މޮޅަށް ކުޅެވެނީ ކޯޗުގެ އިރުޝާދަށް ޢަމަލުކުރުމުންނެވެ. އިމްތިޙާނުތަކުން މަތީވަނަތައް ޙާޞިލުކުރެވެނީ އެދުރުންގެ ބަސް ޤަބޫލުކޮށް ކިޔެވުމުންނެވެ. ދުނިޔޭގެ ދިރިއުޅުމާ އާޚިރަތް ކާމިޔާބުކުރެވެން އޮތީ ޢަމަލުތައް ސީދާކޮށް ﷲ ގެ މަގުގައި ޘާބިތުވެގެންނެވެ. އެކަމަށް އެނަމް ެބޮޑަށް ބޭނުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ.
ސަމާލުވެ އަޑުއަހާށެވެ!
"އަހަރެމެން ޙާޟިލުކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވެސް ވަނީ ތިޖޫރީއެއްގައި ތަޅުލެވިފައެވެ. އެއީ ހަލާހަލާކުކޮށްލައިގެން ހުޅުވޭނެ ތިޖޫރީއެއް ނޫނެވެ. ވީމާ އެ ތިޖޫރީ ހުޅުވަން ތަޅުދަނޑިއެއް ބޭނުންވެއެވެ.
އެތަޅުދަނޑީގައި ދެ ދޫވެއެވެ. އެ 2 ދޫ ސަލާމަތުން ނެތި ތަޅުދަނޑި މަސައްކަތެއް ނުކުރާނެއެވެ. ފުރަތަމައީ ކެތްތެރިވުމެވެ. ދެވަނައީ ﷲ ތަޢާލާއަށް ޛިކުރުކުރުމާއި ދުޢާކުރުމެވެ. މި 2 ދޫ ތަޅުދަނޑީގައި އިންނަމަ ކޮންމެ ތިޖޫރީއެއްވެސް ހުޅުވޭނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެއެވެ."
އޭނާ ވަރަށް ޙިކުމަތްތެރިކަމާއިއެކު ބަޔާންކުރައްވާފައި އެވަނީ ކޮންމެ ކަމެއް ޙާޞީލުކުރަން ބޭނުންވެގެން މަސައްކަތްކުރި ނަމަވެސް އެމީހާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭނެ އެންމެ މުހިންމު 2 ސިފައެވެ. ނުވަތަ ކޮންމެހެންވެސް ހިފަހައްޓަންޖެހޭނެ 2 ސަބަބެވެ. އެ 2 ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރާނަމަ އެމީހަކު މާޔޫސް ނުވާނެއެވެ. އިން ޝާ ﷲ
މިބަސްފުޅުގައި ޛިކުރުކުރުން ގެންނަވާފައިވުމުން އެބަސްފުޅުގެ މާނައަކީ ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ފަރުޟުތަކަށް ރައްކައުތެރިވުމެވެ. ޛިކުރުކުރުމާއި ދުޢާކުރުން ގެނެވޭނީ އެކަންކަމުގެ ފަހަތުން ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން