މީހަކު ދެކެ ލޯބިވެ އެކުގަ އުޅޭތާ 3 ވަނަ އަހަރު ފެނުނީ ބުނެވެސް ނުލައި އެންމެ ގާތް އެކުވެރިޔާއާއި ކައިވެނިކުރިތަނެވެ. އެކަން އެނގުމުން މޮޔަވާވަރުވިއެވެ. އެކަމަކު އެއްވެސް މީހަކަށް އެކަމެއް ނުއަންގަމެވެ. ދެމީހުންކުރެ މީހަކާ ޝަކުވާއެއްވެސް ނުކުރަމެވެ. ބެލީ އަވަހަށް ކައިވެންޏެއް ކުރެވޭތޯއެވެ. 3 މަސްވެސް ނުވަނީސް މީހަކު ފެނި ކައިވެނިކުރީމެވެ.
ކައިވެންޏަށް 3 ވަނަ އަހަރު އެކުވެރިޔާ ބައްދަލުކޮށްފައި ބުނީ ފުރަތަމަ ދަރިފުޅަށް އަހަރުވީތަނާ މިހާރުވެސް އިނީ ބަލިވެ ކަމަށެވެ. ބަލިވެއިންކަން އެނގޭއިރަށް ވަރިކޮށް ގެއަށް ފޮނުވާލައިފިކަމަށެވެ. ޖަވާބުގައި އަހުރެންގެ ފިރިމީހާގެ ހުރި ރަނގަޅުކަން ކިޔައިޑޭން ބޭނުންވިއެވެ. ނަމަވެސް ސިއްރުކުރީއެވެ. ބުނީމެވެ. "ވިހައިގަދަވުމުން އަވަހަށް ދެވަނަ ކައިވެނިކުރާށެވެ! ދަރިން ފަތްޗެއް ނުލިބެނީސް ސަލާމަތްވެވުނުކަން އެއީ ލެއްވެވި ނަޞީބެއްކަމަށް ވިސްނާށެވެ.
އެކަންވީވެސް އެހެންނެވެ. އޭނާގެ ދެވަނަ ފިރިމީހާވީ ވަރަށް ރަނގަޅު މީހަކަށެވެ. އަމިއްލަ ދަރިން ފަދައިން ދެދަރިންވެސް ބަލައިދެއެވެ.
މިއީވެސް ކުރެވޭ ތަޖުރިބާއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކައިވެނިކުރަން ބޭނުންވާ މީހާއާއި ކައިވެނި ނުކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑުކަމަކަށްވެ ކައިވެނިކުރަން ފޫހިވުމުގެ އިތުރުން ދުނިޔޭގައި އުޅެންވެސް ފޫހިވާ މީހުން މަދެއް ނޫނެވެ. އެއީ އެކަމުން ތިމާއަށް ކުރަން އޮތް ފައިދާގެ ބޮޑުކަން ނުވިސްނޭތީއެވެ.
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެތައް ބައިވަރު ނިޢުމަތްތަކެއް ދެއްވަވައެވެ. ގުނައި ޢަދަދުވެސް ނުކުރެވޭހައި ގިނަ ނިޢުމަތްތައް ދެއްވަވައެވެ. ދުޅަހެޔޮ ޞިއްޙަތާއި ވަޒީފާއާއި ދިރިއުޅެވޭނެ ގޮތާއި ރީތި އަންނައުނާއި ގަހަނާއާއި އެންމެ އަގު ބޮޑު ފޯނާއި މިހެން ގޮސް ނުދެއްވަވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟
އެކަމަކު ބުނަން ހެއްޔެވެ؟ އެކަމެއް މިންވަރުކުރެއްވެވުމުން އެމީހަކަށް އެކަމުން ގެއްލުން ލިބޭނެ އެތައް ކަމެއް އެމީހަކަށް ނުދެއްވަވަތެވެ. ވީމާ ކައިވެނިކުރަން ބޭނުންވި މީހާ ނުލިބިއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫނެވެ. ޝުކުރުވެރިވުމެވެ. ޔަޤީންކުރަންވީ ތިމާއަށް އޭނާ ނުދެއްވެވީ އޭނާގެ ކިބައިން ތިމާއަށް ލިބޭނެ އުފާވެރިކަމެއް، ހިތްހަމަޖެހުމެއް ނެތުމުން ކަމެވެ. އަދި އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން ކަމެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ހޯދަން ބޭނުންވި ބައިވެރިޔާ ނުލިބިއްޖެނަމަ މިބަޔާންކުރިމަގުން ވިސްނައި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކޮށްފިނަމަ އެމީހަކަށް މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ
ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހްއެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ފަހުން ކަންކަން މެދުވެރިވާނެ ގޮތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ މީހަކު ނަމަވެސް މުސްތަޤްބަލުގައި ކަންކަން ކުރާނެ ގޮތްވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާ ބޭނުންވި މީހާ ތިބާއަށް ދެއްވެވުމުން އޭނާ ތިބާއަށް ކަންކަންކުރާނެ ގޮތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މިކަންކަމަށް ވިސްނައިފިނަމަ ތިބާ ބޭނުންވި މީހާ ތިބާއަށް ނުލިބިގެން ދެރަވާކަށްވެސް އަދި ކަންބޮޑުވާކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
ލޯބިވެގެން އުޅެފައި މަކަރުހަދައި ފިލުމުން އަނެކާއަށް އެދެވުނީ ދެރައެއް ކަމަށް ވިސްނޭނަމަ އެއީ މޮޔަ ވިސްނުމެކެވެ. މިބުނިމަގުން ވަކީލްކުރާ އަޅުންނަށް އެކަން ވެގެންދާނީ ލެއްވެވި ބޮޑު ރަޙްމަތަކަށެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން