ރަނގަޅު މަރުވުމަކުން މަރުވަން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަން-: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަނގަޅު މަރުވުމަކުން މަރުވަން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަން-: ޝައިޚް ޢާޞިމް އަލްޙަކީމް

ޝަހާދަތުގެ ދެކަލިމަމަތީގަ މަރުވެއްޖެނަމަ ސުވަރުގެ ވައްދަވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. ކިހާ އުފާވެރި ޚަބަރެއް ހެއްޔެވެ؟ ކިޔާލަން ކިހައިފަސޭހަ ދެކަލިމަހެއްޔެވެ؟ އެކަމަކު ތިބާއަށް ކިތޭނެ ހެއްޔެވެ؟  

ކިޔާލަން ކިތަންމެ ފަސޭހަ ނަމަވެސް ކިޔޭނީ ޝަހާދަތަށް ޢަމަލުކުރުންމަތީގައި މަރުވާ މީހަކަށެވެ. ޢަމަލުނުކޮށް ފާފަކުރުންމަތީގައި މަރުވާ މީހަކަށް ނުކިޔޭނެއެވެ. ކިޔަން އުޅުނަސް ނުކިޔޭނެއެވެ. އެއްވެސް މީހަކަށް ތިމާގެ ސަބަބުން ހިތްދަތިކަމާ އަނިޔާލިބެމުންދާނަމަ އެއީވެސް ޝަހާދަތް ނުކީދާނެ ސަބަބެކެވެ.  

ދެން ވިސްނައިލަންވީ ކުއްލި މަރަށެވެ. ޝަހާދަތަށް ޢަމަލުކުރަމުންދާ މީހުންނަށް ކުއްލިމަރަކީ ރަޙުމަތެކެވެ. ތަކުލީފްތަކެއް އުފުލަން ނުޖައްސަވައި ﷲ ތަޢާލާގެ ޙަޟްރަތަށް ފުރާނަ ގެންދަވަނީއެވެ.

ކުއްލިއަކަށް މަރުވާ މީހުންގެ ތެރެއިން ޝަހާދަތަށް ޢަމަލުނުކުރާ މީހުންނަށް އެއީ ވަރަށް ބޮޑުކޯފާއެކެވެ. ސަބަބަކީ އޭނާގެ ނުބައިކަމުން ޝަހާދަތް ކިޔުމުގެ ފުރުޞަތު ނުވެސްދެއްވަވަނީއެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.  

އެހެންކަމުން ރަނގަޅު މަރުވުމަކުން މަރުވުމަށް އެދޭމީހާ ތައުބާވުމާ ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ! ފާފަކުރުން ހުއްޓައިލާށެވެ! މީސްތަކުންގެ ޙައްޤުތައް ނުހިފަހައްޓައި ޙައްޤުތައް އަދާކުރާށެވެ. ދަރަނިތައް ދައްކައި ޚަލާޞްކުރާށެވެ. ތިމާގެ ސަބަބުން އެއްވެސް މީހަކަށް ހިތްދަތިކަމާ އަނިޔާލިބުނަނުދޭށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދޭށެވެ. މިކަންކަން ނުކުރުމަކީ ހެޔޮލަފާ ނިމުމެއް ނުލިބިދާނެ ސަބަބެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން 

މިއަދު އޮންލައިން