އެއީ ތަނަވަސް މީހެކެވެ. އެކަމަކު ލޯބިވެވުނުވަރު ބޮޑުކަމުން ކައިވެނީގެ ކުރިން ދަރިއަކު ލިބިފައިވާ އަންހެނަކާއިއެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް އެދަރިފުޅުގެ ބައްޕައަކީ ކާކުކަމާއިމެދު ސުވާލުކުރުން ހުއްޓައެއް ނުލައެވެ. ބުނަނީ އެހެން މީހަކާއިއެކު ގުޅުން ހިނަގާފައިވުމުން އަސަރުކުރަނީ ކަމަށެވެ.
އެކަން ބޮޑުވުމުން އަނބިމީހާ ބުންޏެވެ! "އަހުރެންވެސް ނުހަނު ލޯބިވާ ފިރިމީހާއެވެ! ތިބާ ތިއަ ސުވާލުކުރަނީ އަހުރެންނަށް ކަންކަން ނުވިސްނޭއިރު ކުރެވިފައިވާ ކުށަކުން އަސަރުކުރާތީއެވެ. ހަަމޤައިމުވެސް އަހުރެން މިހުރީ ތައުބާވެގެންނެވެ. އެނޫން ކުށެއްވެސް ނުކުރަމެވެ.
އެކަމަކު ތިބާ ނިކަން ވިސްނައިލަބަލާށެވެ! އަހުރެން ތިބާއާއި ސުވާލުތައް ނުކުރަނީ ކަންކަން ނުއެނގޭތީ ކަމަށް ހީކުރަނީހެއްޔެވެ؟ ކަންކަން އެނގެއެވެ. އަހުރެންނާއި ކައިވެނިކުރިފަހުން މިވީ 5 އަހަރުގެ ތެރޭގައި ތިބާއަށް 3 ދަރިން ލިބިފައި އެވަނީ ކައިވެނިކޮށްގެން ހެއްޔެވެ؟ އަތުގައި ފައިސާހުރީމާ ދުނިޔެއަށް ސިއްރުކޮށްގެން ހުރެވިދާނެއެވެ. އެކަމަކު ދެންވޮޑިގެންވާ ފަރާތަށް ސިއްރުކުރެވޭނެ ހެއްޔެވެ؟ އަހުރެންގެ ހިތަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟"
ފިރިމީހާއަށް ދެވޭނެ ޖަވާބެއް ނެތެވެ. އަނބިމީހާ އެބުނަނީ ހަމަ ޙަޤީޤަތެވެ. އެކަން އަނބިމީހާއަށް އެނގޭކަން ކުރިން ނުއެނގުނަސް އެއޮތީ އެކަންކަން އެނގިފައެވެ. ފިރިމީހާއަށް ބުނެވުނެވެ. "މާފުކުރާށެވެ! ދެން ކުށް ތަކުރާރެއް ނުކުރާނަމެވެ." އަނބިމީހާގެ ޖަވާބަކީ ތައުބާވެ ކުށް ތަކުރާރުނުކުރިއްޔާ ދެމީހުންނަށް ސުވަރުގެއިން ބައްދަލުވުމުގެ ފުރުޞަތަށް އުންމީދުކުރެވިދާނެއެވެ. އަދި ނަރަކައިން ތިބާއަށް ސަލާމަތްކަން ދެއްވަވާނެތެވެ! އިން ޝާ ﷲ"
މިހުރީ ހިނގަމުން އަންނަ ކަންކަމެވެ. އަހުރެން އަބަދުވެސް ނަޞީޙަތްތެރިވަނީ އެއްވެސް ފާފައެއް ނުކުރުމަށެވެ. އެއީ ބައިވެރިޔާއަށްޓަކައި ކުރަންޖެހޭ ކަމެއް ނޫނެވެ. ތިމާގެ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ހަމައެއާއިއެކު ވިސްނަންވީ ތިމާއާއިމެދު ބައިވެރިޔާ ވިސްނާނެކަމެވެ. ހިތުގައި ޖެހޭނެ ފަދަ ަކންކަން ކުރުމުން އޭނާއަށް އަސަރުކުރާނެ ކަމެވެ. އޭނާގެވެސް އޮންނާނީ ހަމަ ތިބާގެވެސް އޮތް ފަދަ ހިތެއްކަމެވެ. ދިރިއުޅުން އުފާވެރިކުރުވޭނީވެސް އާޚިރަތް ހޯދޭނީވެސް މިކަންކަމަށް ވިސްނައިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން