ހިތްހަމަނުޖެހޭއިރަށް އަނެކާއަށް ދެރަ ގޮތްތައް މެދުވެރިވަން އެދެވޭނަމަ އެއީ އުންމަތުން ބޭރުވާފަދަ ނުބައި ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ހިތްހަމަނުޖެހޭއިރަށް އަނެކާއަށް ދެރަ ގޮތްތައް މެދުވެރިވަން އެދެވޭނަމަ އެއީ އުންމަތުން ބޭރުވާފަދަ ނުބައި ސިފައެއް!

ދުރުމީހެއް ނޫނެވެ. ޢާއިލާގެ މީހެކެވެ. އުޅެނީ އެއްގެއެއްގައެވެ. އެކަމަކު މީހެއްގެ ކިބައިން އޭނާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް އެމީހަކަށް ދެރަގޮތް މެދުވެރިކުރެއްވެވުން އެދި ދުޢާކުރެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ  

މީހަކު ތިމާއަށް ގެއްލުމެއްދޭއިރަށް ނުވަތަ ގެއްލުމެއްދޭން އުޅޭއިރަށް އެމީހަކު ނިކަމެތިކުރެއްވެވުން އެދި ދުޢާކުރާ މީހުންނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާ ބައެއް ނޫނެވެ. އެމީހުންނަކީ މުޅިން ތަފާތު ވިސްނުމެއްގައި އުޅޭ ބައެކެވެ. އެމީހުން ތަބަޢަވަނީ ކޮން ރަސޫލަކަށްކަން އެނގޭނީވެސް ހަމަ އެމީހުންނަށެވެ.  

މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރި އުންމީދުފުޅަކާއިއެކު ޠާއިފްގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތުމުން އެމީހުން އިތުރު ޞާޙިބާ އާއިމެދު ޢަމަލުކުރީ ކޮންފަދަ އަނިޔާވެރި ގޮތަކަށް ހެއްޔެވެ؟ އެކަމުގެ އަދަބެއްގެ ގޮތުން އެމީހުންގެ މައްޗަށް ބޮޑު ފަރުބަދައެއް ވައްޓަވައި ލެއްވެވުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވިހިނދު ޢަމަލުފުޅުކުރެއްވެވި ގޮތް ހަނދުމަކުރާށެވެ.  

އެމީހުންނަށް މާފުކުރެއްވެވީއެވެ. އެމީހުންނަށްޓަކައި ކުރެއްވެވީ ހެޔޮދުޢާއެވެ. އަހުރެމެންނަށްވެސް އޮތީ ހަމައެމަގުން ޢަމަލުކުރުމެވެ. ނަމަވެސް މިފެންނަނީ ޢާއިލާގެ މީހަކާއިނަމަވެސް ދެބަސްވެވޭއިރަށް އެމީހަކަށްޓަކައި ހިތްނުބައިކޮށް ބަދުދުޢާކުރެވޭތަނެވެ. މިއީ އަހުރެމެން ޢަމަލުކުރަން އޮތް ގޮތް ނޫންކަން ކުރިން މިބަޔާންކުރީއެވެ.  

މީހަކު ތިބާދެކެ ރުޅިއައިސް ވާހަކަދެއްކުން ހުއްޓައިލި ނަމަވެސް އެމީހަކާއި ދުރުނުވާށެވެ! އެމީހަކާއި ވާހަކަދައްކަން މަސައްކަތްކުރާށެވެ! އަދި އެމީހާގެ ހިތުން ރުޅިވެރިކަން ނެތިކޮށް ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ ތިބާގެ ދަރަޖަ މަތިވެރިވަމުންނެވެ.  

މިބަހުގެ މާނައަކީ ތިބާ ފެންނައިރަށް ތިބާއަށް އެއްޗެތި ގޮވައި އަނިޔާކުރާނަމަ އެއަޑުއަހަން ނުވަތަ އަނިޔާލިބެން އޭނާގެ ކުރިމައްޗަށް އެރުމެއް ނޫނެވެ. އޭނާގެ ހިތް މަޑުވެ ތިމާއަށް ރުހެންދެން ދުރުގައި ހުރެގެން ހެޔޮދުޢާ ކުރަމުން ގެންދާށެވެ!  

މިބުނެދިން މަގުން ޢަމަލުކުރާ މީހަކަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން