ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދަމުނަމާދުގައި ތިމާއަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރުމަކީ ލަދުގަންނަންޖެހޭ ނުވަތަ ލަދުވެތިކަމެއް ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތްކަމެއް ނޫނެވެ. އެއީ ކުރަންޖެހޭ ކަމެކެވެ.
އިންސާނުން ދުނިޔެއަށް ފޮނުއްވެވުނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުން ކަމަށް އޮތުމުން ކައިވެންޏަކީ ތިމާގެ އަމިއްލަ ކަމެއް ކަމަށް ހީކުރެވޭނަމަ އެއީ ކުށްހީއެކެވެ. ސަބަބަކީ ކައިވެނިކޮށް ﷲ ތަޢަލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމަކީވެސް އަޅުކަމެކެވެ. ފާފައަކަށް ބަދަލުވާނީ ކައިވެނިކޮށްގެން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތްގޮތަށް ދުނިޔޭގައި އުޅޭނަމައެވެ. ފާފަވެރިވާނެ ޢަމަލުތައް ކުރާނަމައެވެ.
ވީމާ ކައިވެނިކުރާނެ ހެޔޮލަފާ ބައިވެރިއަކު ނުލިބި ލަސްވާނަމަ އެކަމަށް އެދިގެންވެސް ދުޢާކުރާށެވެ. ބައިވެރިއަކު ލިބިފައިވާނަމަ އޭނާއަކީ ތަޤްވާވެރި ހެޔޮލަފާ މީހަކު ކަމުގައި ލެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ.
ހަމައެއާއިއެކު ލިބިފައިވާ ބައިވެރިޔާއާއިއެކު އުފާވެރިކަން ދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. ތިމާއަށް ޘާބިތުކަން ދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. އެހެން މީހުންގެ ޙަސަދަ އާއި އެސްފީނާއިން ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން