ކުރީގެ ދަރުސްތަކުގައިވެސް ބަޔާންކުރި ފަދައިން ދިރިއުޅެން ކުރަންޖެހޭ މަސައްކަތަކާއި ގުޅިގެން އެކަމެއް ކުރަން ނުވަތަ ކޮންމެހެން އެރޭ އަދާކުރަންޖެހޭ ޢާއިލީ ޒިންމާއެއް އަދާކުރަން ނުވަތަ ޢިލްމު އުނގެނުން ފަދަ މުހިންމު ކަމެއްގައި ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައިތިބުމެއް ނެތެވެ.
ދެން ބައެއް މީހުން ކުރިމަތިކުރާ ސުވާލަކީ އަވަހަށް ނިދަން އުޅުމުންވެސް ނުނިދޭނަމަވެސް ގޭގައި ތިބެންވީހެއްޔެވެ؟ ބޭރަށް ނުކުމެ އެކުވެރިންނާއިއެކު އުޅެލުމުން ފޫހިފިލައެވެ. އެހެންވިޔަސް އެކަން ހުއްދަ ނުވާނީ ހެއްޔެވެ؟
އެގޮތުން ކުރެވޭ ސުވާލުތަކަށް ސުންނަތުން ޖަވާބުލިބެން އެބައޮތެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ ރޭގަނޑު ނިދުމުގެ ކުރިން ކިޔަވަން ސުންނަތުން ޘާބިތުވާ ސޫރަތްތައް ކިޔެވުމެވެ. ދެން ނިދުމުގެ ކުރިން ވިތުރި ކުރުމެވެ. އެވަރުންވެސް ނުނިދޭނަމަ ޛިކުރުކުރުމެވެ.
މިކަންކަން ކުރެވޭނީ ގޭގައި މަޑުކޮށްލައިގެންނެވެ. މައްސަލައަކަށް މިވަނީ މިކަންކަމަށް ނުވިސްނައި ރޭގަނޑު ކައިގެން ގެއިން ބޭރުގައި ކުރާނެ ކަންކަން ޕްރޮގްރާމްކުރެވޭ ކަމެވެ. އެކުވެރިންނާއިއެކު ބޭރުގައި އުޅުން ފަދަ ކަންކަން ކުރަން ޕްރޮގްރާމް ކުރެވޭ ކަމެވެ.
ދެން އޮތީ ދެމަފިރިންގެ ގުޅުން ބަދަހިކުރަން ނުވަތަ ކޮންމެހެން ދެމަފިރިން އެކުގައި ގޮސް ކުރަންޖެހޭ ބާޒާރުކުރުން ފަދަ ކަންކަމަށް ބޭރަށް ދިއުމެވެ. އެކަންކަމަށް ބޭރަށް ގޮސްލުމަކީ ޢާއިލީ ޒިންމާގެ ތެރެއިން ކުރަން ހުއްދަވާ އަދި ކުރަންޖެހޭނެވެސް ކަންކަމެވެ. އެކަމަކުވެސް ވަޤުތު ބޭކާރުކުރުމެއް ނެތެވެ. ވީހައި ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ނިންމައި އަވަހަށް ގެއަށް އެނބުރި އަންނަންވާނެއެވެ. އެއިރުން ވަޤުތުގައިވެސް އަދި ދިރިއުޅުމުގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން