ބޮޑެތި ގޯސްތައް ހެދި ދެރަލިބެނީ ﷲ ގެ ރަހްމަތުން އުންމީދުކަނޑައިލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ބޮޑެތި ގޯސްތައް ހެދި ދެރަލިބެނީ ﷲ ގެ ރަހްމަތުން އުންމީދުކަނޑައިލެވޭތީ!

ވަރަށް އާދައިގެ ކަންކަމުގައިވެސް ބައެއް މީހުން ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައެވެ. "ތިއަކަމެއް ދެން ނުވާނެ" ކަމަށް ނިންމައެވެ. ބައެއް ފަހަރު ތިމާ ލޯބިވި މީހާއާއި ކައިވެނި ނުކުރެވުމުން ދުނިޔެއިން ދެން އުފަލެއް ނުލިބޭނެ ކަމަށް ނިންމައެވެ. ވަޒީފާއެއް ލިބުން ލަސްވުމުން ދެން ތިމާއަށް ވަޒީފާއެއް ނުލިބޭނެ ކަމަށް އެބަ ނިންމައެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައި އެފަދަ ނިންމުންތައް އަމިއްލައަށް ނިންމުމަމަށްފަހު ބައެއް މީހުން އެންމެ ނުބައި މަރުގެ ތެރޭގައި ހިމެނޭ އަމިއްލައަށް މަރުވުން ފަދަ ކަންކަންވެސް އެބަކުރެއެވެ.   

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް ކަމެއްގައި ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ! ވިސްނުންތެރިކަމާއިއެކު މިއާޔަތްތައް ކިޔައިލާށެވެ!  

الحجر ސޫރަތުގައި ވެއެވެ.  

( وَنَبِّئْهُمْ عَن ضَيْفِ إِبْراَهِيمَ (51) إِذْ دَخَلُواْ عَلَيْهِ فَقَالُواْ سَلامًا قَالَ إِنَّا مِنكُمْ وَجِلُونَ (52) قَالُواْ لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلامٍ عَلِيمٍ (53) قَالَ أَبَشَّرْتُمُونِي عَلَى أَن مَّسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ (54) قَالُواْ بَشَّرْنَاكَ بِالْحَقِّ فَلاَ تَكُن مِّنَ الْقَانِطِينَ (55) قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ الضَّآلُّونَ (56))  

މާނަ : ” އިބްރާހީމްގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގަފާނު އެބައިމީހުނަށް ކަޔައިދެއްވައި އަންގަވާށެވެ. އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް ވަދެއްޖެ ހިނދެވެ. ފަހެ އެހިނދު އެބައިމީހުން ސަލާމް ދެއްނެވިއެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިމަންމެންނަކީ ތިޔަބައިމީހުންދެކެ ބިރުގަންނަބަޔަކީމުއެވެ. އެބައިމީހުން ދެންނެވިއެވެ. ބިރުފުޅުނުގަންނާށެވެ. ޢިލްމުލިބިގެންވާ ދަރިކަލެއް ލިބިވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރު ތިމަންމެން ދެމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ އުފާވެރިކަމުގެ ޚަބަރު ތިމަންނާއަށް ތިޔަދިނީ މުސްކުޅިކަން އައިސް ކުރިމަތިވީހިނދުގައިހޭ؟ ފަހެ ތިޔަބައިމީހުން ތިމަންނާއަށް އުފަވެރިކަމުގެ ޚަބަރު ދޭނީ ކޮންކަމެއްގެ ވާހަކައިންހޭ؟ އެމެހުމާނުން ދެންނެވިއެވެ. ތިމަންމެން ކަލޭގެފާނަށް އުފަވެރިކަމުގެ ޚަބަރު މިދެނީ ޙައްޤު ބަސްފުޅުންނެވެ. ފަހެ އުންމީދު ކަނޑާލައިގެން ވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިފައިވާ މީހަކުފިޔަވާ އެމީހެއްގެ ވެރި ރައްބުގެ ހަޟްރަތުން އުންމީދުކުރުން ދޫކޮށްލާނީ ކާކުހޭ! “ 

ވަރަށް ސާފުކޮށް އެނގެން މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައިފިނަމަ އެމީހަކު ވާނީ މަގުފުރެދިފައިވާ މީހުންގެ ތެރެއިންކަމެވެ. ވީމާ ދިރިއުޅުމުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ.

ހިތާމައަކަށްފަހު އުފާވެރިކަން ދެއްވަވާނެތެވެ. މާލީ ދަތިކަމަކަށްފަހު ތަނަވަސްކަންވެސް ދެއްވަވާނެތެވެ. ކޮންމެ މުޞީބާތެއްވެސް ކުރިމަތިވާނީ އުފާވެރިކަމަކާއިއެކުގައެވެ. އެއީވެސް ޤުރްއާނުން އެނގެން އޮތްކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން