އާޝޫރާ ދުވަހު ރޯދަހިފުމުގެ އިތުރަށް ވީހާގިނައިން އަޅުކަންކުރަންވާނެ!: ޑރ. ޔާސިރް ޤާޟީ

ކިޔުމަށް ހޭދަވާނީ 7މ 27ސ
އާޝޫރާ ދުވަހު ރޯދަހިފުމުގެ އިތުރަށް ވީހާގިނައިން އަޅުކަންކުރަންވާނެ!: ޑރ. ޔާސިރް ޤާޟީ

ޢާއިޝަތު ރަފާޙް ޢަލީ

 

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ގޮތުގައި، އެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ (ފާފަ ފުއްސެވޭނެ ކަމެކެވެ). މުޙައްރަމް މަހުގެ 10 ވަނަ މި ދުވަހަކީ، މޫސާގެފާނު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރެއްވި ދުވަސް ކަމުގައި ނަބިއްޔާ ﷺ އަހަރެމެންނަށް ކިޔައިދެއްވިއެވެ. ނޫޙުގެފާނުގެ ނަވުކޮޅު ޖޫދީ ފަރުބަދައަށް ލެއްގީ މި ދުވަހުއެވެ. މާޒީގައި މިފަދަ އެތައް ޙާދިސާތަކެއް މި ދުވަސްވަރު ހިނގާފައިވުމުން، މިއީ އުފާ ފާޅުކުރުމާއި އުފާވެރިކަމުގެ ދުވަހެއްގެ ގޮތުގައި ބެލެވުނެވެ. ޔަހޫދީންވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާކަން ނަބިއްޔާ ﷺ އަށް އެނގިވަޑައިގަތް އިރު، މި ދުވަހުގެ ބަރަކާތްތެރިކަމަކީ ޔަހޫދީންގެ ކަންތައްތައް ނަބިއްޔާ ﷺ އަށް އެނގިވަޑައިގަތުމުގެ މާ ކުރިންވެސް އޮތް ކަމެކެވެ. ޔަހޫދީން ރޯދަ ހިފަނީ އެ ދުވަހަކީ މޫސާގެފާނު ސަލާމަތްވެ، ފިރުޢައުނު ޣަރަޤުވި ދުވަސް ކަމަށްވާތީ، އެއީ އުފާ ފާޅުކުރާ ދުވަހެއްގެ ގޮތުގައި ކަމަށް އެމީހުން ބުނުމުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ صِيَامًا يَوْمَ عَاشُورَاءَ فَقَالَ لَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا هَذَا الْيَوْمُ الَّذِي تَصُومُونَهُ فَقَالُوا هَذَا يَوْمٌ عَظِيمٌ أَنْجَى اللَّهُ فِيهِ مُوسَى وَقَوْمَهُ وَغَرَّقَ فِرْعَوْنَ وَقَوْمَهُ فَصَامَهُ مُوسَى شُكْرًا فَنَحْنُ نَصُومُهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَحْنُ أَحَقُّ وَأَوْلَى بِمُوسَى مِنْكُمْ فَصَامَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَمَرَ بِصِيَامِهِ

މާނަ: އިބްނު ޢައްބާސް رضى الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ މަދީނާއަށް ވަޑައިގަތް ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދައަށް ތިއްބަވަނިކޮށް ދެކެވަޑައިގަތެވެ. ފަހެ، ރަސޫލުﷲ ﷺ އެބޭކަލުންނަށް ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުން ތިޔަ ރޯދަހިފާ ދުވަހަކީ ކޮން ދުވަހެއް ހެއްޔެވެ؟" 

އެބޭކަލުން ދެންނެވިއެވެ: "މިއީ ވަރަށް މަތިވެރި ދުވަހެކެވެ. މިއީ ﷲ، މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން) ސަލާމަތްކުރައްވައި، ފިރުޢައުނާއި އަދި އޭނާގެ ޤައުމުގެ މީހުން ޣަރަޤުކުރެއްވި ދުވަހެވެ. ފަހެ، ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެދުވަހު ރޯދަހިއްޕެވިއެވެ. އެހެންކަމުން އަހަރެމެންވެސް އެ ދުވަހު ރޯދަހިފަނީއެވެ."

ފަހެ، ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް (ނިސްބަތްވުން) ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑެވެ. އަދި މާ އައުލާކަން (ގާތްކަން) ބޮޑެވެ. ."

އެއަށްފަހު، ރަސޫލުﷲ ﷺ އެ ދުވަހު ރޯދަހިއްޕެވިއެވެ. އަދި އެ ދުވަހު ރޯދަހިފުމަށް (މުސްލިމުންނަށް) އަމުރުކުރެއްވިއެވެ."

އަދި އެ އަހަރުން ފެށިގެން، އެކަލޭގެފާނު އެންމެންނަށްވެސް 10 ވަނަ ދުވަހު ރޯދަ ހިފުމަށް ބާރުއެޅުއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: "ތިމަންކަލޭގެފާނު އަންނަ އަހަރަށް ދިރިހުންނަވައިފިނަމަ، 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިއްޕަވާހުއްޓެވެ." ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މީގެ ބޭނުމަކީ އަހަރެމެންގެ އަޅުކަންތައް އެހެން ދީންތަކާއި އުންމަތްތަކުގެ އަޅުކަންތަކާ ތަފާތު ކުރުމެވެ. އެހެންކަމުން، އެންމެ މޮޅު އިތުރު ގޮތަކީ 9 އަދި 10 ގައި ރޯދަ ހިފުމެވެ. ނަބިއްޔާ ﷺ އަމަލީ ގޮތުން އެކަން އެގޮތަށް ނުކުރެއްވި ކަމުގައިވިޔަސްމެއެވެ. ސަބަބަކީ އެކަލޭގެފާނު އެ ޙަދީޘް ވިދާޅުވި އަހަރު ސުވަރުގެވަޑައިގަތުމެވެ. އެހެންކަމުން ޖެހިގެން އައި އަހަރާ ހަމައަށް އެކަލޭގެފާނު ދިރިއެއް ނުހުންނަވައެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވީ، ﷲ އެކަލޭގެފާނަށް ދިރިއުޅުން ދެއްވައިފިނަމަ މުޙައްރަމް މަހުގެ 9 އަދި 10 ގައި ރޯދަ ހިއްޕަވާނެ ކަމަށެވެ. އެހެންކަމުން، 9 އަދި 10 ގައި ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނަށް الحمدللهއެވެ. ނުވަތަ 10 އަދި 11 ގައެވެ. ނަމަވެސް ދެ ދުވަހު ރޯދަ ނުހިފޭނަމަ، މަދުވެގެން 10 ވަނަ ދުވަހު ހަމަޔަގީނުންވެސް ރޯދަ ހިފަންވާނެއެވެ. އަދި އެއީ ﷲ ގެ އިރާދަފުޅާއެކު، ރަނގަޅު ގޮތުގައި އަދި އިޚްލާޞްތެރިކަމާއެކު ކޮށްފިނަމަ، އިސްވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދޭނެ ދުވަހެކެވެ. 

އަދި ހަމަކަށަވަރުން މި ދުވަހަކީ ތާރީޚީ ބޮޑު ހިތާމައެއްވެސް ހިނގާފައިވާ ދުވަހެކެވެ. އެއީ ޙުސައިންގެފާނު (ރަޟިޔަﷲ ޢަންހު) ޝަހީދުކޮށްލެވުނު ޙާދިސާއެވެ. އެ ހިތާމަވެރި ޙާދިސާއަކީ މި ދުވަހުގެ މޫސުމީ ނުވަތަ ދީނީ މުޤައްދަސްކަމާ ގުޅުމެއް ހުރި ކަމެއް ނޫނެވެ. އެއީ އެ ދުވަހާ ދިމާވި އިއްތިފާޤެކެވެ. ޙަޤީޤަތަކީ، ޙުސައިންގެފާނުގެ އަވަހާރަވުމަކީ ތާރީޚީ ބޮޑު ހިތާމައެކެވެ. ނަމަވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގެ ބަރަކާތާއި އެދުވަހުގެ ރޯދައަކީ، ހިޖުރީ ސަނަތުގެ ފަހުގެ އަހަރެއްގައި، އެ ދުވަހާ ދިމާވި ކަރުބަލާގެ ހިތާމަވެރި ޙާދިސާއާ މުޅިން ވަކި ކަމެކެވެ. ދެރައީ، މީހުން މި ހިތާމަވެރި ޙާދިސާއަކީ މުޙައްރަމް މަހުގެ މާނަ ކަމުގައި ބަލަމުންދާތީއެވެ. ނަމަވެސް މުޙައްރަމް މަހަކީ އެ ޙާދިސާގެ މާ ކުރިންވެސް ބަރަކާތްތެރި އަދި ޙުރުމަތްތެރި މަހެކެވެ. އަދި އެ ޙާދިސާއާ މި މަހުގެ މުޤައްދަސްކަމާއި ރޯދައާ އެއްވެސް ގުޅުމެއް ނެތެވެ. ޢާޝޫރާ ދުވަހަކީ ޙުސައިންގެފާނު ޝަހީދުވުމުގެ ކުރިންވެސް މުޤައްދަސް ދުވަހެކެވެ. 

އެހެންކަމުން މުސްލިމުންގެ ގޮތުގައި އަހަރެމެން މުޙައްރަމް މަހުގެ 10 ވަނަ ދުވަސް ބަލަނީ ހިތާމަ ފާޅުކުރާ ދުވަހެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރާ ދުވަހެއްގެ ގޮތުގައެވެ. އަޅުކަމުގެ (ޢިބާދާތުގެ) ދުވަހެއްގެ ގޮތުގައެވެ. އެއީ ﷲ ގެ މަތިން ހަނދުމަކުރުން އިތުރުކޮށް، އަޅުކަމުގެ ޢަމަލުތަކުން، ޚާއްޞަކޮށް ރޯދައިގެ ޒަރީޢާއިން ﷲ އާ ކުއްތަންވާ ދުވަހެކެވެ. އެހެންކަމުން އަހަރެމެން 10 ވަނަ ދުވަހު ރޯދަހިފުމަށް ސަމާލުކަން ދެމާ ހިނގާށެވެ. އަދި ކުޅަދާނަކަން ލިބިގެންވާނަމަ 9 އަދި 10، ނުވަތަ 10 އަދި 11 ގައެވެ. މިއީ މުޅި މަހުގައިވެސް އިތުރު ހެޔޮ ޢަމަލުތައް ކުރުމަށާއި، އިތުރު ރޯދަ ހިފުމަށާއި، އިތުރުޞަދަޤާތް ދިނުމަށް ނަބިއްޔާ ﷺ ބާރުއަޅުއްވާފައިވާ މަހެކެވެ. މިއީ ޙުރުމަތްތެރި ކުރައްވާފައިވާ މަސްތަކުގެ ތެރެއިން މަހެކެވެ. އަހަރެމެންނީ މި މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ބައެއް ކަމުގައިލައްވާށިއެވެ!

 

މިއަދު އޮންލައިން