އަލީ އިހްސާން ފިރާގް
ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި ބަސްފުޅުވީ ޢުމަރުގެފާނު ފަދަ އިސްލާމްދީނަށްޓަކައި ޤުރްބާންވެވަޑައިގަންނަވަން ތައްޔާރަށް ތިއްބެވި ބޭކަލުންނަށް ހިތްވަރަކަށެވެ. މަޖޫސީންގެ ހިތްތަކުގައި މުސްލިމުންނާ މެދު އޮންނަ ޢަދާވާތެރިކަން ޢުމަރުގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ގެންދެވީ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އިރާނުގެ ލަޝްކަރުގެ ކަންތައްތައް ރަނގަޅަށް ބައްލަވަމުންނެވެ. އެދުވަސްވަރަކީ މުސްލިމުންގެ ރަންޒަމާނެވެ. ދުޝްމިނުން އެބައިމީހުންގެ ވަރުގަދަ ކިއްލާތަކުގެ ތެރޭގައި ތިބޭއިރު މުސްލިމުންގެ ޚިޔާލެއް އެބައިމީހުންގެ ސިކުނޑިއަށް ވެރިވިކަމުގައި ވިޔަސް ބިރުން ތުރުތުރުއަޅައިގެންދެއެވެ.
އޭރު ފާރިސީންގެ ވެރިއަކަށް ހުރި ޔަޒްދުޤިރުދާއި އޭނާގެ ޖެނެރަލުން މަޝްވަރާ ކުރުމަށްފަހު ނިންމީ މުސްލިމުން މުލުން ލުހެލުމަށެވެ. މުސްލިމުންގެ ބާރު ކަނޑުވައިލުމަށެވެ. އެބައިމީހުން އެކި ދިމަދިމާލުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެއްކުރުމަށްފަހު ފުރާތުކޯރުގެ އައްސޭރީގައި ވަރުގަދަ ހަނގުރާމައެއް ކުރުމަށް ނިންމިއެވެ. މަޤުޞަދަކީ ހަލުވިކަމާއެކު ފެތުރެމުން ދިޔަ އިސްލާމްދީން ހުއްޓުވުމެވެ. އިރާނުގެ ރަސްގެފާނު އޭނާގެ ޖެނެރަލުންނަށް ބުންޏެވެ. [ތިޔަބައިމީހުންގެ އަތުގައި ހަތިޔާރާއި މުދާ އެބަހުއްޓެވެ. އިންސާނީ ވަސީލަތްތަކާއި ބާރު އެބަ އޮތެވެ. ތިޔަބައިމީހުން މުސްލިމުންނާ ދެކޮޅަށް ތެދުވެ އެބައިމީހުންގެ ބާރު މުޅިން ކަނޑުވާލާށެވެ.]
އިސްލާމުންގެ އިއްޒަތެރި ވެރިޔާ ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުއަށް ވެރިއެއްގެ ހައިސިއްޔަތުން އެކަލޭގެފާނުގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. މަދީނާގައި އޮތް އިސްލާމީ ދައުލަތް އަބަދުވެސް އޮތީ ތައްޔާރީ ހާލަތުގައެވެ. އިސްލާމީ ލަޝްކަރު ޝާމުކަރަ ފަތަޙަ ކުރުމަށްފަހު އެތަނުގައި އިސްލާމްދީނުގެ ދިދަ އުފުލައިލިއެވެ. އޭގެފަހުން މުސްލިމުން އެންމެ ބޮޑަށް ފާރަވެރިވަމުން ދިޔައީ އީރާނުގެ މަޖޫސީނަށެވެ. އެބައިމީހުންގެ ކެހިވެރިކަމުން ސީރިޔާގެ ސަރަހައްދުތައް ސަލާމަތްކުރުމަށްޓަކައެވެ.
ހިޖްރައިން 15 ވަނަ އަހަރުގެ ތެރޭގައި ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުއަށް ވަރަށް ވަރުގަދަ ޚަބަރެއް ލިބިވަޑައިގަތެވެ. އެ ޚަބަރަކީ އިރާނުގެ މީހުން ބައިއެއްކޮށްގެން ބޮޑު ލަޝްކަރެއް ތައްޔާރު ކުރަމުން ގެންދާ ޚަބަރެވެ. މުސްލިމުންނާ ދެކޮޅަށް އެބައިމީހުން އާ ޙަރަކާތެއް ހިނގަން އުޅޭކަމުގެ ޚަބަރެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ޢުމަރުގެފާނު އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނު އަމާނާތްތެރި ކޮމާންޑަރު މުޘަންނާ ބިން ޙާރިޘް އާ ބައްދަލުކުރެއްވިއެވެ. ޢުމަރުގެފާނު އެކަލޭގެފާނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. [ކަލޭގެފާނު ކައިރި ޤަބީލާތައް އުޅޭ ސަރަހައްދަށް ވަޑައިގަންނަވާށެވެ. އެތަންތަނަށް ވަޑައިގެން ހަނގުރާމަ ކުރާނެ މީހުން އެއްކުރައްވާށެވެ.]
ތާރީޚުލިޔުންތެރިން ބަޔާންކުރާ ގޮތުގައި، ކޮންމެހެން ހަނގުރާމައަށް ނުކުންނަންޖެހޭ ގޮތަށް (ކޮމްޕަލްސަރީ މިލިޓަރީ ކޮންސްކްރިޕްޝަން) ސިފައިންގެ ޚިދުމަތަށް މީހުން ނެގުމުގެ ނިޒާމު އެންމެ ފުރަތަމަ ތަޢާރަފުކުރެއްވި ބޭފުޅަކީ ޢުމަރުލް ފާރޫޤް ރަޟިޔަﷲ ޢަންހުއެވެ.
ހަނގުރާމައިގެ ތައްޔާރީތައް
މުއުމިނުންގެ އަމީރުގެ ވިދާޅު ބަސްފުޅާއެކު މުޘަންނާ ބިން ޙާރިޘް ރަޟިޔަ ﷲ ޢަންހު ވަރަށް ފޯރި އާއި ޖޯޝާއެކުގައި ހަނގުރާމައިގެ ތައްޔާރީތައް ފައްޓަވައިފިއެވެ. އެކަލޭގެފާނު ތަފާތު ސަރަހައްދުތަކަށް ވަޑައިގެންނެވިއެވެ. ތަފާތު ޤަބީލާތަކާ ބައްދަލު ކުރެއްވިއެވެ. ޒުވާނުންގެ ހިތްތަކުގައި ހަނގުރާމައިގެ ރޫޙު އުފެއްދެވިއެވެ. ޒުވާނުންގެ ގިނަ ބަޔަކު ލަޝްކަރުގައި ހިމެނުއްވިއެވެ. މުޘަންނާ ބިން ޙާރިޘް ރަޟިޔަ ﷲ ޢަންހު މި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއިރު މަދީނާގައި ޢުމަރުގެފާނު ޚާއްޞަ އިއުލާނެއް ކުރައްވައިފިއެވެ. އެ އިއުލާނަކީ އެމީހެއްގެ އަތުގައި ސަވާރުވާނެ އަހެއް ނުވަތަ ހަނގުރާމަ ކުރާނެ ހަތިޔާރު ހުރި ކޮންމެ މީހަކު މަދީނާއަށް އައުމެވެ. މިގޮތުގެ މަތީން ޢުމަރުގެފާނު ހަނގުރާމައަށް އެންމެ ޤާބިލު މީހުން މަދީނާއަށް އެއްކުރެއްވިއެވެ. އޭގެ ތެރޭގައި ހެވިކަމުގެ ހުނަރުތަކަށް ކުޅަދާނަ ހަނގުރާމަވެރިންނާއި ޅެންވެރިންނާއި ދޫފަސޭހަ ޚަތީބުންނާއި ޤަބީލާތަކުގެ ވެރިން ހިމެނެއެވެ.
އީރާނުގައި ޔަޒްދުގިރުދުވެސް ގެންދިޔައީ ހަނގުރާމައިގެ ތައްޔާރީތައް ވަމުންނެވެ. އޭނާގެ ދައުލަތް ބާރުގަދަކޮށް ނެގެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އޭނާ ގެންދިޔައީ ދުނިޔޭގެ ކަންކޮޅުތަކުގެ ވެރިންނަށް ސިޓީ ފޮނުވަމުންނެވެ. މުސްލިމުންގެ އާރާއި ބާރުގެ ވާހަކަ ބަޔާންކޮށްފައެވެ. މުސްލިމުންގެ ފަރާތުން އަތުވެދާނެ ނުރައްކަލުގެ ވާހަކަތައް އެސިޓީތަކުގައި ހުއްޓެވެ. އޭނާ ސިޓީ ފޮނުވި ރަސްރަސްކަލުންގެ ތެރޭގައި ޗައިނާގެ ރަސްގެފާނުވެސް ހިމެނެއެވެ. އީރާނުގެ އެންމެހާ ލީޑަރުން ތިބީ ޔަޒްދުގިރުދަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. އޭނާގެ އަމުރަށް ކިޔަމަންވެގެންނެވެ. އެމީހުން ތިބީ އޭނާގެ އެންމެހާ އެންގުންތަކަކަށް ފުރިހަމައަށް އެއްބާރުލުންދޭން ތައްޔާރަށެވެ. (ނުނިމޭ).