ދުނިޔޭގަ އެންމެ ނުބައިކޮށް އުޅެމުން އައި އެތައް ބައަކު ތައުބާވެ ތަޤްވާވެރިންނަށްވެއެވެ. ކާފިރުން އިސްލާމްވެ އިސްލާމްދީނަށް ނަޞްރުދެއެވެ. ހަމައެއާއިއެކު ހެޔޮ ގޮތުގައި އުޅުމަށްފަހު ނުބައި ޢަމަލުތައްކުރަންވެސް ފަށައެވެ.
މިކަންކަމުން އެނގެނީ އެއްވެސް މީހަކަށް އަންނާނެ ބަދަލު އަހުރެމެންނަށް ނުއެނގޭނެ ކަމެވެ. އަހުރެމެންނަށް އެކަންޏެއް ނޫނެވެ. ޚުދު އެމީހަކަށްވެސް ނުއެނގޭނެއެވެ. ވިސްނުން ބަދަލުވާތީއެވެ.
އިންޑިއާގެ އަވަށެއްގައި އުޅުނު ވަރަށް ޖައްބާރު މީހެކެވެ. އޭނާއަކީ ރުކުރާ ބަނގުރަލަށް ބަދަލުކޮށްވިއްކުމުގައި އެންމެ ކުރީގައި ހުރި މީހާއެވެ. އޭނާގެ ބައްޕަ ނިވާނީ އެބުއިމުގެ ސަބަބުން ފުއްޕާމޭ ގިރިގެންނެވެ. އެހިސާބުން އޭނާގެ ވިސްނުމަށް ބަދަލުތަކެއް އައެވެ. ވިޔަފާރި ހުއްޓައިލިއެވެ. އިސްލާމްވިއެވެ. އޭނާ އެވިޔަފާރިކުރިތަނުގައި މިސްކިތެއް އެޅިއެވެ.
މިހުރީވެސް މީސްތަކުންނަށް އަންނަ ބަދަލުތަކެވެ. އަދިވެސް އިތުރު މިޘާލެއް ބުނެލާނަމެވެ. މިއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ.
ފިރުއަޢުނުގެ ސިޙުރުިވެރިންނާއި މޫސާގެފާނާއި ބައްދަލުވެ ސިޙުރުގެ ކަންތައް ކުރެވުނު ވަގުތު އެތަނުގައި އަހަރެމެންނަށް ތިބެވުނުނަމަ އަހަރެމެން ބުނާނީ ފިރުއަޢުނުގެ ޞިޙުރުވެރިންނަކީ އެންމެ ނުބައި ނަލަފާ މީހުން ކަމަށެވެ.
ނަމަވެސް ކަންތައްވީގޮތް ނިކަން ދެކިބަލާށެވެ! އެމީހުން އެތަނަށް ދިއައީ މުޝްރިކުންގެ ގޮތުގައި ތިބެއެވެ. ނަމަވެސް ދުނިޔެ ދޫކުރީ މުއްމިނުންނަށްވެ މުއްމިނުންގެ އެންމެ މަތީ ދަރަޖައިގައެވެ.
އެއްވެސް މީހަކު މަރުވުމުގެ ކުރިން އެމީހަކަށް އަންނާނެ ބަދަލެއް ނުއެނގޭނެއެވެ. ކޮންމެ ފަދަ ވަޤުތަކުވެސް މީހާގެ ވިސްނުން މުޅިން ބަދަލުވެ މުޅިން ތަފާތު މީހަކަށްވެދާނެއެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އެފަދަ ބަހެއް ބުނުމުގެ ކުރިން މިބަޔާންކުރި މިޘާލުން ޢިބްރަތް ޙާޞިލްކުރާށެވެ!
ހަމައެއާއިއެކު އިސްލާމް ދީން ނިކަމެތިކުރާ މީހަކަށް ހެޔޮ ނަޞީޙަތެއް ދޭން ނޫނީ ކައިރިވެސް ނުވާށެވެ. އޭނާއާއި ގުޅުން ބަދަހިކޮށް ރުހެންވާނީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމުންނެވެ. ނޫނީ ގާތީ އޭނާ ފަދަ މީހަކަށް ބަދަލުވުމެވެ. އެއިރުން އާޚިރަތް ގެއްލިގެންދިއައީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން