ކިތަންމެ ބޮޑު އެކުވެރިޔަކަސް ހަމައެކަކީވެސް ދެމަފިރިންގެ މެދުގަ ފިތުނަ ނުއުފައްދާނެ މީހަކުކަމަށް ބަލައި ސަމާލުކަން ކުޑަކުރުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކިތަންމެ ބޮޑު އެކުވެރިޔަކަސް ހަމައެކަކީވެސް ދެމަފިރިންގެ މެދުގަ ފިތުނަ ނުއުފައްދާނެ މީހަކުކަމަށް ބަލައި ސަމާލުކަން ކުޑަކުރުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ.

މިދައްކަނީ އެކުވެރިން ނުގެންގުޅޭ ވާހަކައެއް ނޫނެވެ. މިދައްކަނީ އިތުބާރުކުރުމުގައި އިންތައް ފަހަނައަޅައި ނުދިއުމުގެ ވާހަކައެވެ. އަމިއްލަ ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި ހިފަހައްޓަންޖެހޭ ކަންކަން ހިފެހެއްޓުމުގެ ވާހަކައެވެ. ނޫންނަމަ ލިބިދާނެ ބޮޑެތި ހިތާމަތަކުގެ ވާހަކައެވެ.  

މިއަދު މިފެންނަނީ ތަނަވަސްކަން ލިބި އުފަލުގައި ދިރިއުޅެވޭނަމަ އެކުވެރިންނަށާއި އެންމެންނަށް އެކަން އިޝްތިހާރުކުރެވޭތަނެވެ. އިޝްތިހާރުކުރާނެ ތަނަވަސްކަން ނެތްނަމަ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އިޝްތިހާރުކުރާތަނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ތިމާގެ މޮޅުކަން އެހެން މީހުންނަށް އަންގާށެވެ.  

ރަނގަޅަށް ވިސްނާށެވެ! ޙަސަދަ ޢާއި އެސްފީނާއަކީ ﷲ ތަޢާލާ މިދުނިޔޭގައި ލައްވަވާފައިވާ ކަންކަމެވެ. އިންސާނުންނަށް އެންމެ ބޮޑަށް ގެއްލުންދޭ ކަންކަންވެސްމެއެވެ. އެކަން ބަޔާންކުރައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަސަދަ އާއި އެސްފީނާއަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވަޞިއްޔަތް ކުރައްވަވައިފައެވެ. އަދި އެކަމަށް ކުރަންވީ ކަންކަންވެސް ވަނީ ބަޔާންކުރައްވަވައި ދެއްވަވައިފައެވެ.  

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހިތްފުރިގެން ހުރީ ވަރަށް މަދުމީހެކެވެ. ސަތޭކައަކުން އެކަކުވެސް ހުރީ ހިތްފުރިގެން ކަމަކަށް އަހުރެން ހަމަ ނުބުނާނަމެވެ. ދެން މިވާގޮތަކީ ކޮންމެ މީހަކުވެސް ހުންނަނީ ތިމާއަށް ފުދޭމިންވަރަށް ކަންކަން ޙާޞިލްވަމުން އައިނަމަވެސް ހިތްނުފުރިއެވެ. އިތުރަށް ބޭނުންވެފައެވެ. ފައިސާކަމަށްވީނަމަވެސް އަދި ބައިވެރިޔާގެ ކިބައިން ލޯބިލިބުންކަމަށްވީނަމަވެސްމެއެވެ.

އެނޫން މީހަކު ވަރަށް މަދުވާނެއެވެ. އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއްނެތެވެ. ދެބައިމީހުންގެ ތެރޭގައިވެސް ގިނައީ ހަމަ ހިތްނުފުރި ތިބި މީހުންނެވެ! ދުރުމީހުން، ގާތް މީހުން، އެކުވެރިން ނުވަތަ ޢާއިލާގެ މީހުންވެސް ކިޔާނެކަމެއް ނެތެވެ. އެންމެ ޣާތް އެކުވެރިންނާއި ޢާއިލާގެ ތެރޭގައިވެސް މިކަން އޮތީ ހަމަމިގޮތަށެވެ.  

ގިނަ މީހުންގެ ކިބައިން އާއިލީ ގުޅުމަށް ގެއްލުން ލިބެނީ ހަސަދަ އާއި އެސްފީނާގެ ސަބަބުންނެވެ. އެނޫން ގޮތްގޮތުން ގެއްލުންދޭ މީހުންވެސް އުޅެއެވެ. ފައިސާގެ ތަނަވަސްކަމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެންވެސް ގެއްލުންދެއެވެ. ވީމާ ކުރަން އޮތްކަމަކީ އެކަންކަމަށް ވިސްނައިގެން އުޅެން މަސައްކަތްކުރުމެވެ. އެކަންކުރަން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުންތަކާއި އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތަކާއި ލޯބިވާ މިންވަރު އެންމެންނަށް ހާމަނުކުރުމެވެ.  

ވީމާ އުފާވެރި ދިރިއުޅުމެއް އުޅެން އުންމީދުކުރާނަމަ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ. އެންމެ ގާތް އެކުވެރިޔާކަމަށްވީނަމަވެސް އަދި ކޮންމެމީހަކު ކަމަށްވީނަމަވެސް އޭނާއަކީ ދެމަފިރިންގެ ގުޅުމަށް ގެއްލުން ނުދޭނެ ކަމަށް ޔަޤީންކުރަން ހެޔޮނުވާނެއެވެ.! އިތުބާރުކުރަންވާނީ އިމެއްގެ ތެރެއިންނެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން