ﷲ ތަޢާލާ ތިބާއަށްޓަކާ ފޮނުއްވަވައިދެއްވަވާ މަލާއިކަތުން ނޫން އެއްވެސް ބައެއްގެ ކިބައިން އެއްވެސް ފައިދާއެއް ނުކުރާނެ ވަޤުތު މަލާއިކަތުން ފޮނުއްވަވާނެ މީހަކަށްވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 2ސ
ﷲ ތަޢާލާ ތިބާއަށްޓަކާ ފޮނުއްވަވައިދެއްވަވާ މަލާއިކަތުން ނޫން އެއްވެސް ބައެއްގެ ކިބައިން އެއްވެސް ފައިދާއެއް ނުކުރާނެ ވަޤުތު މަލާއިކަތުން ފޮނުއްވަވާނެ މީހަކަށްވަމާ!

މިއަދުގެ އެކަނިވެރިކަމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ބަލަންވީ ވީހާގިނަ އެކުވެރިން ހޯދާއެއް ނޫނެވެ. އެކުވެރިންނަށް އެންމެ ބޮޑަށް ބޭނުންވާނެ ދުވަހު އެހީތެރިވާނެ އެކުވެރިން ލިބޭތޯއެވެ. އެއކުވެރިން މިދުނިޔެއަކުން ނުހޯދޭނެއެވެ. އެއީ ހަމައެކަނި މަލާއިކަތުން ކަމަށްވާތީއެވެ. ބުއްދިވެރިންނަކީ އެދުވަހު ވީހާ ގިނަ މަލާއިކަތުން ތިމާއާއިއެކުގައިވާނެ މީހަކަށްވުން އެދިގެން މަސައްކަތްކުރާ މީހުންނެވެ.  

ދުނިޔޭގައި އެކަނިވެރިކަން އިޙްޞާޞްކުރަންޖެހޭ މީހުން ވަރަށް ގިނައެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ދުނިޔޭގައި އުކަނިވެރިކަމުގައި އުޅެންޖެހިއްޖެނަމަ ގިނަބައަކަށް އެކަން އޮންނަނީ އެންމެ ބޮޑު ކަންތަކަށްވެފައެވެ. އެއީ އެކަނިވެރިވުމުގެ ޙަޤީޤަތް ރަނގަޅަށް ނުއެނގޭތީއެވެ. އެކަންކަމަށް ވިސްނައި ނުލެވޭތީއެވެ.  

ވީމާ ޙަޤީޤީ އެކަނިވެރިކަމަކީ ކޮބައިކަމާއި އެކަނިވެރިވާންޖެހޭ ޙާލަތަކީ ކޮބައިކަން ދެނެގަންނަމާތޯއެވެ؟ ތިރީގައި އެވާ އައްޝައިޚް މޙައްމަދު ޝާހިދުގެ ލިޔުއްވުން ވިދާޅުވެލައްވާށެވެ.  

އަހަރެންނަށް އެއްވެސްތަނެއް ނުފެނެއެވެ. ވަށައިގެންވަނީ އަނދިރިކަމާއި، އެކަނިވެރިކަމާއި، ހާސްކަމާއި ފަޅުކަމެވެ. މަޑުމަޑު ފިޔަވަޅުތަކެއްގެ އަޑު އަހަރެންނާ ދުރައް ހިންގާފައި ދާއަޑު އެބަ އިވެއެވެ. ހީވާގޮތުން އެއީ އަހަރެންނާއެކު މިތަނަށް އަހަރެންގެ ފަސްފަހަތުން އައި މީހުންނެވެ. ނަމަވެސް އެމީހުން އަހަރެން މި އެކަނިވެރިކަމާ ފަޅުކަމުގެ ތެރެއަށް ދޫކޮށްލާފައި އެދަނީ ކީއްވެ ހެއްޔެވެ؟ މިގޮތަށް އެކަނިވެރިވުން ދުވަހަކުވެސް އަހަރެންގެ ޙަޔާތުގައި ނުވެއެވެ. އަހަރެންނަކީ އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރަމުން އައި މީހަކީމެވެ. ހިތްހަމަޖެހުމާއި ކުޅިވަރުގައި އުދުހުނު މީހަކީމެވެ. ނަމަވެސް މިއަދު މިވަނީ އެ ފަސްގަނޑެއްގެ މަތީ މަޖާކޮށް އުފާކޮށް އުޅުނު ފަސްގަނޑުގެ ބަނޑުތެރޭގައެވެ. އެކަނިވެރިކަމާއި ހާސްކަމާއި އަނދިރިކަމާއި ފަޅުކަމުން ފުރިގެންވާ ފަސްގަނޑުގެ ދަށުގައެވެ. މިއަދު އަހަރެންގެ ވަށައިގެންވާ އުޑަކަށްވެސް ބިމަކަށްވެސް މިވަނީ މި ފަސްގަނޑެވެ. 

އަހަރެން އެބަޔަކާ ވަކިވުމަށް ނޭދޭ އަހަރެންދެކެ އެންމެ ލޯބިވާ އަހަރެންގެ މަންމަޔާ ބައްޕަ ކޮބައިހެއްޔެވެ؟ ކުޑައިރު އެކުގައި ކުޅެން އުޅުނު ކޮއްކޮމެންނާ ބޭބެމެން ކޮބައިހެއްޔެވެ؟ އެކުގައި މުނިފޫހި ފިލުވައިދީ ކުޅިވަރުކުޅެ މަޖާކޮށްހެދި ރަޙްމްތެރިންތައް ކޮބައިހެއްޔެވެ؟ އެބައެއްގެ ރީތިކަމުން އަހަރެންގެ ހިތް މަސްތުން ފުރާލަދިން ޒުވާން ޖިންސުއްލަތީފުން ކޮބައިހެއްޔެވެ؟ އެ އިވެނީ އެމީހުން އަހަރެން ދޫކޮށްލާފަ ދާ އަޑެވެ. އެމީހުން އަހަރެންނާ އަޅާނުލަނީ ހެއްޔެވެ؟ އަހަރެންގެ ވަފާތެރިކަން މި ބިރުވެރި ފަސްގނޑަށް ވިއްކާލީ ހެއްޔެވެ؟ އަހަރެން މުއްސަނދި މުދާވެރިއެއްކަމުގައި ވީމެވެ. އެކަމު މިއަދު އަހަރެންނާއެކު އެއްވެސް އެއްޗެއް ނެތެވެ. އެއްކުރިހާ މުދަލާ ފައިސާ ބީވެ ފަސްދީ ހިނގައްޖެވެ. މިއަދު އެމުދާތަކުގެ ވެރިންނަކީ އެހެންބައެކެވެ. ދަރިންނާއި އަނބިންނާއި ރަޙްމަތްތެރިން އަހަރެންނަށް ޚިޔާނަތްތެރިވެ، އަހަރެންގެ މުދާތަކަށް ވެރިވެގަތީ ހެއްޔެވެ؟ 

އާއެކެވެ! މިއަދު މިވަނީ އެކަނިވެރި ވެފައެވެ. އަޅާލާނެ ޔާރެއް އިޔާރެއްވެސް ނެތިފައެވެ. ބިރުވެރިކަމުން ފުރިގެންވާ ދިރުމެއްނުވާ ފަސްގަނޑުގެ އަޑީގައި މިވަނީ ކަށި ފުރޭނުމަށް ތައްޔާރު ވެފައެވެ. އެއްކުރި މުދަލުން ހިފޭނެ ބޭނުމެއްނެތި، ފެންފުރި ފޫނެތް ރުނބަޔަކަށްވެފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ކުރިހާ މަޖަލަކާއި ހޯދިހާ އުފަލެއްގެ އެއްވެސް އަސަރެއްނެތި، މާޔޫސްކަމާއި، އެކަނިވެރިކަމުން ފުރިއްޖެއެވެ. 

ތެދެކެވެ! ދުނިޔޭގައި އުޅުނުއިރު ﷲ ގެ މަތިވެރި ނިޢުމަތުގެ މަތިން ހަނދާންކުރި މީހަކުކަމުގައި އަހަރެން ނުވަމެވެ. އެއިލާހުގެ ފުރިހަމަ ދުސްތޫރުކަމުގައިވާ ޤުރުއާން ކިޔަވައި އެއާމެދު ވިސްނި މީހެއްކަމުގައި އަހަރެން ނުވަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސްލުކަމުގައިވާ އެމަތިވެރި އިލާހުގެ މަތިން ހަނދުމަކުރުމުން ޣާފިލްވީމެވެ. ފަލާޙާއި ކާމިޔާބުގެ ކުރިބޯށިކަމުގައިވާ ނަމާދު އެއީ ވާއެއްޗެއްކަންވެސް ނޭނގެއެވެ. އަހަރެންނަށްވުރެ ދެރަނިކަމެތިންނަށް އަހަރެންގެ މުދަލުގައި ހައްޤެއްވާކަމަށް ޤަބޫލެއްވެސް ނުކުރަމެވެ. ތަޤްވާޔާ ކެތްތެރިކަމާއި ޙިމާޔަތުގެ އައްޑަނަކަމުގައިވާ ރޯދައަށް ހުރުމަތްތެރިކޮށް ނުހިތަމެވެ. ދެން އަހަރެން މި ނާންމާންކަމާއި ބިރުވެރިކަމުން ސަލާމަތްކޮށްދޭނޭ އިތުރު ކަމެއް އެބައޮތްހެއްޔެވެ. އަހަރެންނަކީ އަހަރެންގެ އަމިއްލަ އަތުން އަހަރެންގެ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލި މީހަކީމެވެ. އެކަމު ދެން މިއަދު ކުރެވޭނެ އެއްވެސްކަމެއްނެތެވެ… ހިތާމައިގެ މައްޗަށް ހިތާމައެވެ. މިއީ އަހަރެންގެ ޙާލެވެ. ﷲ ގެ ގަދަފަދަ ޢަޛާބާއި ކުރިމަތިލުން ފިޔަވައި ދެން އެއްވެސް ގޮތެއްނެތެވެ. 

މިއީ ހަމަ އަހަރެންފަދައިން ތިބާއަށްވެސް އަންނާނެ ދުވަހެކެވެ. އަހަރެންފަދައިން ޣާފިލްވީ މީހެއްކަމުގައި ތިބާ ނުވާށެވެ. ﷲ ގެ މިބަސްފުޅު ހަނދުމަކުރާށެވެ!  

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ (ޠާހާ: 124)  

"އަދި  ތިމަން އިލާހުގެ މަތިން ހަނދުމަކުރުމުން ފުރަގަސްދީފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި އުނދަގޫ ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ލޮލަށްނުފެންނަ ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާ ހުށީމެވެ."

ޝައްކެއްނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލައަށް ކިޔަމަންވެ ތަޤްވާގެ ފޭރާމުން ޒީނަތްތެރިވެއްޖެނަމަ، ތިބާޔަށްވަނީ އުފާވެރިކަމާއި ތަނަވަސްކަމެވެ.  

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ (އައްނަޚްލު: 97)  

"މުއުމިނެއްކަމުގައި ވާޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން އިލާހު  ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް ތިމަންއިލާހު ޖަޒާދެއްވާ ހުށީމެވެ." 

އެހެންކަމުން ތިބާ ޣާފިލްނުވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް މިވަނީ އުފާވެރިަކަމުގެ ގެރެންޓީދެއްވާފައެވެ. ހިންހަމަޖެހުމުގެ އައްސޭރިޔަށް މަގު ހުޅުއްވައިދެއްވާފައެވެ. އެހެންނަމަވެސް ޝަރުޠަކީ ހެޔޮ ޢަމަލެވެ. އެއިލާހުގެ މަތިން ޣާފިލް ނުވުމެވެ. ﷲ ތަޢާލާ އެއިލާހުގެ ވަޢުދުފުޅާއި ޚިލާފުވެ ވޮޑިނުގައްނަވައެވެ.  

… إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ (އާލްޢިމްރާން: 9)

"ހަމަކަށަވަރުން، ﷲ  ވަޢުދާ ޚިލާފުވެ ވޮޑިއެއްނުގައްނަވައެވެ" 

އެ އެކަނިވެރި ވަގުތުގައި ތިބާގެ އެއްވެސް ބައިވެރިއަކު ނުވާނެއެވެ. ތިބާ ވާނީ އެއަނދިރިކަމުގައި އެކަނިވެރިޙާލުގައެވެ. ތިބާގެ މައިންބަފައިންނާ، ތިބާގެ އެކުވެރިންނާއި އަނބިދަރިން، ތިބާ އެމީހުންނާ ވަކިވިކަންމައްޗަށް ދެތިންދުވަހު ރޯލާނެއެވެ. ދެންފެންނާނީ މާޒީއާއެކުވެ ތިބާގެ ހަނދާންތައް ފޮހެވޭތަނެވެ. އެހީތެރެރިކަމުގެ އަތެއް ދިއްކޮށްލާނޭ އެއްވެސް މީހަކު ނާންނާނެއެވެ. ތިބާޔާއެކު ހަމަ އެންމެ އެއްޗެއްނޫނީ ނުވެއެވެ. އެއީ ތިބާ ކުރި ހެޔޮޢަމަލުތަކެވެ. ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކެތްތެރިކަމާއެކު، ތަޤްވާވެރިކަމާއެކު ކުރި، ހެޔޮ އަޅުކަމެވެ. ތިބާ އެއިލާހަށް ކުރި ފުރިހަމަ އިތުބާރާއި، ތަވައްކުލެވެ. އެހިނދުން ތިބާވާނީ ރުހެވިގެންވާ ދިރި އުޅުމެއްގައިވާ ހެޔޮ ފުރާނަޔަކަށެވެ. 

ﷲ ތިބާއާއި އަޅަމެން އެ އެކަނިވެރި އިމްތިޙާނުން ފާސްކުރައްވާ ހިތްހަމަޖެހުމުގެ ދާއިމީ އައްސޭރިކަމުގައިވާ ސުވަރުގެތަކަށް ވާޞިލް ކުރައްވާނދޭވެ. އާމީން

 

- ޝައިޚް މުޙައްމަދު ޝާހިދު

 

މިއަދު އޮންލައިން