މިއަދު މީސްތަކުން މުދަލާއިހެދި ތަޅާފޮޅަނީއެވެ. ބިންކޮޅަކާއިހެދި ތަޅާފޮޅަނީއެވެ. ބިމުން ވާރުތަވާންޖެހޭ މީހުންނަށްވެސް ދޭން ބޭނުން ނުވެ ނުދޭން ގަދަދައްކަނީއެވެ. ހެދުނުހައި މަކަރެއް ހަދަނީއެވެ. ނަމަވެސް ދުލުން މިބުނަނީ ތިމަންމެންނަކީ މުސްލިމުން ކަމަށެވެ.
ނިކަން ސިޔަރަތުގެ ޞަފްހާތައް ކިޔާލަބަލާށެވެ. ރަސޫލް ﷺ އަޚް ކުރެއްވެވުމުން މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މުހާޖިރުންނަށް މަދީނާގެ އަހުލުވެރިން، އަންޞާރުން އެބޭކަލުންގެ ގެދޮރާއި ބިމާއި ހުރިހާ އެއްޗަކުން އެއްބައި ދެއްވެވީ ހިނިތުންވެ ތިއްބަވައިގެންނެވެ. އުފާފުޅުން ތިއްބަވައިގެންނެވެ.
އެބޭކަލުންގެ މުދައު ދޫކޮށްލެއްވީ ހަމަ އެންމެ ކަމަކަށެވެ. އެކަމަށް ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީތީއެވެ. އަހަރެމެންގެ އަޚުންނަށް އުޚުތުންނަށް އެމީހުންނަށް ޙައްޤުވާ މިންވަރު ނުދޭން މިމަސައްކަތްކުރަނީ އެކަމަށް ﷲ ތަޢާލާގެ އަމުރުފުޅު އޮތުމާއިއެކުގައެވެ. އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! މިއަދު މައިންބަފައިންގެ މުދައު ބަހަންވުމުން ޙައްޤު މިންވަރަށްވުރެ ގިނައިން ހޯދަންވެގެން އެގެންދަނީ ރަޙިމުގެ ގުޅުން ކަނޑަމުންނެވެ. ތަޅާފޮޅަމުންނެވެ. ލޭއޮހޮރުވަމުންނެވެ. މިއީ ކިހައި ދެރަކަމެއް ހެއްޔެވެ؟ މިވަރަކުން މުދަލާއިގެން މިހަނގުރާމަކުރަނީ ކިހައި ދުވަހަކު އެމުދައު ހިފައިގެން ދުނިޔޭގައި ތިބެވޭނެ ކަމަށްހެއްޔެވެ؟
އިއްޔެ ކިތައް މީހުން މަރުވިހެއްޔެވެ؟ މިއަދުގެ މިވަގުތާއިހަމައަށް ކިތައް މީހުން މަރުވެއްޖެހެއްޔެވެ؟ ހަމަ އެއްވެސް ޢިބްރަތެއް ޙާޞިލުނުކުރެވެނީ ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އަނެކާގެ ޙައްޤުތައް އަދާކުރާށެވެ! ތިބާއަށް ތަންކޮޅެއް މަދުކޮށްފައި ދޭންޖެހުނު ނަމަވެސް އަނެކާގެ ޙައްޤު ފުރިހަމައަށް އަދާކުރެވުނުކަން ޔަޤީންކުރާށެވެ! ނޫންނަމަ އެނަގައިލެވެނީ ތިމާގެ ޢާޚިރަތެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
ވީމާ މިބުނިމަގުން ކަންތައް ކުރުމަށްފަހު ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކަށް އިންތިޒާރުކުރާށެވެ! ހިތް އުފަލުން ފޮޅިގެންދާވަރަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން