ކީރިތި ޤުރްޢާނުގެ ކޮންމެ އާޔަތަކީވެސް މަތިވެރި އާޔަތެކެވެ. އެހެންކަމާއިއެކުވެސް ބައެއް ޢާޔަތްތަކުގެ ަމތިވެރިކަން ބޮޑުކަން އެބަ އެނގެއެވެ. އެއީ އެންމެ މަތިވެރިކަންބޮޑު އާޔަތަކީ އާޔަތުލްކުރުސިކަން ހަދީޘްފުޅުން އެނގެން އޮތުމުންނެވެ.
ޤުރްޢާނުގައިވާ އާޔަތްތަކުން އެކިމީހުންނަށް ހިތްހަމަޖެހުން ލިބުން ބޮޑުވާ އާޔަތްވެސް ހުރެއެވެ. އެގޮތުން އަހުރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މިއާޔަތުންނެވެ.
﴿86﴾ قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝާކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲއަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ."
(ޔޫސުފް: 86)
މިއާޔަތުގެ ފުރަތަމަ ބައިންނެވެ. " ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝާކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲއަށެވެ." މިއީ ޔަޢްޤޫބްގެފާނުވިދާޅުވި ބަސްފުޅެކެވެ. އަދި އަހުރެމެންނަށް އޮތް އެންގެވުމެކެވެ. މޮޅިޔާއި، ހިތާމައިގެ ޝާކުވާ ދަންނަވަން އޮތް ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަމެވެ. ޔަޤީންކުރަންވީ އެއިރުން އެމީހަކަށް އުފާވެރިކަން ދެއްވަވާނެ ކަމެވެ.
މިއާޔަތަކީ ދެރަވެ މާޔޫސްވާންޖެހޭ ޙާލަތަށް އޮތް ފަރުވާއެއްވެސްމެއެވެ. އެފަދަ ޙާލަތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާށެވެ. ޝކުވާތައް ދަންނަވާށެވެ. އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން