ތިބާއަށް ތަނަވަސްކަން ލިބުނީ ތިބާގެ މޮޅުކަމުން
ކަމަށް ވިސްނޭނަމަ އެއީ އެންމެ ނުބައި ވިސްނުމެކެވެ. އެމީހެއްގެ މޮޅުކަމުން ތަނަވަސްކަން ލިބުނު އެކަކުވެސް ނުހުންނާނެއެވެ. ރަނގަޅަށް ދަންނާށެވެ! ތިބާގެ ކިބައިގައިވާ ތަނަވަސްކަމަކީ ތިބާގެ މިލްކެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ މިލްކެކެވެ. ވީމާ ޒަކާތް ދައްކަން ފަސް ނުޖެހޭށެވެ.
ނޫރު ސޫރަތުގެ 33 ވަނަ އާޔަތް ބަލާށެވެ. ވަޙީބަސްފުޅުގައިވަނީ "---އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!--" ވީމާ އަހަރެމެންގެ އަތުގައިވާ ތަނަވަސްކަމަކީ އަހަރެމެންގެ ޙައްޤެއް ނޫނެވެ. ﷲ ތަޢާލާގެ ޙައްޤެކެވެ.
ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަނީ އެމީހަކު ބޭނުންހައި ކަންކަމަށް ޚަރަދުކުރާކަށް ނޫނެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. ތިބާގެ އަތުގައި އެތަނަވަސްކަންވަނީ ﷲ ތަޢާލާގެ އަމާނާތެއްގެ ގޮތުންނެވެ. ޤިޔާމަތް ދުވަހު ތިބާގެ ގަނޑުވަރު އުސްކޮށް ފުރިހަމަކުރަން ބޭނުންނަމަ އެހެން މީހުންނަށް އެހީތެރިވުން ގިނަކުރާށެވެ.
ދުނިޔެއަށް ތިބާ އުފަންވަނީ އެއްވެސް އެއްޗެއް އަތުގައި ނެތިއެވެ. ދުނިޔެ ދޫކޮށްފައި ދާންޖެހޭނީވެސް ހަމަ ހުސްއަތާއެވެ. އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ ތިބާ އާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިފިނަމައެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކޮށްގެން އެއްވެސް މީހަކު ބަނގުރޫޓުނުވާނެ ކަމުގެ ގަރަންޓީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވަވައިފައެވެ. އަދި ތިބާއަށް މާލީ ދަތިތައް ކުރިމަޔިވާހެން ހީވާނަމަވެސް މުށްބާރުކުރަންވީއެއް ނޫނެވެ. މީސްތަކުންނަށްޓަކައި ދީލަތިވާންވީއެވެ. އެއިރުން އެތައް ގުނައަކަށް އިތުރުވެގެން އެނބުރި އައިސް ތިބާގެ ޖީބަށް ވަންނާނެއެވެ. އިންޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން