މަންމަވެސް މަރުވާނެއެވެ. މަރުވުމުން ވަޅުވެސްލާނެއެވެ. އެކަމުގައި ހުރިހާ ދަރިންވެސް ބައިވެރިވާނެއެވެ. ފިރިހެންދަރިން ވަޅުލުމުގައިވެސް ބައިވެރިވާނެއެވެ. އަންހެންދަރިން ދުރުގައި ބަލަން ތިބޭނެއެވެ.
އަހުރެން މިކުރާ ސުވާލަކީ ވަޅުލައި ނިމުމުން މިވަޅުލެވުނީ ކާކުކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ވިސްނައިލެވެނީ ކިހާވަރަކަށް ހެއްޔެވެ؟
ބުނަންހެއްޔެވެ؟ ތިއަވަޅުލީ ތިބާއަށް އެންމެ ބޮޑަށް ހެޔޮއެދުނު އަންހެންމީހާއެވެ. ތިބާއަށްޓަކައި އެންމެ ބޮޑު ޤުރްބާނީއެއްވި އަންހެންމީހާއެވެ. ތިބާ ކަންތައްކޮށްދިން ގޮތަށް ނުބަލައި ތިބާއަށްޓަކައި އެންމެ ގިނައިން ހެޔޮދުޢާކޮށްދިން އަންހެން މީހާއެވެ.
ތިބާގެ ކިބައިން އުފުލަންޖެހުނު ޤުރްބާނީތައް އެތައް އަހަރެއްވަންދެން އުފަލުނަ ހިނިތުންވެ ހުރެ އުފުލިއަންހެން މީހާއެވެ. ދުވަހަކުވެސް އެކަމަށް ޝަކުވާއެއް ނުކޮށް ހިނިތުންވެގެންހުރެ އެކަންކުރި އަންހެންމީހާއެވެ.
މިގޮތަށް ލިސްޓް ދިގުކުރެވިދާނެއެވެ. ކިތަންމެ ވަރަކަށްވެސް ދިގުކުރެވިދާނެއެވެ. އެކަމަކު މަންމަ ތިބާއަށްޓަކައި ކޮށްދިން މަސައްކަތުގެ ލިސްޓު ފުރިހަމައެއް ނުކުރެވޭނެއެވެ، ވީމާ ބަލަންވީ އެމަންމަ ދުިޔޭގައި އިންދާ އެމަންމަ ހިނިތުންކުރުވޭތޯއެވެ. އެމަންމައަސް ހެޔޮކަމެއްކޮށްދީ އުފާކޮށްދެވޭތޯއެވެ. މަރުވުމުން ދެތިން ދުވަސްވަންދެން ދެރަވެލާފައި ހުރުމަކުން މަންމައަށް ކުރާނެ ފައިދާއެއް ނެތެވެ. ފައިދާއެއްކުރާނީ ކޮންމެ ނަމާދަކަށްފަހުގައިވެސް މަންމައަށްޓަކާ ހެޔޮދުޢާކުރުމުންނެވެ. ފުދުންތެރިކަން ހުރި މިންވަރަކުން ޞަދަޤާކޮށް މަންމައަށް ޘަވާބު އިތުރުކުރައްވަވާނެ ޢަމަލުތައްކުރުމުންނެވެ!
- މިއަދުނޫސް