މިހާރުވެސް ވާރެއާއެކު ހަރު އެތިކޮޅުތަކެއް އައިސް ގައިގަ ޖެހޭކަން އަންނަނީ އިޙްޞާޞްކުރެވެމުންނެވެ. ސައިޒުކުޑަކަމުން މާބޮޑު ކަމެއްކަމަށް ނުވިސްނެނީއެވެ. ބިރުވެތިވާންވީ ވާރޭ ފެނުގެ ބަދަލުގައި ހިލަވެއްސަވާނެ ދުވަހެވެ. މިއަދު އެދެއްވަވަނީ އިންޒާރެވެ. ބިރުވެތިނުވެވިއްޖެނަ ކުރިމަތިލާން ނުޖެހިނުދާނެއެވެ.
ތިރީގައިވާ ލިޔުމަކީ ކޮންމެ ބޭފުޅަކުވެސް ވިދާޅުވެލެއްވުން ވަރަށް މުހިންމު ލިޔުމެކެވެ.
ޤިޔާމަތުގެ ކުރިން ވާނޭ ބައިވަރު ކަންތައްތައް އެބަހުރި. މިދުނިޔެއަކީ އެއްވެސް ޙައިޞިއްޔަތެއްހުރި ތަނެއް ނޫން. ދުނިޔޭގަ އުޅެންވަނީ ބީރައްޓެއްސެއް ގޮތުގަ. މަގު ހުރަސްކޮށްލާ މީހެއްގެގޮތުގަ. ބައްލަވާ! އަޅުގަނޑުމެންގެ ވާތްފަރާތުން މިފެންނަންހުރި އޮޑިދޯނި ފަހަރުތައް. ތިބޭފުޅުންގެ ކަނާތްފަރާތުން މިފެންނަންހުރީ އެންމެހާ އޮޑިތަކަކީ ދަތުރުވެރިން ދަތުރުކުރާ އެއްޗެހި. އެހެންނަމަވެސް މިއަދު އެދަތުރުވެރީން ދަތުރުކުރަމުންދާ އޮޑި ދޫކޮށްލާފަ އެމީހުން ދާންއޮތްތަނަށް އެމީހުން ގޮއްސިނޫންތޯ؟ ބައްލަވާ އޮޑީގަތޯ އެމީހުން ތިބީ. އާދެ އެއީ ދުނިޔޭގެ ޙައިޞިއްޔަތަކީ. އަޅުގަނޑުމެންމި އޮޑިޔެއްގެތެރޭގަ މިތިބީ.
އަޅުގަނޑުމެން ދާންމިއުޅޭ މަންޒިލަކީ އާޚިރަތުގެ މަންޒިލް. އުޚުރަވީ ޙަޔާތުގެ މަންޒިލް. ޤިޔާމަތް ދުވަހާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ. އާދެ އެތަނުގައި އަޅުގަނޑުމެން ޙާޞިލް ކުރަން ބޭނުންވާ ނަތީޖާއަކީ ﷲ ގެ މަތިވެރިވެގެންވާ ސުވަރުގެ. އެމަތިވެރި ޖަންނަތާ ދިމާއަށް އަޅުގަނޑުމެން މިސްރާބު ބަހައްޓާފަ މިހުރީ. އެހެންނަމަވެސް ޖަހަންނަމައާ ދިމާއަށް މިސްރާބު ބަހައްޓާފައިވާ މީހުންވެސް ތިބޭނެ. އެމީހުންވެސް ދާނެ އެދިމާއަށް. އެހެންނަމަވެސް އަޅުގަނޑުމެން ދާނެ، ޖަންނަތަށް އިން ޝާ ﷲ އަޅުގަނޑުމެން މިސްރާބު ޖަހައިގެން އަޅުގަނޑުމެން ވިސްނާ ފިކުރުކޮށްގެން އަޅުގަނޑުމެން ހިންގަވާ ދަމާ.
އާދެ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން އެމީހުނަށް ނުވިސްނި އެމީހުންނަކީ މުސްލިމުންކަމުގަވާ ޙާލުވެސް ފެޝަން ވާންވެގެން ނުވަތަ ޒަމާނީ އޮއިވަރުތަކުގަ ޖެހިގެން، ޝައިޠޯނާގެ ވަސްވާހުގަ ޖެހިގެން އިސްލާމް ދީން ދޫކޮށްލާ، އިސްލާމް ދީން ނޫން އެހެން ދީން ތަކުގެ ޝިޢާރުތައް އެބައިމީހުން ގެންގުޅޭ. އާދެ އަޅުގަނޑުމެންގެ ކުރިމަތީގައި މިދިޔަ ދުވަސްތަކަށް ބަލާލާއިރުގައި ކްރިސްމަސް އެބައޮވޭ އަޅުގަނޑުމެންގެ ކުރިމަތީގައި. އާދެ ކްރިސްމަސް އަކީ އިސްލާމުން ފާހަގަ ކުރަން ހެޔޮވާވަރުގެ ދުވަހެއްނޫން. އެދުވަހުގެ ވިޝްކުރުމާ، އެދުވަހުގެ އެންމެހާ އިފްތިޙާލުތަކުގައި ބައިވެރިވުމާ އެދުވަސް ފާހަގަ ކުރުމާ، މިކަންކަމަކީ މުސްލިމުންނަށް ހުއްދަ ވެގެންވާ ކަންކަމެއް ނޫން. އެމީހުން ކިތަންމެވަރަކަށް ކުރިޔަސް، އެމީހުން އެމީހުންގެ ޢީދު ފާހަގަކުރާނެ. އަޅުގަނޑުމެންވީ އަޅުގަނޑުމެންގެ ޢީދު ފާހަގަކުރަން. އަޅުގަނޑުމެންގެ ޢީދަކީ ދެ ޢީދު، ދެ ދުވަސް. އާދެ އިއީ އަޟްޙާ ޢިދާއި ފިޠުރު ޢީދު. މި ދެޢީދު އަޅުގަނޑުމެން ފާހަގަ ކުރަމުން ގެންދަންވީ އުފާ ފާޅުކުރަމުން، އެވެސް ﷲ ރުއްސަވާ ގޮތުގައި. ﷲ މަނާ ކުރައްވާ، ޙަރާމްކުރައްވާފައިވާ ގޮތުގައެއް ނޫން.
އާދެ، ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފަވޭ. " يَكُوْنُ فِى آخِرِ هَاذِهِ الأُمَّة " މި އުއްމަތުގެ ފަހުކޮޅުގައި ކަންތައްތަކެއް ހިނގާނޭ. " خَسْفٌ وَمَسْخٌ وَقَذْف " ބިންގަނޑު ކަނޑައިގެން އަޑިޔަށް ގެންބެވުމާ، އިންސާނުންގެ ސޫރަ، އިންސާނުންގެ ސިފަ ބަދަލުކުރެއްވުމާ އަދި އުޑުން ހިލަ ވެއްސެވުމުގެ ޙާދިޘާތައް ހިނގާނެ. ވާރޭގެ ބަދަލުގަ އުޑުން އަންނާނީ ހިލަ. ވާރެއެއްނޫން ފައިބާނީ. ފެނެއް ނޫން ފައިބާނީ. ހިލަ ފައިބާނީ. އެޒަމާންވެސް އަންނާނެ.
އާދެ އެޒަމާން އަތުވެއްޖެކަމަށްވާނަމަ ކޮބައިތޯ ޙާލަކީ؟ ޞަޙާބީން ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުގަ އެބޭކަލުން ދަންނަވަނީ އެއީ ކީއްވެގެންތޯއޭ އެކަންތައްތައް އެހެންވާނީ. ކޮބައިތޯއޭ އޭގެ ތަފްޞީރަކީ؟ ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ އޭގެ ޖަވާބުގައި ޙަދީޘް ކުރައްވަނީ " إذَا ظَهَرَتِ الْقِيْنَات وَالْمَعَازِفْ، وَشَرِبَتِ الْخُمُوْرْ" ލަވަކިޔާ އަޅު އަންހެންކުދިންތައް ފާޅުވެއްޖެނަމައޭ، އެހިނދޭ. އަދި ހަމަ އެހެންމެ މިޔުޒިކްގެ ސާމާނު ފާޅުވެ ހިތުހުރި ގޮތަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިން ޣާފިލުވާފަދަ ގޮތަކަށް މިޔުޒިކް ގެ ސާމާނުތައް ކުޅެ، އެމީހުން އެމަޖަލުގެ ތެރޭގަ ތިބެން ޖެހިއްޖެ ހިނދެވެ. އަދި ބަނގުރާ ބޮވިއްޖެ ހިނދެވެ. މި ޢަލާމާތްތައް މިހެން ފާޅުވެއްޖެކަމަށް ވާނަމަ ބަލާނެވެސްކަމެއްނެތޭ، ބިންގަނޑު ކަނޑައިގެން އަޑިޔަށް ގެނބޭނެއޭ. އަދި ހަމަ އެހެންމެ ޝައްކެއް ނެތް ގޮތުގައި އެމީހުންގެ ސިފަވެސް ބަދަލުކުރެވޭނެއޭ. އަދި އުޑުން ހިލަވެސް ވެއްސަވާނެތޭ. މީ ޢަޛާބު އަންނަ ގޮތްތައް. އަޅުގަނޑުމެން މިހެން ތިބެލާފަ މިހެން ބުނެލީމަ ހިތަށް އަރަނީ މިއީ ކުދިކުދި ކަންތައްތަކެއްކަމުގަ.
ނިކަން ވިސްނާ ވަޑައިގެތްބައްލަވާ. އަޅުގަނޑުމެން ބިމެއްގަ ތިއްބާ އަޅުގަނޑުމެން އެތިބި ބިންގަނޑު ވަށައިގެން ކަނޑައިގެންގޮސް އެބިންގަނޑު އެދިޔައީ ރާސްލާފަ ބިންގަނޑުގެ އަޑިޔަށް ފައިބައިގެން. އެޙާލުގައި ރޮއި ހޭރި ހަޅޭއްލަވާނެ. އަދި ހަމަ އެހެންމެ އެތާގެ ކައިރީގައި ތިބި މީހުންވެސް ފިތްކަނޑައިގެން ދާނެ. ބަޔެއް މީހުން ހިތް ހުއްޓި މަރުވެސް ވެދާނެ. އެފަދަ ޙާލު އަޅުގަނޑުމެންނަށް ކުރިމަތިވާނެ. އިންސާނުންތަކެއްގެ ސޫރައިގައި ތިއްބާ އަޅުގަނޑުމެންނަށް ކުއްލިއަކަށް އަޅުގަނޑުމެންގެ ސޫރަތައް ބަދަލުކުރައްވަފާނެ.
އެހިނދުގައި އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ. އަޅުގަނޑުމެންގެ ސޫރަ ބަދަލުވެއްޖެކަމަށް ވާނަމަ ބަދަލުވާނީ ކޮންއެއްޗަކަށްތޯ؟ ބަނީ އިސްރާއިލު ބާގައިގެ ބަޔަކު އެމީހުން ރާމާމަކުނުތަކަކާ އޫރު ތަކަކަށްވެސް ހެއްދެވި. ރާމާމަކުނުތަކަކަށް ހެއްދެވި. އަދި ހަމަ އެހެންމެ އޭގެތެރެއިން ބަޔަކު މީހުން މީދާތަކަކަށްވެސް ހެއްދެވިކަމަށް ރިވާވެގެންވޭ. މީދަލެއްގެ ގޮތުގައި ދުނިޔޭގަ އުޅެން ޖެހިއްޖެކަމުގަ ވާނަމަ ކޮބައިތޯ ޙާލަކީ؟ ރާމާމަކުނެއްގެ ސިފައިގައި އުޅެން ޖެހިއްޖެކަމުގަވާނަމަ ކޮބައިތޯ ޙާލަކީ؟
އަޅުގަނޑުމެން ހިނގާ ބިނގާވެ އުޅޭ މަގުތައްމަތީގަ ހިނގަމުން ދަނިކޮށް ކުއްލިއަކަށް ހިލަތައް ވެހެން ފެށީމަ ކިހިނެއްތޯ ވާނީ؟ ގޭގޭގަ ތިއްބާ ޓިނުގަނޑު ފޫއަޅުވާލާފަ މީހުންގެ ބޯތައްމައްޗަށް ހިލަތައް ފައިބަން ފެށީމަ ކޮބައިތޯ ޙާލަކީ؟ އާދެ " إذَا ظَهَرَتِ الْقِيْنَات وَالْمَعَازِفْ، وَشَرِبَتِ الْخُمُوْرْ" މިކަންކަން ވެއްޖެކަމަށް ވާނަމަ ބަލާނެވެސްކަމެއްނެތޭ މިކަންކަން ހިނގާނެއޭ. އާދެ މިކަންކަން އަޅުގަނޑުމެންނަށް އެބަ ކުރެވޭ. މިކަންކަން ހައްދުފަހަނައަޅާދާ ހިސާބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގަދަފަދަ އުޤޫބާތް މީސްތަކުންގެ މައްޗަށް ބާއްވާލައްވަވާނެ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން