ކީރިތި ޤުރްއާނުން ކަމެއް ފެނުނަސް، ސުންނަތުން ފެނުނަސް، ޚަލީފާއިންގެ ކިބައިން ފެނުނަސް ޞަޙާބީންނާއި ތާބިއޢީންގެ ކިބައިން ފެނުނަސް އެކަމަކާއިމެދު ވިސްނަންވާނީ އެއީ ތިމާއަށް ރައްދުވާ ކަމެއްގެ ގޮތުގައެވެ. ވެރިން ވެރިކަން ކުރުމުގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލީ މަސްއޫލިއްޔަތު އަދާކުރުމުގައެވެ. އެމީހަކީ ޢާއިލާގެ ވެރިމީހާކަމަށްވާތީއެވެ. އެވިސްނުން ބަހައްޓަވައިގެން މިލިޔުން ވިދާޅުވެލައްވާށެވެ!
ކޮންމެ މީހަކަށްވެސް އެންމެ މުހިންމީ މަރަށް ތައްޔާރުވެގެން ހުރުމެވެ. މަރުވުމަށް ތައްޔާރުވެވިގެން ނޫނީ ބަރުޒަޚުގެ ޢާލަމަށް ތައްޔާރެއް ނުވެވޭނެއެވެ. ބަރުޒަޚުގެ ޢާލަމަށް ތައްޔާރުނުވެވޭ މީހަކަށް ޤިޔާމަތް ދުވަހަށް ތައްޔާރެއް ނުވެވޭނެއެވެ.
ޚިޔާލަށް ގެންނާށެވެ! ދެރެއެކެވެ. ފުރަތަމަ ރެއަކީ ގޭގައި ތިބާ ހުރި ރެއެކެވެ. އަނބި ދަރީންނާއި އެކުގައެވެ. ތިބާގެ ކުދިންކޮޅު އުފާކޮށްދީ އެކުދިންނާއެކު ކުޅެސަމާސާކުރުމުގައެވެ. ކުޑަކުޑަ އުފާވެރި އާއިލާއެކެވެ. ދެން ޖެހިގެން އައި ރެއެވެ. ތިބާ ކަށްވަޅަށް ތިރިކުރެވެނީއެވެ. އަނބިދަރީންނާވަކިވެ، އަނދިރިވަޅުގަނޑެއްގެ ތެރެއަށް ލެވެނީއެވެ. އެތަނުގައި އެއްވެސް ބައިވެރިއަކުނެތެވެ. ލޯބިވާ އަނބިމީހާވެސް ނެތެވެ. އަދި ދަރީންނެއްވެސް ނެތެވެ. އެތަނުގައި އެކަނި އޮންނަން ޖެހުނީއެވެ.
އެއީ ކަށްވަޅުގެ ފުރަތަމަ ރެއެވެ. އެރެއާމެދު ޞާލިޙުންނާއި ޢިލްމުވެރީން ކީރިތި ކުރައްވާ ހިތާމަކުރައްވާ އުޅުނު ރެއެވެ. އަދި ތަޤްވާވެރިއަޅުވެރިން އެރޭގެ ބިރުވެރިކަމާމެދު ޝަކުވާކޮށްއުޅުނު ރެއެވެ.
ޢުމަރު ބުނު ޢަބްދުޢަޒީޒަކީ މުއްސަނދި ޢާއިލާއަކަށްއުފަންވެ، މުއްސަނދިކަމުގެ ލައްޒަތުގައި ބޮޑުވިކުއްޖެކެވެ. ގަނޑުވަރުތަކާއި ޚާދިމުން ހުއްޓެވެ. ނަމަވެސް، އިސްލާމީ ދައުލަތުގެ ޚަލީފާއަކަށްވުމަށްފަހު މިހުރިހާ ލައްޒަތާއި ދުނިޔެވީ ފޮނިމީރުކަން ދޫކޮށްލެއްވިއެވެ. ކީއްވެގެންތޯއެވެ؟ ކަށްވަޅުގައި ހޭދަކުރަންޖެހޭ ފުރަތަމަރޭ ހަނދުމަވުމުންނެވެ.
އެހެންކަމުން އެއްދުވަހަކު މިންބަރު މައްޗަށް އަރާވަޑައިގަތެވެ. އަދި ކީރިތި ކުރައްވަން ފެށްޓެވިއެވެ. އެތަނުގައި ހުކުރު ޖަމާޢަތަށް ޚާޟިރުވެވަޑައިގެން ޢިލްމުވެރީންނާއި ވަޒީރުންނާއި ޢާންމުރައްޔިތުން ތިއްބެވެ. ޢުމަރު އިބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. ” ތިޔަބައިމީހުން އަޅުގަނޑަށް ހިއްޕެވިބައިޢަތު އަނބުރާގެންދަވާށެވެ.” އެބައިމީހުންއެންމެން އެކުއެކީއެކައްޗަކަށް ދެންނެވިއެވެ. ” ކަލޭގެފާނުނޫންމީހަކު ޚަލީފާއެއްކަމުގައި ބޭނުމެއްނޫނެވެ.” އެހެންކަމުން، ޚަލީފާކަމަށް ނުރުހޭޙާލު، އެކަމުގެ ޒިންމާ ނެންގެވިއެވެ.
ޚަލީފާކަމުގައި ހަފްތާއެއްނުވަނީސް އެކަލޭގެފާނުގެ ހަށިކޮޅު ނިކަމެތިވެ، ގައިގެ ކުލަބަދަލުވިއެވެ. އަދި ތުރުކުރައްވަން އަތްޕުޅުގައިއޮތީ އެންމެހެދުންކޮޅެކެވެ. އެހެންވެ އެކަލޭގެފާނުގެ އަނބިކަބަލުން އަރިހުގައި މީސްތަކުން ސުވާލުކުރިއެވެ. އަޅުގަނޑުމެންގެ ޚަލީފާއަށް ވަމުންއެދަނީ ކިހިނެއްތޯއެވެ؟ ޢަބްދުލްޢަޒީޒުގެ އަނބިކަބަލުން ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ރޭގަނޑު އަވަހާރަފުޅެއް ނުލައްޕަވައެވެ. ތަންމަތީގައި އޮންނެވުމަށްފަހު ފުރޮޅެންފަށްޓަވައެވެ. އިންސާނަކު ހޫނުއަނގުރުގަނޑެއްމަތީގައި އޮވެގެން ފުރޮޅޭނެފަދަ ގޮތަކަށެވެ. ދެން ވިދާޅުވެއެވެ. ” މުޙަންމަދުގެފާނުގެ އުއްމަތުގެ މީސްތަކުންގެ ޒިންމާ މިނިކަމެތި އަޅާއާ ހަވާލުކުރެވިއްޖެއެވެ. މިއަޅާއާ ޤިޔާމަތްދުވަހުން މިޒިންމާތަކާބެހޭގޮތުން ސުވާލުކުރެވޭނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ތުއްތުކުދިންނާބެހޭގޮތުން ސުވާލުވެވޭނެއެވެ."
ހަމައެހެންމެ، އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގައި ޢިލްމުވެރިބޭކަލަކު ދެންނެވިއެވެ. ” އޭ އަމީރުލްމުއުމިނީންއެވެ! ކަލޭގެފާނު މީގެކުރިން މައްކާގައި ހުންނަވަނިކޮށް އަޅުގަނޑުމެން ދެކުނީމެވެ. އެއީ ކަލޭގެފާނު ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިންނެވެ. އޭރު ކަލޭގެފާނު ހުންނެވީ ވަރަށް ޞިއްޙަތާއި ޢާފިޔަތުގައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުގައެވެ." ދެން ވެސް ޢިލްމުވެރިޔާ ދެންނެވިއެވެ. ” ނަމަވެސް މިހާރު ކަލޭގެފާނު މިފެންނަނީ ވަރަށްބޮޑަށް ހިކިއަނަރޫފަވެފައިވަނިކޮށެވެ. އެއީ ކީއްވެތޯއެވެ؟"
ޢިލްމުވެރިޔާގެ މިކަލިމަތައް އަޑުއެއްސެވުމަށްފަހު ޢުމަރު ބުނު ޢަބްދުލްޢަޒީޒް ވަޤުތުން ކީރިތި ކުރައްވަން ފެށްޓެވިއެވެ. އަދި ވިދާޅުވިއެވެ. ” އޭ ޒިޔާދެވެ! ކަލޭގެފާނަށް އަޅުގަނޑު މަރުވެ ކަށްވަޅަށް ލެވުމަށްފަހު ތިންވަނައަށްވާދުވަހު ފެނިލައްވައިފިނަމަ ހުންނާނެ މަންޒަރު އެނގިލައްވާތޯއެވެ! ﷲ ގަންދީ ބުނަމެވެ. ވަރަށްވެސް ހިތާމަވެރި މާޔޫސް މަންޒަރަކަށްނޫނީ އެމަންޒަރު ނުވާނެކަން ކަށަވަރެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!…
އަޅުގަނޑުމެން މިކަށްވަޅުގެ ފުރަތަމަރެއާ ބައްދަލުކުރުމަށް ވަމުންދަނީ ކޮން ތައްޔާރީތަކެއްތޯއެވެ؟ އެއްވެސް ތައްޔާރީއެއް އެބަވެވޭތޯއެވެ؟ އުއްމަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތްނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްފުޅެއްގައިވެއެވެ. القبر روضة من رياض الجنة أو حفرة من حفر النار މާނައީ: ” ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއިންކުރެ ބަޤީޗާއެކެވެ. ނުވަތަ ނަރަކައި ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ."
އާދެ، އުޘްމާނު ބުނު ޢައްފާނު رضي الله عنه ގެ ކައިރިން ޖަނާޒާއެއް ގެންދެވިއްޖެނަމަ، ވަރަށް ބޮޑަށް ކީރިތި ކުރައްވަވައެވެ. މިއީ ކޮންބޭކަލެއްކަން އެނގިލައްވާތޯއެވެ؟ ސުވަރުގޭގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ތެދުމަގުލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ތެރެއިން ތިންވަނަ ޚަލީފާއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ދެދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިލެއްވި މަތިވެރި ޞަޙާބީއެވެ. މިދީނަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم އާއެކުގައިއެތައްޖިހާދެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.ދީނަށްޓަކައި އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅައެއްބައި ހޭދަކުރެއްވި، ކިރީތި ރަސޫލާގެ މަތިވެރިމާތްޞަޙާބީއެކެވެ.
އެހެންކަމުން، އެއްފަހަރަކު އެކަލޭގެފާނަށް ދެންނެވުނެވެ. "ތިދަރަޖައަށް ކީރިތިކުރައްވަނީ ކީއްވެގެންތޯއެވެ؟” ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މިފަދައިން ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެހީމެވެ.القبر أول منازل الآخرة މާނައީ: ” ކަށްވަޅަކީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލެވެ." އެތަނުން ސަލާމަތްކަންލިބިއްޖެ މީހަކަށް ސަލާމަތްކަންލިބިއްޖެއެވެ. އަދި އެތަނުން ނާކާމިޔާބުވެއްޖެ މީހެއް ގެއްލިހަލާކުވެއްޖެއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!…
ޣާފިލުކަމުގެ ނިދިން ހޭލައްވާށެވެ! އަދި މިދުވަހަށް ތައްޔާރުވެލައްވާށެވެ. އެހެނީ މަރަކީ ބުނެފައި އަންނަ އެއްޗެއްނޫނެވެ. ނޭނގިހުއްޓައި މަރާ ބައްދަލުކުރަންޖެހިދާނެއެވެ.
ދުޢާއަކީ، އަޅުގަނޑުމެންގެ ކަށްވަޅަކީ ސުވަރުގޭގެ ބަޤީޗާތަކުގެ ތެރެއިން ބަޤީޗާއެއްކަމުގައި ލެއްވުމެވެ. އާމީން ޔާރައްބަލް ޢާލަމީން!
- ޝައިޚް ޝަފީޢު ޢަބްދިﷲގެ ލިޔުއްވުމަކުން