ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށާއި ކުރަންހުރިން ހެޔޮ ޢަމަލުތައް ﷲ ތަޢާލާވަނީ އަނަގަވައި ދެއްވަވައިފައެވެ. މިބަޔާންކުރާ ޙާދިސާގައިވާފަދަ ހެޔޮ ޢަމަލެއް ކުރުމުން ކޮންމެ މީހަކަށް ވަޤުތުން ބޮޑު ތަނަވަސްކަމެއް ނުލިބިދާނެއެވެ. ނަމަވެސް އެމީހަކަށް ޘަވާބު ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އިޚްލާޞްތެރިކަމާއިއެކު ކުރާ ކޮންމެ ހެޔޮ ޢަމަލަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. އެއީ ކިތަންމެ ކުޑަޢަމަލެއް ނަމަވެސްމެއެވެ.
އުންމީދަކީ ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ނުކޮށް ދޫކޮށްނުލުމެވެ. ތިމާގެ ޢަމަލުތަކުގެ ފަތް ތިމާގެ ކޮޅަށް ބުރަވެގެންދާނީ އެއިރުންނެވެ. އިން ޝާ ﷲ
މަގުމެދުގައި އޮތް ކުޑަވަރެއްގެ ލަކުޑިބުރިއެކެވެ. އަންހެނަކު އެތަނުގައި ހުރެގެން މަގުމަތިން ހިނގާފައި ދާ މީހުންގެ ގާތުގައި އާދޭސްކުރަމުން ދިއައީ އެލަކުޑިބުރި ނަގައި މަގުގެ އެއްފަރާތަށް ޖައްސާލައިދިނުމަށެވެ.
އޭނާ ބުނަމުން ގެންދިއައީ އެއިގައި އަޅައިގެންފައި މީހަކު ވެއްޓިދާނެ ކަމަށެވެ. އަދި ބާރަށް ދުއްވާފައި އަންނަ ވެހިކަލެއްގައި ޖެހި ނުރައްކައުތެރި އެކްސިޑެންޓެއްވެސް ހިނގައިފާނެކަމަށެވެ/ ނަމަވެސް އޭނާގެ ޢާދޭހުގެ އަޑުއަހާނެ ހަމައެކަކުވެސް ނުވިއެވެ. އެންމެންވެސް އޭނާއަށް މަލާމާތްކޮށްފައި ދަނީއެވެ.
ލިބުނު މާޔޫސްކަން ބޮޑުވެ އޭނާގެ ހިތަށް އެރިއެވެ. "މިދުނިޔޭގައި މީހަކަށް ރަޙުމްކުރާނެ މީހަކު ހަމަނެތީހެއްޔެވެ؟ އެހެން މީހަކަށް ލިބިދާނެ ދެރައަކަށް ކަންބޮޑުވާ މީހަކުވެސް ހަމަނެތީހެއްޔެވެ؟"
މިފަދަ ޚިޔާލުތަކެއްގައި ހުރެ އެއީ އޭނާ އެކަމަށް އެދޭނެ އެންމެ ފަހު މީހާކަމަށް ކަނޑައަޅައި މީހަކު ހުއްޓުވައި ހަމަކުރިންވެސް އެދެމުން އައި ފަދައިނުން އެލަކުޑިބުރި މަގުމެދުން ނަގައި އެއްކައިރިކޮށްލައިދިނުމަށް އެދުނެވެ.
އެޒުވާނާ އެކަމަށް ޢިޖާބަދީ ލަކުޑިބުރި ހިއްލައިލުމުން ފެނުނީ ދަށުގައި ހުރި ޑޮލަރުތަކެކެވެ. ޑޮލަރުތައް ފެނުމުން ޒުވާނާ އަންހެންމީހާއަށް ބަލައިލިއިރު ހުރީ ފުރަގަސްދީގެންނެވެ. އެހެންވެ ޑޮލަރުތައް ޖީބަށްލުމަށްފަހު ލަކުޑިބުރި ގެންގޮސް މަގުގެ އެއްފަރާތުގައި ބޭއްވުމަށްފަހު ޑޮލަރުތައް ގެންގޮސް އަންހެންމީހާ އާއި ޙަވާލުކޮށްފައި އެއީ ލަކުޑިބުރީގެ ދަށުން ފެނުނު ފައިސާތަކެއް ކަމަށް ބުނުމުން އަންހެންމީހާ ބުންޏެވެ.
"ތިއަ ޑޮލަރުތައް އެތަނުގައި ބެހެއްޓީވެސް އަހަރެންނެވެ. ބޭނުންވީ މީހުންގެ ކިބައިގައި އިންސާނިއްޔަތުކަންހުރިވަރު ބަލައިލުމަށެވެ. ކަލޭގެ ގާތުގައި ކުރި އާދޭސް އެތައް ބައަކަށް އާދޭސްކުރީމެވެ. ނަމަވެސް އެއްވެސް މީހަކު އަޅައިވެސްނުލީއެވެ. އަހުރެންނަކީ މޮޔައަކަށް ހަދާފައި އަޅައިވެސްނުލާ، އަހުރެންނަށް އެއްޗެތި ގޮވަމުން ދިއައީއެވެ. އެއީ އެކުޑަ މަސައްކަތް ކުރުމުން އެމީހުންނަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއްކަން ނުއެނގޭތީއެވެ. އެނގޭނަމަ އެކަންކުރަން އަވަސްވެގަތީހެވެ.
އެއެންމެންނާއި ޚިލާފަށް ކަލޭ އެމަސައްކަތްކޮށްލައިފީމުއެވެ. ވީމާ ތިއަ ޑޮލަރުތައް ހިފައިގެން ކަލޭދާށެވެ! ތިއައީ ކަލޭކޮށްލި ކުޑަކުޑަ މަސައްކަތުގެ އުޖޫރަކަމަށް ޤަބޫލުކުރާށެވެ!"
އެއީ ވަރަށް ފަޤީރު ޒުވާނެކެވެ. ކުއްލިއަކަށް އެހައިގިނަ ޑޮލަރުތަކެއް އެޒުވާނާއަށް ލިބުމުން ލިބުނު އުފާވެރިކަން ބޮޑުކަމުން ހިތްނުހުއްޓުނީވެސް ހަމަ ކިރިޔާއެވެ.
މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. އަޅުގަނޑަށް ވިސްނުނީ މިއީ ބައަކު ކުޅެފައި އޮތް ވީޑިއޯއެއް ނަމަވެސް ވީޑިއޯގައި ގެނެސްދީފައި އެވަނީ މިއަދުގެ ޙާލަތާއި ވަރަށް ގުޅުންހުރި ކަމެކެވެ. ތިމާއަށް އެކަމަކުން ބޮޑު ފައިދާއެއް ނުލިބޭނެ އެއްވެސް ކަމެއް ކުރަން ބޭނުންވާ މީހުން ވަރަށް މަދުވެއްޖެއެވެ. އެކަން އިޞްލާޙްކޮށްލަން މިވީޑިއޯ ޢިބްރަތަކަށް ފުދޭކަމަށް އަޅުގަނޑަށް ވިސްނޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.
- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ކަންކަން ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެލަކުޑިބުރީގެ ދަށުގައި ޑޮލަރުތަކެއް ހުރިކަމާއި ޑޮލަރުތައް ތިމާއަށް ލިބޭނެކަން އެނގޭނަމަ އެކަންކުރަން އަވަސްވެގަންނާނެއެވެ. އެކަކަށްވުރެ އަވަހަށް އަނެކަކު އެކަންކުރަން ތަޅާފޮޅައިވެސް ގަންނާނެއެވެ. އެކަންކޮށްލުމުން (މަގުމަތީގައި ހުންނަ އެއްޗެތި އެއްކައިރިކޮށް މަގުމަތި ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމުން) ﷲ ތަޢާލާ ޘަވާބުދެއްވަވާނެކަން ހަދިޘްފުޅުން އެނގެން އޮތް ނަމަވެސް އެޘަވާބު ބޭނުންވާ މީހުން ހާދަމަދުވެއްޖެއެވެ.