މިއޮތީ ސުންނަތް! ސުންނަތް ދިރުވަންނަމަ ރަސޫލް ޞޢޥ ފަދައިން ލިބިފައި ތިބި ދަރިންގެ ޢަދަދަށް ނުބަލައި ކައިވެނިކޮށް އެކުދިން ހެޔޮ ގޮތުގަ ތަރުބިއްޔަތު ނުކުރަނީ ކީއްވެތަ؟

ކިޔުމަށް ހޭދަވާނީ 4މ 21ސ
މިއޮތީ ސުންނަތް! ސުންނަތް ދިރުވަންނަމަ ރަސޫލް ޞޢޥ ފަދައިން ލިބިފައި ތިބި ދަރިންގެ ޢަދަދަށް ނުބަލައި ކައިވެނިކޮށް އެކުދިން ހެޔޮ ގޮތުގަ ތަރުބިއްޔަތު ނުކުރަނީ ކީއްވެތަ؟

ޢަލީ އިޙްޞާން ފިޜާޤް

 

ކައު އިތުރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އަށް އެންމެ ގިނަ ދޮންދަރިކައުކަނބަލުންނެއް ލިބިވަޑައިގަތީ އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާއާ ކުރެއްވި ކާވެނިފުޅުންނެވެ. އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ގެ ފިރިކަލުން އަބޫ ސަލަމާ ރަޟިޔަﷲ ޢަންހު ހަނގުރާމައެއްގައި ލިބިވަޑައިގެން ޒަޚަމެއް ފަސޭހަފުޅުނުވެ އަވަހާރަވުމާ ގުޅިގެންނެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އަބޫ ސަލަމާ ރަޟިޔަﷲ ޢަންހު އަވަހާރަވީ އިރު އުއްމު ސަލަމަތުގެފާނު އިންނެވީ އެކަމަނާގެ އެންމެ ހަގު ދަރިކަނބަލުންނާގެން އާލާސްވެއެވެ. 

އުއްމު ސަލަމަތުގެފާނު ރައްކައުވެވަޑައިގެން އެކަމަނާގެ ޢިއްދަ ފުރިހަމަވުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާއާ ކާވެނި ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ހަތަރު އުޒުރެއް އެކަމަނާ ދެއްކެވިއެވެ. އެތަނުން އެއް އުޒުރަކީ އެކަމަނާއަކީ ދަރީން ގިނަ ބޭކަނބަލެއް ކަމުގައި ވުމެވެ. ނަމަވެސް މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުހަނު އޯގާތެރިކަމާއެކު ޙަދީޘް ކުރެއްވިއެވެ. 

[ކަމަނާގެ ދަރީންނަކީ ހަމަ ތިމަންކަލޭގެފާނުގެވެސް ދަރީންނެވެ.] {ނަސާއީ}  

އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ގެ ކުރީގެ ކާވެނިފުޅަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. އެއީ دُرّة بنت أبي سلمة އާއި زينب بنت أبي سلمة އާއި،  سلمة بن أبي سلمة އާއި،  عمرو بن أبي سلمة އެވެ.  

މާތް ރަސޫލާ صلّى اللّـه عليه وسلّم ، އުއްމު ސަލަމަތުގެފާނާ ކާވެނިބެއްލެވުމަށްފަހު، މި ޔަތީމު ހަތަރު ބޭފުޅުން އެކަލޭގެފާނުގެ އޯގާވެރިކަމުގެ ހިޔާވަހިފުޅުގެ ދަށަށް ގެންނެވިއެވެ. އެބޭފުޅުންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މަކާރިމުތައް ދަސްފުޅުކޮށް ދެއްވިއެވެ. 

عمرو بن أبي سلمة ވިދާޅުވެފައިވެއެވެ. [އަހަރެންނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބެއްލެވުމުގެ ދަށުގައި ހުރި ކުއްޖެކެވެ. އަހަރެން ބައެއް ފަހަރު މާތް ރަސޫލާގެ އަރިހުގައި އެއް ތަށީގައި ކައި ހަދަމެވެ. ބައެއް ފަހަރު އަހަރެންގެ އަތުގެ އިނގިލިތައް މާތް ރަސޫލާގެ އިނގިލިފުޅުތަކުގައި ޖެހެންވެސް ޖެހެއެވެ. އެއްފަހަރު މާތް ރަސޫލާ އަހަރެންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. 

[އޭ ދަރިފުޅާއެވެ. އެއްޗެއް ކާކަމުގައި ވަނީނަމަ ފުރަތަމަ ބިސްމި ކިޔައިފައި ކާން ފަށާށެވެ. އެއަށްފަހު ދަރިފުޅުގެ ކަނާތް ފަރާތުން ކާންފަށާށެވެ. ކާއިރު ކާންވާނީ ތިމާއާ އެންމެ ކައިރި ފަރާތުންނެވެ.] 

عمرو بن أبي سلمة ވިދާޅުވެފައިވެއެވެ. އޭގެ ފަހުން އަހަރެން ކައުސާހިބާގެ އިރްޝާދުތަކަށް ފުރިހަމައަށް އަމަލު ކުރަމުން ގެންދިޔާމެވެ. {ޞަޙީޙު ބުޚާރީ، ޙަދީޘް 5376} 

ޒައިނަބު ބިންތު އަބީ ސަލަމާއަކީ ތުއްޕުޅު ބޭފުޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމާނާއަށް ލޯބިން މުޚާތަބު ކުރައްވައި ހައްދަވަނީ [ޒިނާބު] ގެ ނަންފުޅުންނެވެ. އެކަލޭގެފާނު ގަނޑުވަރުން ބޭރުގައި އުޅުއްވަ އުޅުއްވައިފައި އުއްމު ސަލަމަތުގެފާނުގެ އަރިހަށް ވަޑައިގެން ވަރަށް ގިނައިން [ޒިނާބު ކޮބައިހޭ] އައްސަވައި ހައްދަވައެވެ. 

ޒައިނަބު ބިންތު އަބީ ސަލަމާ ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ވުޟޫ ކުރައްވަން ހުންނަވާ ވަގުތުގައި އެތަނަށް ވަޑައިގަންނަވައެވެ. މާތް ރަސޫލާ ބައެއް ފަހަރަށް ސަމާސާ ކުރެއްވުމުގެ ގޮތުން އެކަމަނާގެ މޫނުފުޅަށް ފެންފޮދުފޮދު ވިއްސަވައި ލައްވައި ހައްދަވައެވެ. އޭގެ ބަރަކާތެއްގެ ގޮތުން އެކަމަނާގެ އުމުރުފުޅުން ނުހަނު މުސްކުޅިފުޅު ވީއިރުވެސް މޫނުފުޅުމަތީން ފެންނަމުން ދިޔައީ ޒުވާންފުޅުކަމާއި ތާޒާކަމުގެ އަސަރުތަކެވެ. 

ހަމައެފަދައިން މާތް ރަސޫލާ صلّى اللّـه عليه وسلّم  އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާއާ ކާވެނިފުޅު ބެއްލެވުމަށްފަހު އެކަމަނާގެ ދަރިކަލުން ޢަބްދުއް ރަޙްމާންވެސް އެކަލޭގެފާނުގެ އޯގާވެރިކަމުގެ ހިޔާފުޅު ދަށަށް ގެންދެވިއެވެ. ޢަބްދުއް ރަޙްމާން ރަޟިޔަﷲ ޢަންހަކީ އިސްލާމީ ވަރުގަދަ މުޖާހިދެކެވެ. އެކަލޭގެފާނު ޝަހީދުވީ ޢުމަރުގެފާނުގެ ޚިލާފަތުގައި ފާރިސްކަރައިގެ ޖަލައުލާގައި ކުރެއްވުނު ހަނގުރާމައިގައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ، ގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއެއް ނިއުޅުވައި ބަލައިފިނަމަ ފެންނާނީ، މިފަދަ ރީތި އުސްވަތުތެކެވެ. ރަޙްމަތާއި އޯގާވެރިކަމުގެ ބާބުތަކެވެ. ކެތްތެރިކަމާއި ޙިލްމުވެރިކަމުގެ ޞަފްޙާތަކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކުވައިދޭ ދަންމަރުތަކެވެ.

 

މިއަދު އޮންލައިން