އެކަނިވެރި މައިންނަށް ސަރުކާރުން ޢިނާޔަތެއް ދިނުމަކީ ބައްޕަކުރަންޖެހޭ ޚަރަދުނުކޮށް ހުންނަން ހުއްދަވާނެ ކަމެއްތޯ؟
ފުރަތަމަވެސް ވިސްނާލަންވީ ހުރިހާ އެކަނިވެރި މައިންނަށް ޢިނާޔަތް ނުލިބޭ ކަމެވެ. އަދި ލިބުނަސް އެޢަދަދަކީ ދަރިން ބަލެހެއްޓޭވަރުގެ ޢަދަދެއްވެސް ނޫނެވެ. އެވަރުގެ ޢަދަދެއް ސަރުކާރަކަށް ނުވެސްދެވޭނެއެވެ. ދެން ވިސްނާލަންވީ ތިމާގެ ވާޖިބަށެވެ. ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެއް އަދާނުކުރާނަމަ ފާފަވެރިވާނެ ކަމެވެ. ވީމާ ބައްޕައިންނަށް އޮތީ ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރުމެވެ.
ތިރީގައިވާ ލިޔުންވެސްވިދާޅުވެލައްވާށެވެ.
އޭނާގެ ކަންބޮޑުވުނތައް ވަރަށް ގިނައެވެ. އޭނާއަކީ ހެޔޮލަފާވެސް މީހެކެވެ. ތަނަވަސްވެސް މީހެކެވެ. އެކަމަކު އުޅެންޖެހެނީ އަބަދު ހާސްކަމުގެ ތެރޭގައެވެ. އޭނާގެ ޝަކުވާއަކީ:
"އަޅުގަނޑަކީ ފުޅައު ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ މީހަކީމެވެ. ނަމަވެސް ފާއިއތުވި 3 އަހަރުވެސް ކުރިއެރުމެއް ނުލިބެއެވެ. ދަނީ ފަހަތަށެވެ. އަބަދުވެސް މިއުޅެންޖެހެނީ ހާސްކަމުގެ ތެރޭގައެވެ. އަޅުގަނޑަކީ އަޅުކަންވެސްކުރާ މީހަކީމެވެ. އަޅުގަނޑަށް ކުރިއެރުން ލިބޭނެ ގޮތުގެ ނަޞޭޙަތެއް ނޫނީ ލަފައެއް ދެއްވަފާނަންތޯއެވެ؟"
ތަނަވަސް ވިޔަފާރިވެރިއަކު ކުރި މިސުވާލާއި ގުޅިގެން ފުރަތަމަ ބަލައިލެވުނީ އޭނާގެ ޢާއިލީ ދިރިއުޅުމަށެވެ. އެއީ މަޝްހޫރު މީހަކަށްވުމުން އެކަން ކޮށްލަން އެހައި އުނދަގޫ ކަމަކަށް ނުވިއެވެ. ބަލައިލިއިރު އޭނާއަށް އެންމެ ފުރަތަމަ ލިބުނު 2 ދަރިން ކޮބައިކަންވެސް އޭނާ ބަލައެއް ނުލައެވެ. 2 ދަރިންގެ މަންމަ ވަރިކޮށްލުމުން 2 ކުދިން ގޮވައިގެން ގޮސް އުޅެނީ އޭނާގެ ރަށުގައެވެ. މަހުންމަހަށް ދޭންޖެހޭ ޚަރަދު ވެސް ޤަވާއިދަކުން ނުފޮނުވައެވެ.
ވީމާ ދަންނަވާލަން އޮތީ ފުރަތަމަ ކަމަކަށް މިލިޔުން ވިދާޅުވެލައްވާށެވެ. އަދި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމާއިއެކު މިލިޔުމުން ޢިބްރަތް ޙާޞިލްކުރައްވާށެވެ.
އުރުދުންގެ ވިޔަފާރިވެރިއެކެވެ. އެތައް ބައިވަރު ފިހާރަތައް ހިންގައެވެ. އަހަރުން އަހަރަށް ހުޅުވާ ފިހާރަތައްވެސް ގިނަވެއެވެ. ނަމަވެސް ދުވަހަކުވެސް ކުރިއެރުމެއް ނުލިބެއެވެ. އަބަދުވެސް އުޅެން ޖެހެނީ ދަރަނިން ސަލާމަތް ނުވެގެންނެވެ. ނުވަތަ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެންނެވެ.
މިކަމުން ސަލާމަތްވޭތޯ ތަފާތު ފަންޑިތައް ހައްދުވައިގެންވެސް ވީހަމަ އެއްކަމެއް ނެތެވެ. ޙާލަތު ބަދަލެއް ނުވެއެވެ. އަހަރުން އަހަރަށް ކަންކަން ދަނީ ދަށަށެވެ. ކުރިމަތިވާ މުޞީބާތްތައް ވަނީ އިތުރެވެ. ވިޔަފާރީގެ ނަފާއިން ކުރާ މަންފާއެއް ނުފެނެއެވެ.
އެންމެފަހުން އޭނާ ދީނީ އިމާމަކާއި ބައްދަލުކޮށް ލަފައަކަށް އެދުނެވެ. އިމާމް ވިދާޅުވީ ކޮންމެ ރެއަކުވެސް ބައެއްގައި ނިދާފައި ތެދުވެ ދަމު ނަމާދުކުރުމަށްފަހު ތިމާއަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ނުވަތަ ކުރެވެނީ ކޮން ފާފައެއްކަން އަނގަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އިމާމް ވިދާޅުވިފަދައިން ކަންތައް ކުރަން ފެށިތާ ހަފްތާއެއްވެސް ނުވަނީސް އޭނާއަށް ހުވަފެނުގައި ފެނުނީ އޭނާގެ ފުރަތަމަ ދަރިފުޅެވެ. ވަރަށް ހެވިފައި ހުއްޓައެވެ.
ނިދީން ހޭލެވުމާއިއެކު ވިސްނުނެވެ. އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން 4 އަހަރުގައި އޭނާގެ މަންމަ ވަރިކޮށްފައި ފޮނުވައިލެވުނު ފަހުން ދަރިފުޅު ދިރިހުރިތޯވެސް ބަލައިލެވިފައެއް ނުވެއެވެ. އެހެންދަރިންނަށް މިހައި ބޮޑެތި ޚަރަދުތައް ކޮށް ކިޔަވައިދީ ކަންކަން ކުރަމުން ގެންދާއިރުވެސް އެންމެ ކުޑަމިނުން އެ ދަރިފުޅު އުޅެނީ ކައިގެންތޯވެސް ބަލައި ލެވިފައެއް ނުވެއެވެ.
ހަމަ އަނެއް ދުވަހު ފުރައިގެން ލެބަނަނަށް ދިއައެވެ. އަދި ދަރިފުޅުގެ މަންމަ އާއި ބައްދަލުކުރިއެވެ. ފާއިތުވި 6 އަކަ އަހަރު ދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާ ކަމަށް ބުނެ މަޢާފަށްވެސް އެދުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިވާނެ ކަމަށްވެސް ބުނެ އޭނާގެ ވައުދު ފުއްދަން ފެށިއެވެ. އިސާހިތަކު އޭނާގެ ވިޔަފާރިއަކީ ނަފާ ލިބޭ ވިޔަފާރިއަކަށް ބަދަލުވެގެން ދިއައެވެ. ހީވެސް ނުކުރާހައި ބޮޑު މަންފާ ވިޔަފާރިން ލިބެން ފެށިއެވެ.
އެއްވެސް ބާވަތެއްގެ މުޞީބާތެއް ނުވަތަ ހިތަދަތި ކަމެއް ކުރިމަތިވެއްޖެނަމަ އަދި ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ކުރިއެރުން ނުލިބޭ ނަމަ ފުރަތަމަ ވެސް ހަމަޖެހިލައިގެން އިނދެ ވިސްނަންވީ އެމީހަކަށް ކުރެވެމުންދާ ފާފައަކީ ކޮބައިތޯއެވެ! އެހެނީ އިންސާނުންނަށް ﷲ ތަޢާލާ ބަސްފުޅު ވަޙީ ކުރައްވަވައި ތިއަ ފާފައެއް ނުކުރުމަށް އަމުރުފުޅު ކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތެވެ. ތިބާ ތިއުޅެނީ އަނބި ދަރިންނަށް ނުވަތަ ތިބާ ބަލަހައްޓަން ޖެހޭ މިވެނި މީހަކަށް ޚަރަދު ނުކޮށް ކަމުގައި އަންގަވާނެ ކަމަށް ވެސް ހީކޮށްގެން ނުވާނެއެވެ. އިންސާނުންނަށް އަންގަވާ އެންގެވުންތައް އަންގަވަނީ ތަފާތު ގޮތްގޮތުންނެވެ.
ކޮންމެ މުޞީބާތަކީވެސް ނުވަތަ ހިތްދަތިކަމަކީވެސް ކުރެވެމުންދާ ފާފައެއް ނުވަތަ ފާފަތައް ހުއްޓާލުމަށް އަންގަވާ އެންގެވުމެކެވެ. ނޫން ނަމަ ކުރައްވަވާ އިމްތިޙާނެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފުރަތަމަވެސް ވިސްނައިލަން ޖެހޭނީ ކުރިން ބުނި ފަދައިން އެމީހަކަށް ކުރެވެމުންދާ ފާފައަކީ ނުވަތަ ނުރަނގަޅު އަމަލަކީ ކޮބައި ކަމާއިމެދުގައެވެ.
އެއަށްފަހު އަވަހަށް އެކަންކަން އިޞްލާޙްކޮށްލާށެވެ! އެކަމުގެ ފައިދާ އިސާހިތަކު ތިބާއަށް ފެންނަން ފާށާނެއެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމުގެ މަންފާ ފެނިގެންދާނެއެވެ. ހުރިހާ ވެސް މައްސަލައަކީ މިފަދަ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން