ރައްކައުވެ ތިބިއްޔާ ދަތުރެވެ ބުނެވޭ ބަހުގެ މާނައަށް ފުންކޮށް ވިސްނާށެވެ. ދިރިއުޅުމަކީވެސް ދަތުރެކެވެ. ބުއްދިވެރި ގޮތަކީ ރައްކައުވެތިބުމެވެ. މިޘާލަކަށް ގަދަ ވިލާގަނޑެއް ހެދީއެވެ. ސުވާލަކީ ކޮޅިގަނޑު އައިސް އަރާހަމަކުރަންދެން ރައްކައުތެރިކަމުގެ ފިޔަވަޅު ނުއަޅައި ބާރުސްޕީޑުގައި ކުރިއަށް ދުއްވާނީ ހެއްޔެވެ؟ ޔަޤީނުންވެސް އެއީ ބުއްދިވެރި ކައްޕިތާނަކު ކުރާނެ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައިވެސް ޢަމަލުކުރަން އޮތީ ހަމައެގޮތެވެ.
ދެމަފިރިއަކު އެކުގައި ދިރިއުޅެމުން އަންނައިރު ހިތްހަމަނުޖެހޭ ކަންކަން ކޮންމެވެސް މިންވަރަކަށް ކުރިމަތިވާނެއެވެ. ކިތަންމެ އޮމާން ކަނޑެއްގައި ދުއްވިނަމަވެސް އުޅަނދަށް ލޮޅުން ނުއަރާނެ ގޮތަކަށް އުޅަނދު ނުދުއްވޭ ފަދައިންނެވެ.
ވީމާ ހިތްހަމަނުޖެހޭ ކަންކަން ކުރިމަތިވުމުން ފުރަތަމަ ކަމަކަށް އޮތީ އެކަން ފާހަގަކޮށް ނަޞޭޙަތް ދިނުމެވެ. އެކަންކަން ކުރުމުން ތިމާގެ ހިތަށް އަސަރުކުރާކަން ބަޔާންކުރުމެވެ. ބައިވެރިޔާއަކީ ރަނގަޅު މީހަކުނަމަ އެހިސާބުން އެކަމެއް އިޞްލާޙްކުރާނެއެވެ.
އެހިސާބުންވެސް އެކަމެއް އިޞްލާޙްނުކުރިނަމަ ދެން ކުރަންޖެހޭނެ ކަމަކީ އެކަމެއް ކުރާނަމަ އެކުގައި އުފަލުގައި ދިރިނުއުޅެވޭނެކަމާއި ޖެހޭނީ ވަކިވާންކަމަށް ބުނުމެވެ. އެވަރުންވެސް އިޞްލާޙްނުކުރިނަމަ އޮތީ ފަހު ފުރުޞަތު ދިނުމަށްފަހު ދެމީހުން ރިވެތި ގޮތުގައި ވަކިވުމެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ބައިވެރިޔާގެ މައްޗަށް ބާރު ހިންގައި މަޖުބޫރުކުރުވުމުން މައްސަލަ ޙައްލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ މިޒަމާނުގައި ކާމިޔާބުކުރެވޭނެ ގޮތެއް ނޫނެވެ. މާނައަކީ މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ނޫނެވެ.
މިވާހަކަ މިބުނީ އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް އަމާޒުކޮށްގެނެއް ނޫނެވެ. ދެބައިމީހުންނަށެވެ. އަނހެނަކަށްވީތީ ވަކި ޤަވާއިދެއްގެ ދަށުން ނުވަތަ ފިރިހެނަކަށްވީތީ ވަކި ޤަވާއިދެއްގެދަށުން ކަންކަން ކުރެވުނު ދުވަސް މާޒީޢާއިއެކުވެގެން ހިނގައްޖެއެވެ. މިއަދު މިއޮތީ މައްސަލަތައް ޙަލުކުރަން ފިޔަވަޅު އެޅުމުގައި ދެބައިމީހުންނަށްވެސް ހަމަ ހަމަހަމަ ފުރުޞަތެކެވެ.
މީސްތަކުން ލިޔެ ބަޔާންކޮށްފައި ހުންނަ ލޯބީގެ ވާހަކަތައް ނުވަތަ ދިރިއުޅުމުގެ ޙާދިސާތައް ކިޔައިބަލާށެވެ! ވާހަކަތައް ކިޔައިދީފައި ހުންނަ ވީޑިއޯތައް ބަލައި އަޑުއަހައިބަލާށެވެ! އެނގިގެންދާނީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަންކަން ކުރިމަތިވެފައިވާނީ މައްސަލަތައް ކުރިމަތިވެ ޙައްލު ނުކުރެވުމުން މިބުނި މަގުން ފިޔަވަޅު އަޅަން ފަސްޖުހުނު މީހުންނަށް ކަމެވެ.
މިއީ ކައިވެނީގަ ޖެހޭ މައްސަލަތައް ޙައްލުކުރަން ކައުންސިލިންގދޭ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވާހަކަތަކެއްގެ ކުރު ޚުލާޞާއެކެވެ.
- އަލަފް / މިއަދުނޫސް