ކަނބަލުންނަށް ޚާއްޞަ!: ހިތްދަތިކަމާ މައްސަލަތަކާއެކުވެސް އުފަލުގަ ދިރިއުޅޭ ގިނަ އަންހެނުންނަކީ ޤުރްއާނުން ހިތްވަރުހޯދާ އަންހެނުންކަން ތަޖުރިބާއިން ޔަޤީންކުރެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކަނބަލުންނަށް ޚާއްޞަ!: ހިތްދަތިކަމާ މައްސަލަތަކާއެކުވެސް އުފަލުގަ ދިރިއުޅޭ ގިނަ އަންހެނުންނަކީ ޤުރްއާނުން ހިތްވަރުހޯދާ އަންހެނުންކަން ތަޖުރިބާއިން ޔަޤީންކުރެވޭ!

އަނަހެނުންނަށާ ފިރިހެނުންނަށް ބެލިނަމަވެސް ކޮންމެވެސް ގޮތަކުން މައްސަލައެއް ކުރިމަތިވެފައިނުވާ މީހަކު މަދުވާނެއެވެ. އަދި ނިޞްބަތުން ބަލައިފިނަމަ މައްސަލަތައް ކުރިމަތިވެފައިވާ އަންހެނުން ގިނައެވެ. ވީމާ އަޑުއަހާށެވެ!  

އަހުރެން ހިންގާ އިންސިޓިޔުޓްގައި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަމުން ގެންދާ ދަރިވަރުންގެ ތެރޭގައި މިވަޤުތު ހުރި ޢުމުރުން އެންމެ ދުވަސްވީ ދަރިވަރަކީ 67 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ޒިންމާދާރު އަންހެނެކެވެ. އޭނާއަކީ އެތައް ބައިވަރު ދަރިންގެ މާމައަކަށްވުހުރެވެސް ޤުރްއާނާއިބެހޭ ހުރިހާ ކްލާސްތަކަށް ބަރާބަރަށް ޙާޒިރުވެއެވެ. ގޭގެ މަސައްކަތްކުރެއެވެ. އިޖުތިމާޢީ މަސައްކަތްވެސް ކުރެއެވެ.  

ބުނަން ހެއްޔެވެ؟ ކީރިތި ޤުރްޢާން އުނގެނެންވުމުން ވަޤުތު ނެތްކަމަށް ބުނުމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ބޭނުންނަމަ ތިމާއަށް މީރު އެންމެ ބާވަތެއް ތައްޔާރު ކޮށްލަން ބަދިގޭގައި 2، 3 ގަޑިއިރު ހޭދަކުރަމުން ޤުރްއާން އުނގެނެން ވަޤުތު ނެތްކަމަށް ބުނަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟  

ދެންވެސް ބުނެލަން އޮތީ ވަރަށް މުހިންމު ވާހަކައެކެވެ. ގިނަ އަންހެނުންނަކީ ދިރިއުޅުމުގައި ކޮންމެވެސް ބާވަތެއްގެ ކަންބޮޑުވުންތަކެއް ހުރި، އަދި އެކަންބޮޑުވުންތަކާއިއެކު ދިރިއުޅެން މަސައްކަތްކުރާ ބައެކެވެ. އެއިގެ ތެރޭގައި ކައިވެނިކޮށްގެން ތިބި އަންހެނުންނާއި ކައިވެނި ރޫޅި އެކަނިވެފައިތިބި އަންހެނުންވެސް ހިމެނެއެވެ. އަދި ކައިވެނި ނުކުރެވި ތިބި އަންހެނުންވެސް ހިމެނެއެވެ.  

ދުނިޔޭގެ އެކި ޤައުމުތަކުން ބައްދަލުވެފައިވާ އަންހެނުންގެ ވާހަކަތަކަށްބަލާއިރު މިފަދަ ހުރިހާ އަންހެނުންގެ ތެރެއިންވެސް ކަންބޮޑުވުންތަކުން ލިބޭ ހިތްދަތިކަން އެންމެ ކުޑަކޮށް އިޙްޞާޞްކުރާ ބައަކީ ކޮންމެވެސް ގޮތަކުން ޤުރްއާނާއި ކައިރިކަން ބަހައްޓާ އަންހެނުންނެވެ. އެއިގެ ތެރޭގައި ކްލާސްތަކަށް ގޮސް ނުވަތަ އޮންލައިންކޮށް ޤުރްޢާން އުނގެނެން މަސައްކަތްކުރާ އަންހެނުންނާއި އަދި އަމިއްލައަށް ގޭގައި ކިޔަވައި އުނގެނެން މަސައްކަތްކުރާ އަންހެނުންވެސް ހިމެނެއެވެ.  

އެއީ ޙައިރާންވާންޖެހެންވީ ކަމެއް ނޫނެވެ. ކީރިތި ޤުރްޢާނަކީ ހުރިހާ ކަމަކަށްވެސް އޮތް އެންމެ ބޮޑު ޝިފާއެވެ. ހަމައެކަނި ބަލިތަކަކަށް ނޫނެވެ. ހިތަށް ކުރިމަތިވާ މައްސަލަތަކަށްވެސް އޮތް އެންމެ ބޮޑު ޝިފާއެވެ. އެހެން މައްސަލަތަކަށްވެސް އޮތް ޝިފާއެވެ. ޤުރްއާނުން އެހީތެރިކަން ހޯދަން މަސައްކަތްކުރާ ކޮންމެ ކަމަކަށް ޤުރްއާން އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ. އެއީވެސް ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

 

- ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން