އަހުރެންވެސް ފުރަތަމަ މަސައްކަތްކުރީ ގޭތެރޭގެ ހުރިހާ މަސައްކަތްތަކަކާ ކުދިންގެ ކަންކަމާ ހުރިހާ ކަމެއް އަމިއްލައަށް ކުރުމަށެވެ. ހަށިގަނޑަށް ކިތަންމެ ބުރަވިޔަސް ފިރިމީހާގެ ގާތުގައި އެވާހަކަ ނުބުނުމަށެވެ.
ނަމަވެސް ހިފަހައްޓައިލެވުނީ ދެވަނަ ަދރިފުޅު ލިބެންދެންނެވެ. އަހުރެން ހުރިހާ މަސައްކަތެއް އަމިއްލައަށް ކުރަން ބޭނުންވިނަމަވެސް ހަށިގަނޑު އެކަމަށް ނޫނެކެވެ ބުނަން ފަށައިފިއެވެ. ވަރުބަލިކަން މާބޮޑުވާން ފަށައިފިއެވެ. އެހިސާބުން އަހުރެންނަނީ އެންމެ ހިތްވަރުގަދަ އަންހެނާކަމަށްވުމަށް ކުރިން ގެންގުޅުނު ވިސްނުން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
ފުރަތަމަ ވިސްނުނީ މަސައްކަތުން ބައެއް ފިރިމީހާއާއި ޙަވާލުކޮށްފިނަމަ ގޭގެ ފުރާޅު ބޮލަސްވެއްޓޭނެ ކަމަށެވެ. ނަމަވެސް އެކަންވީ އެހެންނަކުން ނޫނެވެ. އަހުރެންގެ ޙާލަތު ކިޔައިދިނުމުން ފިރިމިހާ ޤަބޫލުކުރިއެވެ. މަސައްކަތަތަކުގައި އެހީތެރިވާން ފަށައިފިއެވެ.
ފުރަތަމަކޮޅު މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ނަމަވެސް އޭނާ ކުރަނީ އޭނާއަށްވެސް ކުރެވޭވަރުގެ ކަންކަންކަމަށް ތަޖުރިބާކުރެވުމުން އެކަން ރަނގަޅުވިއެވެ. ޙަވާލުކުރާ މަސައްކަތުގެ އިތުރަށްވެސް މަސައްކަތްކޮށްދޭން ފަށައިފިއެވެ. އެހިސާބުން އަހުރެންގެ ހަށިގަނޑަށް ހިތްހަޖެހުން އިތުރުވިއެވެ.ފިރިމީހާ އެންމެ އުފާވީ ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން މާފުރިހަމއަށް ކޮށްދެވެން ފެށުމުންނެވެ. އަހުރެންގެ ނަޞީހަތަކީ އަނބިމީހާކަމަށްވުމުން ހުރިހާ މަސައްކަތެއް ކުރަންޖެހޭނީ ތިމާއަށްކަމަށް ވިސްނުން ދޫކޮށްލުމެވެ.
އެކަމުން ކުރި އިތުރު ފައިދާއެއްވެސް ބުނެލާނަމެވެ. އެއީ ފިރިމިހާ ގޭގައި ހޭދަކުރާ ވަޤުތު ގިނަވުމެވެ. ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއައެވެ. މިއީ އަހުރެންގެ ތަޖުރިބާއެވެ. ތިބާގެ ފިރިމީހާއަކީ ހެޔޮލަފާ މީހަކުނަމަ މިއުފާވެރިކަން ތިބާއަށްވެސް ލިބޭނެއެވެ. އިން ޝާ ﷲ
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް