ހެޔޮ ނަޞީޙަތްދޭ މީހުންނަށް ނުބައިބަސްބުނުމަކީ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ކަމެއްކަން އެނގިގެންދާ މިޙާދިސާއިން ޢިބްރަތް ޙާޞިލުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
ހެޔޮ ނަޞީޙަތްދޭ މީހުންނަށް ނުބައިބަސްބުނުމަކީ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ކަމެއްކަން އެނގިގެންދާ މިޙާދިސާއިން ޢިބްރަތް ޙާޞިލުކުރައްވާ!

މިޙާދިސާ މިގެނެސްދެނީ އެކުވެރިން ދިންނަމަވެސް ޝައިޚަކުދެއްވިނަމަވެސް ހެޔޮ ނަޞީޙަތް ދިނުމުން ޤަބޫލުނުކުރާތަނުގަ ހަޖޫޖަހާ އެކުވެރިއަކަށް ޢިބްރަތަކަށްވާނެ ޙާދިސާއަކަށް އެދިފައިވާ ކިޔުންތެރިއަކަށެވެ. އަދި ޢާންމުކޮށް ހުރިހާ ކިޔުންތެރިންނަށްވެސް އަގުހުރި ފިލާވަޅަކަށްވާނެތީއެވެ. އިން ޝާ ﷲ  

ހެޔޮލަފާ ނަޞޭޙަތް ދެއްވަވާ ޢިލްމުވެރިންނަށް ނުބައި ބަސްތައް ބުނެ ފުރައްސާރަކުރާ މީހުން ގިނަވެއްޖެއެވެ. ދެއްވި ނަޞޭޙަތަށް ނުބަލައި ދިމާއަށްވެސް އެއްޗެތި ގޮވައިގަންނަން ޖެހިލުން ނުވާ މީހުންވެސް އެބައުޅެއެވެ.  

މިފަދަ މައްސަލަތައް ގިނަފަހަރު ކުރިމަތިވަނީ ދަރިން ތަރުބިއްޔަތުކުރެވޭ ގޮތަކުންނެވެ. އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ނުދެވޭތީއެވެ. އަދި މައިންބަފައިންވެސް އެކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ.  

މިވާހަކައަކީ އެފަދަ މީހުންނަށް ޢިބްރަތެއް ލިބިދާނެ ވާހަކައެކެވެ. މިވާހައިން ލިބިގެންދާ ދެވަނަ ޢިބްރަތަކީ ކުރިން އުޅެވިފައި އޮތް ގޮތާއިމެދު ކަންބޮޑުނުވާށެވެ! ތައުބާވުމުން ތިބާއަށް އުފާވެރި ޙަޔާތެއް ދެއްވަވާނެ ކަމެވެ. ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

ފައުޒިއްޔާއަކީ އަވަށުގެ ގިނަ އަންހެން ކުދިންނާ ޚިލާފު ދިރިއުޅުމެއް އުޅޭ ކުއްޖެކެވެ. ހެދުން އުޅުމުގައި ވެސް ދިރިއުޅުމުގައި ތަފާތެވެ. ފައިޒއްޔާ ބުނާ ގޮތުން އޭނާއަކި މިނިވަނެކެވެ. އޭނާ ހުރިހާ ކަމެއްގައިވެސް ކޮޕީކުރަން ބޭނުންވަނީ ހުޅަނގުގެ "މިނިވަން" އުޞޫލުތަކެވެ. ހަމަތަކެވެ.  

ފައުޒިއްޔާގެ މި ސިފަތަކާއި މައިން ބަފައިން ނުރުހުމުން ވެސް ފައުޒިއްޔާ ބޭނުންވީ އޭނާ ޤަބޫލުކުރާ ހަމަތަކުގައި ކުރިއަށް ދިއުމަށެވެ. ހުޅަނގުގެ ޑިޒައިންތަކުގެ ހެދުން ލައި ހުޅަނގުގެ ހަމަތަކުގައި ދިރިއުޅޭށެވެ. އެންމެފަހުން ގެއިންވެސް ނުކުތީއެވެ. ޢެނާގެ ވިސްނުމަށް ތާއީދުކުރާ ރައްޓެހިންނާއިއެކު ދިރިއުޅެން ފެށީއެވެ.  

އެއް ރެއެއްގެ މަޣްރިބް ނަމާދު ނިމިގެން މިސްކިތުން މީހުން ފެއިބި ވަގުތެވެ. ވަރަށް ބަރަހަނާކަން ބޮޑު ހެދުމެއްގައި ފައުޒިއްޔާ މިސްކިތް ކައިރިން ދާން ފެށުމުން މިސްކިތުގެ އިމާމް ޢަބްދުލްޤާދިރު އޭނާއަށް ގޮވައިލެއްވިއެވެ. އަދި ނަޞޭހަތް ދެއްވަން މަސައްކަތް ކުރެއްވިއެވެ. ފައުޒިއްޔާގެ ޖަވާބަކަށްވީ "ހިތްކާފަރުވާ މީހުން ގެއިން ނުނުކުމެ ގޭގައި ތިބުން ރަނގަޅުވާނެ! އެއިރުން ތިއަ ކަންބޮޑުވާ ކަންކަމެއް ނުފެންނާނެ!" ކަމަށެވެ.  

އެއިގެ އަހަރެއްހައި ދުވަސް ފަހެވެ. އިމާމް، އޭނާގެ އަނބިމީހާ ގޮވައިގެން އަވަށުގެ ހޮސްޕިޓަލަށް ދުރުވިއެވެ. ޢާއިލާގެ މީހަކު ބަލިވެ އޮތުމުން ހާލުބައްލަވައިލެއްވުމަށެވެ. ކަން ދިމާވިގޮތުން ޢާއިލީ މީހާ އޮތް ވޯޑުގައި ވަރަށް ބޮޑަށް ފަރުދާކޮށްފައި އޮތް މީހަކު އޮތެވެ. އެމީހާ އާއިމެދު އިމާމް ސުވާލުކުރެއްވުމުން އެނގިލެއްވީ އެއީ ވަރަށް އާދައާއި ޚިލާފް ބައްޔެއް ޖެހުމަށްފަހު އަދިވެސް މުޅިން ފަސޭހަ ނުވާ ޒުވާން އަންހެނެއް ކަމެވެ. އަދި އޭނާގެ ޢާއިލާއިންވެސް އަޅައިނުލާ ކަމަށާއި އެއްވެސް އެހީތެރިއަކުވެސް ނެތް އަންހެނެއްކަމެވެ.  

މިއަޑުތައް އިވުމުން އިމާމްގެ އަނބިކަނބަލުން ފާޠިމާއަކަށް ކެތެއް ނުކުރެވުނެވެ. ގޮސް އޭނާ އާއި ބަދަލުކޮށް ވާހަކަދައްކައިލުމުން އެއީ އަވަށުގައި ގިނަވެގެން އުޅުނު ފައުޒިއްޔާކަން އެނގުނެވެ.  

އިމާމްގެ ހުއްދައާއިއެކު ފައުޒިއްޔާގެ ކަންކަން ބެލެހެއްޓުމާއި ފާޠިމާ ޙަވާލުވެ އެހީތެރިވެދޭން ފެށިއެވެ. ފައުޒިއްޔާގެ ގައިން ނަގާފައިވާ ފޮޅުތައް ފިލައި އަޞްލު ސިފަ ޖެހުނީ ފާޠިމާ އޭނާއަށް އެހީތެރިވާތާ 6 މަސް ދުވަސް ފަހުންނެވެ. ބަލި ފަސޭހަވުމުން ވެސް ޢާއިލާގެ އެއްވެސް މީހަކު ފައުޒިއްޔާ އާއި ޙަވާލުވާން އެއްބަސް ނުވުމުން ފާޠިމާ، ފައުޒިއްޔާ ގެންދިއައީ އެގެއަށެވެ.  

ފާޠިމާ ފައުޒިއްޔާއަށް ދިން ނަޞޭހަތް ޤަބޫލުކޮށް ފައުޒިއްޔާގެ ދަރިން ވެސް އުޅޭ ފަދައިން ރިވެތި ގޮތުގައި ފައުޒިއްޔާ އެގޭގައި އުޅެމުން ދިއައެވެ. ދެމަފިރިންގެ ދަރިއެއް ފަދައިންނެވެ. ކަންދިމާވިގޮތުން އެދެމަފިރިންގެ 3 އަންހެންދަރިން ތިބޭއިރު މެދަށް ހުންނަ ރުޤިއްޔާ ޢާއި ފައުޒިއްޔާއި އެއް އުމުރެކެވެ. 

މިހާރު ފައުޒިއްޔާއަކީ އިމާމްގެ ދަރިން ފަދައިން ނަމާދުކުރާ އަދި ނިވައިވެގެން ހުންނަ އަންހެންނެކެވެ. ފައުޒިއްޔާއަށް ފިރިއަކު ހޯދައިދޭން ފާޠިމާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފައުޒިއްޔާ ބުނަމުން ދިއައީ ކައިވެންޏެއް ކުރަން ބޭނުން ނޫން ކަމަށާއި ބޭނުމީ އެ ދެމެފަރިންނަށާއި ދެމަފިރިންގެ ދަރިންނަށް ޚިދުމަތްކުރަން އެގޭގައި އިންނަން ކަމަށެވެ.  

ފައުޒިއްޔާ އެގޭގައި ދިރިއުޅޭތާ 5 ވަނަ އަހަރެވެ. ގަދަ ހުމެއް ޖެހިފައި ކުޑަ ދުވަސްކޮޅެއް ތެރޭގައި ފާޠިމާ ނިޔާވެއްޖެއެވެ. މުޅި ގެއަށް ބޮޑު ހިތާމައެއް ލައިގެންފިއެވެ. އެ ބޮޑު ހިތާމައިން ޢާއިލާ އަރައިގަނެ ހަމަޖެހުމެއް ލިބުނީ ފާޠިމާ މަރުވިތާ ވެސް 2 އަހަރު ފަހުންނެވެ.  

އެއް ރޭ ޢިޝާ ނަމާދުން ފައިބަންނަވައިގެން އިމާމް ގެއަށް ދުރުވެ ކޭންބައްލަވައިގެން ސިޓިންގރޫމްގައި މަޑުކޮށްލެއްވިތަނާ ފުރުޞަތު ބަލާފައި ފައުޒިއްޔާ ގޮސް އިމާމް އާއިި ބައްދަލު ކުރިއެވެ. އަދި ނަންގަތެވެ. "އިމާމް އެވެ! އިމާމް އަޅުގަނޑަށް ނަޞޭޙަތް ދެއްވަން އުޅުއްވި ދުވަހު ބުނެވުނު ބަސް މަތިން މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެއީ އެއިރު އަޅުގަނޑުގެ ބޮލަށް ޝައިޠާނާ ސަވާރުވެފައިވާ ވަރުން ބުނެވުނު ބަހެކެވެ. އެކަމަށްޓަކައި އަޅުގަނޑަށް މަޢާފް ކުރައްވާށެވެ! މިއަދު އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކުއެދޭށެވެ! ފާޠިމާ ދައްތަވެސް ނިޔާވީއެވެ. ބޭބެ އެކަނިވެސް ވީއެވެ. ބޭބެ އަޅުގަނޑަށްވުރެ މުސްކުޅި ނަމަވެސް އަޅުގަނޑު އެދެނީ ބޭބެ އަޅުގަނޑާއި ކައިވެނިކޮށް ދެއްވުމެވެ. އިރާދަކުރެއްވިއްޔާ ދައްތަ ބޭބެއަށް ޚިދުމަތް ކުރި ފަދައިން ބޭބެއަށް ޚިދުމަތްކޮށްދޭނަމެވެ. އަޅުގަނޑަށް ދެވަނަ ހަޔާތެއް ލިބުނީ ބޭބެމެން ދެމަފިރިންގެ ސަބަބުންކަން އަބަދުވެސް ހަނދާން ބަހައްޓާނަމެވެ."  

ޖަވާބުގައި އިމާމް ބުނުއްވީ ތިއައީ އަރަމެން ދެމަފިރިން ދަރިއެއްގެ ގޮތުގައި ބަލައިގެންފައިވާ ކުއްޖެކެވެ. ވީމާ އެ މަޤާމުގައި ހުންނާށެވެ. އެ މަޤާމުގައި ހުރިހާ ދުވަހަކު މިގޭގައި ހުރެވޭނެއެވެ! ފައުޒިއްޔާ ކައިވެނިކުރަން ބޭނުންނަމަ ހެޔޮލަފާ ތަޤްވާވެރިއަކު ހޯދައިދީފާނަމެވެ.  

އެކަމަށް ފައުޒިއްޔާ އެއްބަސްވުމުން އިމާމް ފައުޒިއްޔާއަށް ހެޔޮލަފާ ތަޤްވާވެރި ފިރިހެނަކު ހޯއްދަވައި ދެއްވިއެވެ. ފިރިމީހާ އާއިއެކު ގެއިން ނުކުމެގެން ދިއައީ އަމިއްލަ ގެއިން ނުކުންނަން ޖެހުމުންވެސް ކަރުނައަޅާފަދައިން ކަރުނަ އަޅަމުންނެވެ.

 

- މިއީ ޕާކިސްތާނުގެ ލާހޯރުގައި ހިނގާފައިވާ ކަމެކެވެ.   

 

މިއަދު އޮންލައިން