެވެ. މި މަސްތައް ފެށެނީ ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހުންނެވެ (އެއީ 1 ވަނަ މަހެވެ). ދެން 7 ވަނަ މަސް ކަމަށްވާ ރަޖަބް މަހެވެ. އެއަށްފަހު 11 ވަނަ އަދި 12 ވަނަ މަސް ކަމަށްވާ ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހެވެ. މި ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހެވެ. 

މި މަސްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ޛިކުރު ކުރައްވާފައިވޭ ހެއްޔެވެ؟ ޖަވާބަކީ އާއެކޭއެވެ. ﷲ ޢައްޒަވައްޖައްލަ ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:

إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ‎﴿٣٦﴾‏

ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشرك ންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ! (36) 

ޚުލާޞާގޮތެއްގައި މިއީ ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވާފައިވާ ގޮތެވެ. އެކަލާނގެ އުޑުތަކާއި ބިން ހެއްދެވި ދުވަހުން ފެށިގެން، އަހަރެއްގައި ވަނީ 12 މަސްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި ހަތަރު މަހެއް ޙުރުމަތްތެރި ކުރެއްވުނެވެ. އެ މަސްތަކަކީ ތިމަންމެން ދެންމެ އެ ބަޔާންކުރި މަސްތަކެވެ.

މިހާރު، ޢަބްދުލްޢަޒީޒްގެ ސުވާލަށް ބަލާއިރު، މި ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ހެޔޮ ޢަމަލުތަކުގެ ސަވާބު ދެގުނަވެ، އަދި ފާފަތަކުގެ އަޒާބުވެސް ދެގުނަވަނީ ހެއްޔެވެ؟

ޖަވާބަކީ: "ދެގުނަވުމުގެ" އުޞޫލެއް (ޙިސާބީ ގޮތުން ދެގުނައަށް އިތުރުވުމެއް) މިތަނަކު ނެތެވެ.

ނަމަވެސް، އެ މަސްތައް ޙުރުމަތްތެރިވެގެންވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެ މަސްތަކުގައި ކުރެވޭ ފާފައެއްގެ "ބޮޑުމިން" (ނުބައިކަން) އެހެން މަސްތަކަށްވުރެ ބޮޑުވާތީއެވެ. 

މިސާލަކަށް، ލަންޑަނުގައި ހުރެގެން ކުރާ ފާފައަކާއި، މައްކާގެ ބިމުގައި ހުރެގެން ކުރާ ފާފައެއް ތަފާތެވެ. ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:

وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ‎﴿٢٥﴾‏

އަދި އެތާނގައި އަނިޔާވެރިކަމާއެކު، دين އާ خلاف ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ން ރަހަދައްކަވާހުށީމެވެ. (25)" 

އެހެންކަމުން ﷲ ކަމެއް ޙަރާމްކުރައްވާފައިވާއިރު، އެކަމެއް ޙުރުމަތްތެރިވެގެންނުވާ ވަގުތެއްގައި ނުވަތަ ތަނެއްގައި ކުރުމަށްވުރެ، ޙުރުމަތްތެރިވެގެންވާ ވަގުތެއްގައި ނުވަތަ ތަނެއްގައި ކުރުމުގެ ނުބައިކަން މާ ބޮޑެވެ. އެހެންކަމުން ރަބީޢުލް އައްވަލް މަހު ނުވަތަ ސަފަރު މަހު ކުރާ ފާފައަކަށްވުރެ، މިހާރު މިހިނގާ ޛުލްޤަޢިދާ މަހު ކުރާ ފާފައެއްގެ ނުބައިކަން މާ ބޮޑެވެ. އެއީ ހަމަ އެއް ފާފައެވެ، އެކަމަކު އޭގެ ނުބައިކަމުގެ ބަރުދަން ބޮޑީއެވެ. 

އަހަރެންގެ ރަޙްމަތްތެރިއަކު އަހަރެން ގާތު "ކަލޭ ތިއީ މޮޔައެއް" ބުނެފިނަމަ، އަހަރެން އެކަން ޤަބޫލުކޮށްފާނަމެވެ، އެއީ މަގޭ ރަޙްމަތްތެރިއެކެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ދަރިފުޅު އަހަރެން ގާތު "ބައްޕާ، ތިއީ މޮޔައެއް" ބުނެފިނަމަ، އެއީ ހަމަ އެއް ޖުމްލައެއް ނަމަވެސް އޭގެ އަސަރާއި ނުބައިކަން މާ ބޮޑެވެ. 

އެހެންކަމުން މިއީ ތަފާތެވެ. ފާފަތަކާއި ހެޔޮ ޢަމަލުތައް (ޙިސާބީ ގޮތުން) ދެގުނަވުމެއް ނެތެވެ، ނަމަވެސް އޭގެ ބޮޑުމިނާއި ބަރުދަން ހަމަޔަޤީނުންވެސް ތަފާތެވެ. 

މި ސަބަބަށްޓަކައި ޢިލްމުވެރިން، މިސާލަކަށް ޛުލްޤަޢިދާ މަހުގައި ޢުމްރާވުން މުސްތަޙައްބު ކުރައްވައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެހެން މަސްތަކުގެ ޢުމްރާއާ އެއްފަދަ ހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވަނީ ނޫނެކޭއެވެ. އަނަސްގެފާނު ރިވާކުރެއްވި ގޮތުގައި ނަބިއްޔާ ﷺ ކުރެއްވި ހުރިހާ ޢުމްރާއެއް ކުރައްވާފައިވަނީ ޛުލްޤަޢިދާ މަހުގައެވެ. އެހެންކަމުން ގިނަ ޢިލްމުވެރިން އެ މަހުގެ ކުރީކޮޅުގައި ޢުމްރާވުމަށް ލޯބިކުރައްވައެވެ. 

އަދި ރަޖަބް މަހުގައި ބައެއް ޢިލްމުވެރިން ރޯދަހިފުން ހުއްދަ ކުރައްވައެވެ. އެކަމަށް ޚާއްޞަ ޞަޙީޙް ޙަދީޘެއް ނެތްނަމަވެސް، އެބޭކަލުން ބުރަވަނީ އެއީ ޙުރުމަތްތެރިވެގެންވާ މަސްތަކުގެ ތެރެއިން މަހަކަށް ވާތީއެވެ. 

ހަމަ އެހެންމެ، ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހުގައި ރޯދަހިފުމަށް ނަބިއްޔާ ﷺ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން އަހަރެމެންނަށް އެނގެއެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

މިއަދު އޮންލައިން