ޝައިޚަކަށް ދެންނެވުނެވެ.
"ހޫނުމިން އަދި މިއުޅެނީ 40 ޑިގްރީގައެވެ. އެކަމަކުވެސް ހޫނުގަދަކަމުން މިސްކިތަށް އަންނަންވެސް ގެއިން ބޭރަށް ބޭރަށް ބޯދިއްކޮށްލެވޭ ވަރެއް ނޫނެވެ."
ޝައިޚް ވިދާޅުވިއެވެ. "ދަރިފުޅާއެވެ. 40 ކީއްކުރަންހެއްޔެވެ؟ 100 ޑިގްރީއަށް ހޫނުމިން އެރިނަމަވެސް އެއީ ޤިޔާމަތް ދުވަހު އިޙްޞާޞްކުރަންޖެހޭނެ ހޫނުމިނުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ހޫނު ގަދަވުމަކީ އެކަމަށް ދެއްވަވާ އިންޒާރެކެވެ. މީސްތަކުންނަށް ބަލައި ނުގަނެވެނީއެވެ. ހޫނުގަދަވުން ބަހަނާއަކަށް ހަދައިގެން މިސްކިތުގެ ޖަމާއަތަށް ނައިސްތިބޭ މީހުންނަށް އެދުވަހު ފިސާރި ވަރުގަދަ ފިލާވަޅެއް ލިބިގެންދާނެއެވެ."
ޤިޔާމަތް ދުވަހެވެ ބުނެވުމުން އެދުވަހުގެ ކަންކަން ގިނަ ބައަކަށް ނުވެސް ވިސްނެއެވެ. ހިތަށް ނަގައިވެސް ނުގަނެވެއެވެ. އެއީ ޤިޔާމަތްދުވަހާއިބެހޭ މަޢުލޫމާތު އެމީހުންގެ ކިބައިގައި މަދުކަމުންނެވެ. ލިޔުންތަކާއި ފޮތްތައް ނުކިޔާތީއާއި ޢިލްމްވެރިން ދެއްވާ ދަރުސްތައް އަޑުނުއަހާތީއެވެ.
ފުރތަމަ ކަމަކަށް ފާހަގަކޮށްލާނަމެވެ. ޤިޔާމަތް ދުވަހަކީ 50000 (ފަންސާސް ހާސް) އަހަރުގެ އެއްދުވަސްކަމަށްވުމުން އެއީ ކިހައި މުއްދަތެއްކަންވެސް ޚިޔާލަކަށް ނުގެނެވެއެވެ. އެހެންކަމުން މިމަގުން ވިސްނައިލަން މަސައްކަތްކުރާށެވެ.
އަހަރެމެންގެ އެވްރެޖް ޢުމުރަކީ 70 އަހަރުކަމަށްބަލައިފިނަމަ އެންމެ 1000 އަހަރަކީވެސް 14 މީހުންގެ ޢުމުރެވެ. 50000 އަށް ބަލައިފިނަމަ މިދެއްކެނީ އެކަކު މަރުވުމުން އަނެކަކު އުފަންވެ މަރުވަމުން ގޮސް 700 ވަރަކަށް މީހުން މަރުވާހާދުވަހެވެ. މިދެއްކެނީ އެހައި ދިގު މުއްދަތެއް ހިމެނިގެންދާ އެންމެ ދުވަހެއްގެ ޥާހަކައެވެ.
ޚިޔާލަށް ނިކަން ގެނެސްބަލާށެވެ! އިރުއެހުރީ މޭލަކަށް ތިރިވެފައެވެ. ހޫނުގަދަވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ހޯސްލާފައި ގައިން ދައުތައް އޮހެރެނީއެވެ. ދައުތަކުގެ ސަބަބުން ނޯށުކުރިއާއި ހަމައަށް ފެންގަނޑު ބޮޑުވެ އެފެންގަނޑުގައި އިސްކޮޅުނުކައިގެން 50000 އަހަރު އުޅެންޖެހެނީއެވެ. ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ބިރުން ހަލާކުނުވާނީ ކާކުހެއްޔެވެ؟
ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންތައްތައް ހިތަށްވެސް ނުގެނެވޭނެއެވެ. ވިސްނަން އުޅުނަސް ނުވެސް ވިސްނޭނެއެވެ. އަބަދުހެން ހުންނަންޖެހޭނީ ބިރުން ހަލާކުވާފަދަ އެތައް ކަމެއް ފެނިފެނިއެވެ. ނުބަލަން މޫނު އަނބުރައެއް ނުލެވޭނެއެވެ. ނުރުހުނަސް ޖެހޭނީ ހަމަ ބަލާށެވެ! ބިރުން ލޯހަލާކުވެ ލޮލުން ލޭފައިބަމުންދާ ޙާލުގައިވެސްމެއެވެ.
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހަށް ބިރުވެތިވާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމްނތެރިވާން މަސައްކަތްކުރާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަމުން ގެންދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން