އަނބިމީހާގެ ހިތުގަ ޖައްސުވާތީ ކަރުނައަޅަން ބޭނުންވިޔަސް ކަރުނައަޅައިފިނަމަ ދަރިފުޅަށް ﷲ ލަޢްނަތް ލައްވަވާނެ ކަމުގެ ބިރަށް ކަރުނަ ނުއަޅާ އިނދެ މަންމައަކު ދިން އަގުހުރި ނަޞީޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަނބިމީހާގެ ހިތުގަ ޖައްސުވާތީ ކަރުނައަޅަން ބޭނުންވިޔަސް ކަރުނައަޅައިފިނަމަ ދަރިފުޅަށް ﷲ ލަޢްނަތް ލައްވަވާނެ ކަމުގެ ބިރަށް ކަރުނަ ނުއަޅާ އިނދެ މަންމައަކު ދިން އަގުހުރި ނަޞީޙަތެއް!

ދަރިފުޅާއެވެ! އަހުރެން ކަރުނަ މިހިފަހައްޓަނީ މައަކު ދަރިއަކަށްޓަކާ ކަރުނައަޅައިފިނަމަ އެދަރިއަކަށް ﷲ ލަޢްނަތް ލައްވަވާނެ ކަމުގެ ބިރަށެވެ. ނަމަވެސް މިއީ ދަރިފުޅު ތިއަގޮތަށް އުޅެވޭނެ ނަމަ އަބަދަކު ހިފެހެއްޓޭނެ ކަމެއް ނޫނެވެ.  

ތެދެކެވެ! މިއަދު ދަރިފުޅުގެ ނަމުގައި ކުންފުންޏެއް އެބަހުއްޓެވެ. އެއީ ދަރިފުޅު އަމިއްލައަށް އުފެއްދި ކުންފުންޏެއް ހެއްޔެވެ؟ ނޫނީ މަންމަޢާއި ބައްޕަ ަދރިފުޅަށް ދިން ކުންފުންޏެއް ހެއްޔެވެ؟ ނޫނީ އަނބިމީހާ އުފައްދައިދިން ކުންފުންޏެއް ހެއްޔެވެ؟  

ދަރިފުޅާއެވެ! މިއަދު ހިލޭ އަންހެނުންގެ ނަމުގައި ގެނެސް ތިއަވެއްދެނީ ހަށިވިއްކާ އަންހެނުންނެވެ. އެމީހުންނަކީ ހަށިވިއްކާ ބައެއް ނޫންނަމަ ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގާކަށް ގޭގެއަކަށް ނުވަންނާނެއެވެ.  

ދެން ބަލައިލަންވީ ގެއަށެވެ! މިއީ ކާކުގެ ގެއެއް ހެއްޔެވެ؟ އަނބިމީހާގެ ބައްޕަ އޭނާގެ ދަރިފުޅަށް ދިން ގެއެއް ނޫންހެއްޔެވެ؟ މިގެއަށް އޭނާގެ ކުރިމައްޗަށް ހިލޭ އަންހެނުން ގެނެސް ވެއްދުމަކީ އަމިއްލަ ނަޖިސް އަމިއްލަ އަތުން ނަގައިގެން ކެއުން ނޫންހެއްޔެވެ؟  

ދަރިފުޅާއެވެ! ދަރިފުޅުގެ އަތުގައި މިއަދު ފައިސާހުރުމުން ގެއެއް ގަނެވިދާނެއެވެ. ގަތިއްޔާ އެއީ ދަރިފުޅުގެ ގެއަކަށްވާނެ ހެއްޔެވެ؟ ތިއަ ފައިސާ ލިބުނީ އަނބިމީހާގެ ސަބަބުން ނޫން ހެއްޔެވެ؟ ދަރިފުޅާއެވެ! ރަނގަޅަށް ވިސްނާށެވެ! ދަރިފުޅުގެ އަތުގައި ތިއަހުރި ފައިސާއަކީ ދަރިފުޅުގެ ފައިސާއެއް ނޫނެވެ. އަނބިމީހާގެ ފައިސާއެވެ.  

ދަރިފުޅާއެވެ! ތިއައީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެކަމަކު ދެން ދަރިފުޅުގެ ގާތަށް މިގެއަކަށް ނުއަންނާނަމެވެ. ތިއައުޅުން އިޞްލާޙްނުކުރަނީސް ދެކޭކަށްވެސް ބޭނުމެއް ނޫނެވެ. މަންމަ މިދަނީއެވެ.  

ދަރިފުޅަކަށް ކެތެއް ނުކުރެވުނެވެ. މަންމަގެ ކިބައިން މާފަށް އެދުމުން ބުނީ ފުރަތަމަ އަނބިމީހާގެ ކިބައިން މާފަށް އެދުމަށެވެ.  

މިއީ ދަރިފުޅު ދެކެލަން މަންމަ ގެއަށް އައިއިރު ދަރިފުޅު ހިލޭ އަންހެނުން ގެއަށް ގެންނާތީ އަނބިމީހާ ރޯން އިނުމުން މަންމަ ދަރިފުޅަށް ދިން ވަރަށް އަގުހުރި ނަޞީޙަތެކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ވިސްނާށެވެ! ހޭލުންތެރިވާށެވެ! ތިމާއަށް ހެޔޮކޮށްހިތައި ކުރިއެރުން ހޯދައިދޭ އަނބިމީހާގެ ހިތުގައި ނުޖައްސުވާށެވެ! އަދި ފިރިމީހާގެވެސް ހިތުގައި ނުޖައްސުވާށެވެ! އެކަން އެމީހަކާއި އަރައިހަމަކުރާނީ މާހިތިކޮށެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން