ބައިވެރިޔާ ކުށެއް ކުރުމުން، ވަކިން ޚާއްޞަކޮށް ބައިވެރިޔާ ބޭވަފާތެރިވުމުން ބަދަލުހިފުމުގެ ގޮތުން ހަމަ އެފަދަ ޢަމަލުތައްކުރާ ބައަކު އުޅެއެވެ. އަހުރެން ބުނެދޭން މަސައްކަތް މިކުރަނީ އެއިރުން އެމީހަކަށް ލިބޭ އެންމެ ބޮޑު ދެރައެވެ.
ބޭވަފާތެރިވުމުގެ މާނައަށް ބަލައިފިނަމަ އެއީ ވަފާތެރިނުވުމެވެ. ވީމާ އެއީ ފާފައެއް ކުރުން އެކަންޏެއް ނޫނެވެ. ކައިވެނިކުރަމުން ޢުމުރަށް އެކުގައި އުޅުމަށް ވެފައި އޮތް ވަޢުދު އުވާލުމަކީވެސް ބޭވަފާތެރިވުމެވެ. ނަމަވެސް ޢާންމުގޮތެއްގައި ބޭވަފާތެރިވުމުގެ މާނަކުރެވެނީ ހަމައެކަނި އެކަމަކަށް ނޫނެވެ. ގިނަ ފަހަރު އޮންނަނީ ހިލޭ މީހަކާއިއެކު ގުޅުން ހިންގިފައެވެ. އެއިރުން އެކުރެވެނީ ފާފައެކެވެ. ދެންމިވާގޮތަކީ ބަދަލުހިފުމުގެ ގޮތުން އަނެކާވެސް ހަމައެފަދަ ފާފައެއް ކުރަނީއެވެ.
ފާފައެއް ކުރުމުން ފަތުގައި ލިޔުއްވަވައެވެ. އެކަން ޤިޔާމަތް ދުވަހު ދައްކަވައެވެ. އަދި ގިނަ ބައަކަށް ދުނިޔޭގައިވެސް އެކަން ދައްކަވަތެވެ. އެގޮތުން ﷲ ތަޢާލާ އެމީހަކަށް ލައްވަވާ ރަޙުމަތް އުނިކުރައްވަވަތެވެ. ދެރަ ނިކަމެތި ގޮތްތައް މިންވަރުކުރައްވަވަތެވެ. އެއިގެ ތެރޭގައި ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ނުލިބުންވެސް ހިމެނެއެވެ. ޢުމުރަށް ހިތްދަތިކަމުގައި އުޅެންވެސް ޖެހެއެވެ.
ވީމާ ބައިވެރިޔާ ކުށެއް ކުރިޔަސް ބޭވަފާތެރިވިޔަސް ބަދަލުހިފުމުގެ ގޮތުން ނަމަވެސް އެފަދަ ޢަމަލެއް ނުކުރާށެވެ! އެކުގައި އުޅެން ބޭނުން ނޫންނަމަ ރިވެތި ގޮތުގައި ވަކިވާށެވެ! ހެޔޮލަﷲާ ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރާށެވެ!
ބަދަލުހިފަން ކުރަން އޮތްކަމަކީ ކުރިއަށްވުރެ އުފަލުގައި އުޅެން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާއަށް ތެދުވެރިވެވިގެންނެވެ. ތަޤްވާވެރިކަން އިތުރުކުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
--މިއަދުނޫސް