ޢާއިޝަތު ރަފާޙް ޢަލީ
ތިމާގެ ވިސްނުމުން އެއީ ރަނގަޅުކަމެއްކަމަށް ޤަބޫލުނުކުރެވޭ ކަމެއް ސުންނަތުން ފެނިއްޖެނަމަ އެކަމަކާ ދެކޮޅަށް ވާހަކަދައްކާ މީހުން އުޅެއެވެ. އަދި އެމީހުންނަށް ވިސްނެނީ މާރަނގަޅަށް ކަމަށްވެސް ޤަބޫލުކުރެވެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އަހުރެމެންނަށް އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރިކުރުމެވެ. ދެރަ ބަހެއް ބުނުމަކީވެސް ކުރެވޭ ފާފައެކެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ތެދުވެރި އަމާނާތްތެރިކަމުގެ ލަޤަބު ލިބިވަދައިގެންފައިވާ ބޭކަލެކެވެ. ނަމަވެސް މުޝްރިކުން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ.
ﷲ ތަޢާލާ ޝަރްޙް ސޫރަތް ރަސޫލާއަށް ތަސައްލީ އެއް ލިއްބައިދިނުމަށް ބާވައިލެއްވިއެވެ. އަދި އެސޫރަތުގައި ރަސޫލާ މަތިވެރި ކުރެއްވި ކަންކަމުގެ މިސާލުތަކަށް ބަލާލާއިރު، ޖާހިލިއްޔަ ޒަމާނުގައިވެސް [އަލްއަމީން] ގެ ލަޤަބު ލިބިގެން ދިޔުން ހިމެނެއެވެ.
އިސްލާމްދީނުގައިވެސް ޝަހާދަތުގެ ދެކަލިމާގައި, ﷲ ގެ ނަންފުޅާއިއެކު އެކަލޭގެފާނު صلى الله عليه وسلم ގެ ނަންފުޅު ގުޅުވާލެވިފައިވުމާއި، ބަންޤިއާއި އިޤާމަތުގައި, ދުވާލަކު އެތައް ފަހަރު ތަކުރާރުކުރެވުމާއި، ޚުތުބާގައި އަދި އައްތަޙިއްޔާތުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމާއި، އެކަލޭގެފާނު صلى الله عليه وسلم އަށް ޞަލަވާތް ކިޔެވުމަށް އެންމެހާ މުސްލިމުންނަށް ﷲ އަމުރުކުރެއްވުމާއި، ޤިޔާމަތް ދުވަހު ހުރިހާ ޚަލްޤުތަކުންގެ މައްޗަށް މާތްކުރައްވަވާ, [ޝަފާޢަތުލް ޢުޡްމާ] ދެއްވާނެކަމަށް އެންގެވުން ހިމެނިގެންވެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާން ކަމަށް ޢާއިޝަތުގެފާނުވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
لاَ يُؤْمِنُ أَحَدُكُمْ، حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
މާނައީ: “އެމީހެއްގެ މައިންބަފައިންނާއި، ދަރިންނާއި، އަދި އެންމެހާ މީސްތަކުންނަށްވުރެ އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ލޮބުވެތިވެއްޖެއުމަށްދާންދެން އެމީހެއްގެ އީމާންވިކަމުގައި ނުވެއެވެ.
އަޅުގަނޑުމެން އެކަލޭގެފާނުގެ ސުންނަތައް ފުރިހަމައަށް ތަބަޢަވާން ޖެހެއެވެ. އެކަލޭގެފާނު އެންގެވި ކޮންމެ ކަމަކަށް ތަބަޢަވާން ޖެހެއެވެ. އަޅުގަނޑުމެންނަށް ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަކީ ނަމޫނާ ބޭކަލެކެވެ.
ﷲ ތަޢާލާ އަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
މާނައީ: "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ."