ތިން ދަރިން ލިބުމުން ވަރިކޮށްލައި ކުރިއުޅުނު ނިކަމެތިޙާލުގަ އުޅެން ފޮނުވައިލީމާ ކަންބޮޑުނުވެ ﷲ އަށް އިތުބާރުކުރީމާ ހިތްފުރޭވަރަށް ނިޢުމަތްތައް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ތިން ދަރިން ލިބުމުން ވަރިކޮށްލައި
ކުރިއުޅުނު ނިކަމެތިޙާލުގަ އުޅެން ފޮނުވައިލީމާ ކަންބޮޑުނުވެ ﷲ އަށް
އިތުބާރުކުރީމާ ހިތްފުރޭވަރަށް ނިޢުމަތްތައް ލިބުނު އަންހެނެއްގެ ވާހަކަ-


ފުރަތަމަ މިއަންހެން މީހާގެ ނިޔަތަށާ ހިތްވަރަށް ވިސްނައިލާށެވެ!  

އެއީ އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި އަންހެނެކެވެ. ޢުމުރުން 17 އަހަރުގައި ކައިވެނިކުރީ އެހެން ގޮތެއް ނެތިގެންނެވެ. 3 ދަރިން ލިބުނުފަހުން ވަރިކޮށްލަމުން ފިރިމީހާބުނީ މިފޮނުވައިލަނީ ކައިވެނިކުރިއިރު ޙާލަތަށް ކަމަށެވެ. މާނައަކީ އަޅައިލާނެ މީހަކު ނެތި އެކަނިވެރިކަމުގައި ދިރިއުޅެން ކަމަށެވެ.  

އޭނާގެ ޖަވާބަކަށްވީ ތިއަ ބަސްތަކުންވެސް އެނގެނީ ތިބާއާއިއެކުގައިވަނީ ޝައިޠޯނުން ކަމެވެ. މާތް ﷲ އިރާދަކުރެއްވެވިއްޔާ އަހުރެންނާއިއެކު ރަޙުމަތުގެ މަލާއިކަތުންވެއެވެ. 3 ދަރިން ގޮވައިގެންގޮސް ވަންނަންހުރި ގޭގެ ފުރާޅުން ވާރޭވެހޭކަން އެނގެއެވެ. އެކަމަކުވެސް ކަންބޮޑެއް ނުވަމެވެ. ދެން އޮތީ ކެއިންބުއިމެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ރިޒުޤާއިއެކުގައެވެ. ތިބާއަށް ކުރެވޭނެ ކަމަކީ އެއްޗެއް ނުދިނުމެވެ. މާތް ﷲ ދެއްވަވާ އެއްޗަކަށް ހުރަހެއް ނުއެޅޭނެއެވެ. ވީމާ އަހުރެން ކަންބޮޑެއް ނުވަމެވެ."  

އޭނާއަށް މައިންބަފައިންގެ ކިބައިން ވާރުތަވި ވީރާނާވެފައި ހުރި ގެއަށް 3 ދަރިން ގޮވައިގެންގޮސްވަނީ އަތުގައި އެއްވެސް ފައިސާއެއްވެސް ނެތިއެވެ. 4 މައިން ވުޟޫކޮށްލައިގެން ދިއައީ މިސްކިތަށެވެ. މިސްކިތުގައި ތިބެ މެންދުރުނަމާދާއި ޢަޞްރުނަމާދުކޮށްލައިގެން އެނބުރި ގެއަށް އައީ އެރޭ ކާނެ އެއްވެސް އެއްޗެއް ނެތް ޙާލުގައެވެ.  

ގެއަށް ވަންތަނާ ފަހަތުން އައިސް ގެއަށްވަނީ ދެމަފިރިއެކެވެ. އެއީ ޖެހިގެންހުރިގޭގެ މީހުންނެވެ. ފުރާޅުން ވާރޭވެހޭ، ކަރަންޓުވެސް ނެތް ގެއެއްގައި 4 މައިން އުޅެންފެށިކަން އެނގިގެން ޙާލުބަލައިލުމަށެވެ.

ކަންކަން މެދުވެރިވިގޮތް އެނގުމުން އަންހެންމީހާގެ ކިބައިން އެދުނީ އެމީހުންނާއިއެކު އެމީހުންގެ ގެއަށް ދިއުމަށެވެ. ބުނީ ﷲ އަށްޓަކައި ހަތަރުމައިން ބަލައިދޭނެ ކަމަށެވެ.  

ކުރުކޮށްލާނަމެވެ. ވަރިކުރިތާ 3 މަހާ 10 ދުވަސްވީ ދުވަހަކީ އަނބިމީހާ މަރުވެފައިހުރި ތަނަވަސް ފިރިހެނަކާއި ކައިވެނިކުރެވުނު ދުވަހެވެ. އެއީ ލޯބިވެގެން އުޅެފައި ކުރި ކައިވެންޏެއް ނޫނެވެ. ﷲ އަށްޓަކައި އަވަށްޓެރިޔާ ހޯދައިދިން މީހެކެވެ.

އެކައިވެނީގައި ދިރިއުޅޭތާ 20 އަހަރުވީއެވެ. ދަރިން ކިޔަވައި ރަނގަޅު ވަޒީފާތަކުގައެވެ. ފިރިމީހާވަނީ ގެވެސް 10 ބުރިއަށް އަޅައިދީފައެވެ. ގެއިން ލިބޭ އާމްދަނީވެސް އަނބިމީހާއަށެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެކަނިވެރިކޮށްލެވިއްޖެ ހެއްޔެވެ؟ ކުރިން އުޅުނު ޙާލުގަ އުޅެން ޖެއްސުވުނު ހެއްޔެވެ؟ މިކަންކަމުން އަހުރެންނަށް ވިސްނުނީ މިއީ ތަޤްވާވެރިކަން ހުރެފައި އޭނާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަމަށް ޔަޤީންކޮށްގެން ހުރުމުން ލެއްވެވި ރަޙުމަތެއް ކަމަށެވެ.

މިފަދަ ކަންކަން އަބަދުހެން ފެންނާތީ ބުނެލަން އޮތީ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކުން ތިމާ ސަލާމަތްކޮށް ދެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާކަން އަބަދުވެސް ޔަޤީންކުރާށެވެ! އެޔަޤީންކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! އެއިރުން އެއްވެސް މީހަކު ތިބާއަށް އެހީތެރިނުވިނަމަވެސް ހިތްހަމަޖެހިގެން އުފަލުގައި ހުރެވޭނެއެވެ.  

އަހަރެމެން މުސްލިމުންގެ ތެރެއިން އަޅުކަންކޮށް އުޅޭ ބައެއް މީހުންނަށްވެސް ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ތިމާއަކީ އެކަނިވެރިއެއްކަމާއި އަޅައިލާނެ އެއްވެސް މީހަކު ނެތްކަމަށް ޤަބޫލުކުރެވެއެވެ. އެގޮތަށް ވިސްނެން ފެށުމުން މާޔޫސްކަން ލިބެއެވެ. އަދި ވަރަށް ގިނަ ފަހަރު އަޅުކަންކުރުމާއި ދުރުހެލިވެސް ވެއެވެ.  

މިއީ ހަމަ ކޮންމެ މީހަކަށް ނަމަވެސް ދިމާވެދާނެ ޙާލަތެކެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން އެމީހާގެ އީމާންކަން ކުޑައީ ކަމަށް ދެކެގެންވެސް ނުވާނެއެވެ. ހަމައެކަނި ކޮށްލަންއޮތް ކަމަކީ އީމާންކަން ވަރުގަދަކޮށްލަން އިތުރަށް މަސައްކަތްކުރުމެވެ. ތިމާ މިހުރީ އެކަނި ނޫންކަމާއި ﷲ ތަޢާލާ ތިމާ އާއިއެކު އަބަދުވެސް ވޮޑިގެންވާކަން ހަނދާކުރަންވީއެވެ. މިއާޔަތަށް ވިސްނައިލަންވީއެވެ. މިއާޔަތަށް ޢަމަލުކުރަންވީއެވެ!

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)

ކޮށްލަން އޮތް ކަމަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކޮށްލަންވީއެވެ. ވީހައި ގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރަންވީއެވެ. ﷲ ތަޢާލާ ހަނދުމަކުރުމަކީ ހަމައެކަނި ނަމާދުގައި ކުރާކަމަކަށް ނުހަދާށެވެ. ގިނަގިނައިން ޛިކުރުކުރާށެވެ. ކޮންމެ މަސައްކަތެއް ކުރަމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ.  

އެ ނިޔަތުގައި ތިބާ ޢަމަލުކުރަން ފަށައިފިނަމަ އިސާހިތަކު ތިބާއަކީ ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާ އަޅަކަށްވެވިދާނެއެވެ. އެއިރުން ތިބާ ވެގެންދާނީ ތިބާގެމަތިން ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ އަޅަކަށެވެ. އެޙާލަތަށް ތިމާއަށް ދެވިއްޖެނަމަ ޙައްލު ނުކުރެވޭނެ މައްސަލައެއް ނުއޮންނާނެއެވެ. އަބަދުވެސް ހުރެވޭނީ ހަމަ އުފަލުންވެސްމެއެވެ. އިން ޝާ ﷲ  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން