ޚުޠުބާ: ގުނަވަންތަކާ ދަރިންނަށް ރައްކައުތެރިވުމަކީވެސް އަދާކުރަންޖެހޭ އަމާނާތެއް! އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 1ސ
ޚުޠުބާ: ގުނަވަންތަކާ ދަރިންނަށް ރައްކައުތެރިވުމަކީވެސް އަދާކުރަންޖެހޭ އަމާނާތެއް! އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ!

މުސްލިމް އަޚުންނޭވެ! އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަންޏެއްނޫނެވެ. އަމާނާތުގައި އެއަށްވުރެ މާތަނަވަސް ފުޅާ މާނައެއް އެކުލެވިފައި ވެއެވެ. އެއިގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ޙައްޤުތަކެއް ހިމެނެއެވެ. عَبْدُ اللهِ بْنُ مَسْعُوْد رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ.

"އަމާނާތަކީ ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، ޙައްޖުވުމާއި، ތެދު ބަސްބުނުމާއި، ދަރަނި އަދާކުރުމާއި، މިނެކިރުމުގައި ޢަދުލުވެރިވުމެވެ. މި ހުރިހައި ކަމަކަށް ވުރެ ބޮޑަށް އަމާނާތްތެރިވާން ޖެހޭ ކަމަކީ މީހުން ރައްކާކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗަށް ރައްކާތެރިވުމެވެ."[1] 

ދަންނާށެވެ! މާތް الله ތިބާއަށް ދެއްވައިފައިވާ ގުނަވަންތަކަކީ ތިބާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ލޮލަކީ އަމާނާތެކެވެ. އެއިން ޙަރާމް ތަންތަނަށް ނުބަލާށެވެ! ކަންފަތަކީ އަމާނާތެކެވެ. އެއިން ޙަރާމް އަޑުތައް ނާހާށެވެ! ދުލަކީ އަމާނާތެކެވެ. އެއިން މީހުންގެ އަބުރުކަތިލައި، ޣީބަބުނެ، ނެތިމޮށި ނުއުޅޭށެވެ! އަދި ދޮގުހެދުމުން އެ ދޫ ރައްކާތެރިކުރާށެވެ! ހަމަ އެފަދައިން ދަރީންނަކީ ވެސް އަމާނާތެކެވެ. އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާ އެވަނީ ޙަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެފައެވެ. ފަހެ، ހަމަކަށަވަރުން، މާތް ނަބިއްޔާ z ވަނީ އަމާނާތްތެރިކަމަކީ ކިހައި މުހިންމު ކަމެއްކަން އަހަރެމެންނަށް ބަޔާންކޮށްދެއްވައިފައެވެ. އަދި އެ އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަމުގައި އަންގަވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (أَرْبَعٌ مَنْ كُنَّ فِيْهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيْهِ خَصْلَةٌ مِنْهُنَّ كَانَتْ فِيْهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا،  إِذَا اؤْتُـمِنَ خَانَ، وَإِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ)[2]  މާނައީ: "ހަތަރު ސިފައެއް  މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އޭނާއަކީ ކަނޑައެޅިގެން ހުރި މުނާފިޤެކެވެ. އަދި އެ ސިފަތަކުގެ ތެރެއިން ސިފައެއް މީހެއްގެ ކިބައިގައި ހުރެ، އެ ސިފައިން ދުރުހެލި ނުވާހައި ހިނދަކު، އެ މީހަކީ ނިފާޤުކަމުގެ ސިފަހުރި މީހެކެވެ. އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެ ނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ. އަދި ވާހަކައެއްދައްކައިފި ނަމަ ދޮގުހަދާނެއެވެ. އަދި ޢަހުދެއްކޮށްފި ނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަރައިރުމެއް ވެއްޖެ ނަމަ، ދޮގުހަދައި ހައްޤުމަގުން އެއްކިބާވާނެއެވެ." الله سُبْحَانَهُ وَتَعَالَى ވަނީ، އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު ސުވަރުގޭގެ ވާރުތަވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައި ލައްވައިފައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ." މި ސިފަތައް ބަޔާންކުރެއްވުމަށް ފަހު މާތް الله ވަޙީކުރައްވައިފައި ވެއެވެ: ----  މާނައީ: "އެއުރެންނީ، ފިރުދައުސޭ ކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެ ތާނގައި ދެމިތިބޭހުށްޓެވެ."

މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެކެވެ. މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެންނެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا إِيْـمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِيْنَ لِمَنْ لَا عَهْدَ لَهُ)[3]  މާނައީ: "އަމާނާތްތެރިކަމެއް ނުވާ މީހާގެ އީމާންކަން ފުރިހަމައެއް ނުވެއެވެ. އަދި ޢަހުދަށް ވަފާތެރިނުވާ މީހާގެ ދީން ފުރިހަމައެއްނުވެއެވެ." الله سُبْحَانَهُ وَتَعَالَى ބޮޑުވެގެންވާ މި އަމާނާތް އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ތަކެތި އެ ކަމުގެ މަސްއޫލިއްޔަތުގެ ބޮޑުކަމާއި ޙިސާބުބެއްލެވުމުގެ ގަދަފަދަކަމާ ހުރެ އެ ކަމާ ބިރުވެތިވެ، އެ ކަމާ ޙަވާލުވުމަށް އިންކާރުކުރިއެވެ. ނަމަވެސް އިންސާނާ އެ އަމާނާތް އުފުލިއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.[4] މާނައީ: "ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނާތް (އެބަހީ: تكليفތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެ ކަމާ މެދު އެ ތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ." މާތް اللهގެ އަޅުތަކުންނޭވެ! މިކަމުގެ ބޮޑުކަން ތިޔަބައިމީހުންނަށް ތަޞައްވުރުކުރެވޭހެއްޔެވެ؟ އުޑުތަކުގެ އުސްކަމާއި، ބިމުގެ ތަނަވަސްކަމާއި، ފަރުބަދަތަކުގެ ބިޔަކަމާއެކު ވެސް އެ ކަމަށް އިންކާރުކޮށް ބިރުވެތިވިއެވެ. ނަމަވެސް ބަލިކަށި އިންސާނާ އެ އަމާނާތް އުފުލުމާ ޙަވާލުވިއެވެ! 

މުސްލިމް އަޚުންނޭވެ! އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާއެވެ. މިއީ ބޮޑުވެގެންވާ އަމާނާތެކެވެ. މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީއެވެ. ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި، އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެކެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ. މީގެ އިތުރަށް، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެކެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ.‏ (إِذَا حَدَّثَ الرَّجُلُ بِالْـحَدِيْثِ، ثُـمَّ الْتَفَتَ فَهِيَ أَمَانَةٌ.)[5] މާނައީ: "މީހަކު ވާހަކައެއް ދެއްކުމަށް ފަހު، އެ ވާހަކައެއް އަޑު އިވޭ ފަށުގައި މީހަކު ހުރިތޯ ދެ ފަރާތަށް ބަލައިލައިފި ނަމަ، ނުވަތަ އެ ދެމީހުން އެ ތަން ދޫކޮށް ހިނގައްޖެ ނަމަ، ފަހެ އެ ވާހަކައަކީ އަމާނާތެކެވެ." 

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން، الله سُبْحَانَهُ وَتَعَالَىއަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތްތަކަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުކުރެއްވި ފަދައިން އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރާށެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރީންނަށް އަދާކުރުމަށް، الله ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." 

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ އަމާނާތްތަކަށް ރައްކާތެރިވާ، އަދި ޢަހުދުތަކަށް ވަފާތެރިވާ ބައެއްކަމުގައި ލައްވާނދޭވެ! އަޅަމެންނާ ޙަވާލުކުރެވިފައިވާ އިބަރަސްކަލާނގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމުގެ ތައުފީޤު އަޅަމެންނަށްދެއްވާނދޭވެ! ޚިޔާނާތްތެރިވުމާއި މުނާފިޤުކަމުގެ ނުބައި ސިފަތަކުން އަޅަމެން ސަލާމަތްކުރައްވާނދޭވެ! އާމީން!

މުސްލިމް އަޚުންނޭވެ! ދަންނާށެވެ! އަމާނާތްތަކަށް ރައްކާތެރިވުމަކީ ތިމާއަށާއި މުޅި މުޖުތަމަޢަށް އޭގެ އެންމެ ފުރިހަމަ މަންފާކުރަނިވި މަތިވެރި ސިފައެކެވެ. އެ ކަމުގެ ސަބަބުން މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމުވެ، މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެއެވެ. އަދި އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބެއެވެ. މިއާ ޚިލާފަށް، އަމާނާތްތެރިކަން ނެތިގޮސް ޚިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކަރަޕްޝަން ފެތުރި، ޙައްޤުތައް ގެއްލޭނޭ ކަމެކެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގައި ނިކަމެތިވުމުގެ އިތުރަށް، އާޚިރަތުގައި ގަދަފަދަވެގެންވާ ކޯފާއާއި ޢަޛާބާ ކުރިމަތިލާންޖެހުމެވެ.   

ލޮބުވެތި އަޚުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށާއި، އަނބިދަރިންނަށާއި، އަދާކުރާ ވަޒީފާތަކަށާއި ރައްޔިތުންގެ މުދަލަށް ފުރިހަމައަށް އަމާނާތްތެރިވާށެވެ! ހަމައެފަދައިން، ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެއްކަން ހަނދާންކުރާށެވެ! ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ. ޤިޔާމަތްދުވަހުން މި ހުރިހައި އަމާނާތްތަކާ މެދު ސުވާލުކުރެއްވޭނޭކަން ދަނެ، މާތް اللهއަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވާށެވެ!

މިއަދު އޮންލައިން