މުޙައްރަމް މަހު އަހަރެމެންނަށް ކުރެވިދާނެ ކަންތައްތައް: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
މުޙައްރަމް މަހު އަހަރެމެންނަށް ކުރެވިދާނެ ކަންތައްތައް: ޑރ. ޔާސިރު ޤާޟީ

އަހަރެމެން މިހާރު މިތިބީ މުޙައްރަމް މަހުގެ ތެރޭގައެވެ. އަދި މިއީ ޙުރުމަތްތެރި ކުރައްވާފައިވާ މަހެކެވެ. ޙަޤީޤަތުގައި، އަހަރެމެންގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ، ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެ ހެޔޮވެގެންވާ މަހަކީ ﷲ ގެ މަސް، އަލް-މުޙައްރަމް މަސް ކަމަށެވެ.

އެހެންކަމުން ފާހަގަކޮށްލަންޖެހޭ ކަމަކީ، އަހަރެމެންގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މުޙައްރަމް މަހަށް 'ﷲ ގެ މަސް' (ޝަހްރުﷲ) އޭ ވިދާޅުވެ ނިސްބަތްކުރެއްވި ކަމެވެ. އިސްލާމީ ކަލަންޑަރުގެ އެހެން އެއްވެސް މަހަކަށް 'ޝަހްރުﷲ' ގެ ނަމުން ނަންދެވިފައެއް ނުވެއެވެ. އެކަލޭގެފާނު ސީދާ ވިދާޅުވީ "ޝަހްރުﷲ ހިލް މުޙައްރަމް" (ﷲ ގެ މަސް، މުޙައްރަމް) އެވެ. އެހެންކަމުން، މިއީ މި މަހަށް ދެވިފައިވާ އެންމެ މަތިވެރި ޝަރަފުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އިސްލާމީ ކަލަންޑަރުގެ އެހެން އެއްވެސް މަހަކަށް މި ޝަރަފު ދެވިފައެއް ނުވެއެވެ. 

މި މުޙައްރަމް މަހަކީ (ޙުރުމަތްތެރި ކުރައްވާފައިވާ) ހަތަރު މަހުގެ ތެރެއިން މަހެކެވެ. އަދި ކިއެއްތަ، ގިނަ ޞަޙާބީން ވިދާޅުވި ގޮތުގައި މިއީ އެ ހަތަރު މަހުގެ ތެރެއިންވެސް އެންމެ ޙުރުމަތްތެރިކަން ބޮޑު މަހެވެ. ހަމަކަށަވަރުން ރަމަޟާން މަހަކީ އަހަރުގެ އެންމެ މުޤައްދަސް މަހެވެ. ނަމަވެސް ރަމަޟާން މަހަކީ ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެއް ނޫނެވެ. އަދި ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޙުރުމަތްތެރި ކުރައްވާފައިވާ ހުރިހާ މަސްތަކެއްގެ ތެރެއިންވެސް އެންމެ ޙުރުމަތްތެރިކަން ބޮޑީ މުޙައްރަމް މަހެވެ.

ނަބިއްޔާ ﷺ ސުވަރުގެވަޑައިގަތްތާ 8 ނުވަތަ 10 އަހަރު ފަހުން، ޢުމަރުގެފާނު (އިސްލާމީ) ކަލަންޑަރު ތަޢާރަފު ކުރެއްވި އިރު، ކަލަންޑަރު ފަށާނީ ކޮން މަހަކުންތޯ (ޞަޙާބީން) މަޝްވަރާ ކުރެއްވިއެވެ. ބައެއް ޞަޙާބީން މިވެނި މަހެކޭ ވިދާޅުވިއެވެ. އަދި އަނެއް ބޭކަލުން އެހެން މަސްމަހުގެ ވާހަކަ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަމަޟާން މަހުން ފެށުމުގެ ރައުޔެއްވެސް އޮތެވެ. އެންމެ ފަހުން ގިނަ ޞަޙާބީން އިއްތިފާޤުވެވަޑައިގަތީ، އަހަރު ފެށުމަށް އެންމެ އެކަށީގެންވަނީ މުޙައްރަމް މަސް ކަމަށެވެ. އެއީ އެ މަހުގެ ބަރަކާތްތެރިކަމުގެ ސަބަބުންނާއި، އެ މަސް އަންނަނީ ޙައްޖުގެ އަޅުކަމަށްފަހު ކަމަށްވާތީ، އެއީ އާ ފެށުމެއް ފަދައިން ވާތީއެވެ.

އެހެންކަމުން، އަހަރުގެ ފުރަތަމަ މަހަކީ މުޙައްރަމް މަސް ކަމުގައި އެބޭފުޅުން ނިންމެވިއެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މުޙައްރަމް މަހަކީ އަހަރުގެ ފުރަތަމަ މަހެވެ. އަދި މިއީ ނަބިއްޔާ ﷺ ގަވާއިދުން ރޯދަ ހިއްޕެވި މަހެކެވެ. 

އިބްނު ޢައްބާސްގެފާނު ރިވާކުރެއްވިއެވެ: "ޢާޝޫރާ ދުވަހާއި މުޙައްރަމް މަހުގެ ރޯދައަށްވުރެ ބޮޑަށް، ނަބިއްޔާ ﷺ ރޯދަހިއްޕެވުމަށް ސަމާލުކަން ދެއްވި އެހެން ދުވަހެއް ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ." އަދި ޢާޝޫރާ ދުވަހުގެ މާނައަކީ ސީދާ (ޢަރަބި ބަހުން) 'ޢަޝަރާ' (ދިހައެއް) އިން އައިސްފައިވާ، ދިހަވަނަ ދުވަހެވެ. މި ދުވަހު ރޯދަހިފުން، ރަމަޟާން މަހުގެ ރޯދަ ފަރުޟުވުމުގެ ކުރިންވެސް އޮތީ ވާޖިބު ކުރެވިފައެވެ. ހިޖުރައިގެ ފުރަތަމަ އަހަރު މިއީ ވާޖިބެއްގެ ގޮތުގައި ކަނޑައެޅުނެވެ. އަދި ފުރަތަމަ އަހަރު އެންމެންމެ ރޯދަ ހިފަންޖެހުނެވެ. އެއަށްފަހު ﷲ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ރޯދަ ވާޖިބުވެ، އޭގެ ޖެހިގެން އައި އަހަރު މުޙައްރަމް މަހުގެ ރޯދައަކީ ވާޖިބެއް ނޫން ކަމަށް ސުންނަތް ރޯދައެއްގެ ގޮތުގައި ހަމަޖެހުނެވެ. އެހެންކަމުން، އިސްލާމްދީނުގެ ފުރަތަމަ އަހަރު، މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަހިފުން ހުރިހާ މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވުނެވެ. އަދި ދެވަނަ އަހަރު، އެއީ ވާޖިބެއްގެ ދަރަޖައިން، ގަދަވެގެންވާ ސުންނަތް ރޯދައެއްގެ ދަރަޖައަށް ބަދަލުވިއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން