މިއީ ތިބާއަށް އެންމެ ފައިދާކުރާނެ ލިޔުމެކެވެ ރަނގަޅަށް ވިސްނަވައިގެން މިލިޔުން ވިދާޅުވެލައްވައިފިނަމަ ފާފަކުރުން ހުއްޓައިލެވޭނެއެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވޭނެއެވެ. އިން ޝާ ﷲ
ޤިޔާމަތް ދުވަހަކީ އެންމެހާ ސިއްރުތައް ފަޅައި އަރުވާލެވޭދުވަހެވެ. ކޮންމެ މީހަކަށްވެސް އެމީހެއް ކުޅަހައި ޢަމަލެއް އެފަތަކުން ފެންނާނޭ ޢަމަލުގެ ފަތެއް އެމީހަކަށް ދެވޭނެއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.
” وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا " – سورة الإسراء13 –
މާނަ : ” އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލުތައް، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހާއަށް ފޮތެއް( ޢަމަލުގެ ފަތް) ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ."
އަދި އޭނާއަށް ބުނެވޭނެއެވެ.
” اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ” – سورة الإسراء14 –
މާނަ : ” ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ."
އެއީ ތިބާގެ ޢަމަލުތަކުގެ ރެކޯޑެވެ. މިހާރުވެސް ތިބާ ކުރަމުންގެންދާ ޢަމަލު ރެކޯޑުކުރެވެމުން ލިޔެވެމުން އެބަދެއެވެ. ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ޙާލު، ތިބާގެ ޢަމަލުތައް ލިޔުއްވަނީ އެކަމަށް އެއިލާހު ތަޢާލާ ކަނޑައަޅުއްވަފައިވާ ޚާއްސަ މަލާއިކަތުންނެވެ. އެއީ ޤިޔާމަތް ދުވަހުގައި އެފަތް ތިބާއަށް ދެއްކުމަށްޓަކައެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
” وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿*﴾ كِرَامًا كَاتِبِينَ ﴿*﴾ يَعْلَمُونَ مَا تَفْعَلُونَ " – سورة الإنفطار 10،11،12 –
މާނަ : ” އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. ﴿*﴾ އެއީ މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. ﴿*﴾ ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ. "
ޢަމަލުގެ ފަތުގައި އެބޭކަލުން ނުލިޔުއްވައި އެއްވެސް އެއްޗެއް ދޫކުރައްވާފައި ނުވެއެވެ. ހުރިހާ ޢަމަލެއް އެފަތުގައި ވަނިކޮށް އެ އެދުވަހުގައި އިންސާނާ ދެކޭނެއެވެ. އެންމެހާ މީސްތަކުން މަޙްޝަރުކުރެވޭ ދުވަހުގައެވެ. އެއްވެސް މީހަކު ފިލަންދާނެތަނެއް އެދުވަހުގައި ނެތެވެ.
” وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا " – سورة الكهف47 –
މާނަ ” އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން މަޙުޝަރަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. “
އޭނާ މީސްތަކުންނާއި ސިއްރުން ކުރި ޢަމަލުކަށް ދާންދެން އެފަތުގައި ފެންނަން ހުންނާނެއެވެ. އެކަން ބަޔާން ކޮށްދެއްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
” وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا " – سورة الكهف 49 –
މާނަ : " އަދި ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. "
- އައްޝައިޚް ބިލާލް ޢަބްދުއްސައްތާރުގެ ލިޔުއްވުމަކުން