އަނބިން ނުވަތަ ފިރިންގެ ކިބައިން އެމީހަކު ބޭނުންވާވަރަށް ހިތްހަމަޖެހުން ނުލިބޭތީ މައްސަލަތައް ޖެހި ކައިވެނިތައް ރޫޅެމުން މިދަނީ ބިރުގަންނަން ޖެހޭނެ ވަރަކަށެވެ. މިކަން މެދުވެރިސަބާބުތައް ވަރަށް ގިނައެވެ. އެހެންވެ މިފާހަގަކޮށްލަނީ އަހުރެންނަށް ފާހަގަކުރެވޭ އެންމެ ބޮޑު ސަބަބެވެ.
ޤަބޫލުނުކުރެވުނަސް، ޤަބޫލުކުރަން އުނދަގޫވިނަމަވެސް ބައެއް ކުދިން ބަރަހަނާ ކަންކަން ބަލަންފަށާ ޢުމުރު ހަގުވަމުން ގޮސް 10 އަހަރަށް ދަށްވެއްޖެއެވެ. އަދި މަދުން ނަމަވެސް އެއަށްވުރެ ހަގު ކުދިންވެސް އެބަ ބަލައެވެ. ދިރާސާތަކުން އެނގޭގޮތުގައި ޢުމުރުން 15 އަހަރުގައި ބަލަން ފަށައިފިނަމަ ޢުމުރުން 27 އަހަރުވާއިރު (12 އަހަރުގެ ތެރޭގައި) އޭނާއަށް ފެނިފަ ހުންނަ ކަންކަން ކައިވެނީގެ ބޭރުން ބަރަހަނާ ނުބަލާ މީހެއްގެ 90 އަހަރާއި އެއްވަރެވެ.
އެހެންކަމަށްވާއިރު ބަރަހަނާ ބަލާ ޒުވާނުންނަށް ފެނުނު މިންވަރަށް ކަންކަން ކޮށްދޭނެ، އެކަމަށް ކަމުދާ ފެންވަރުގެ ބައިވެރިއަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ދެން މިވާގޮތަކީ އަބަދުވެސް ވަރިކުރަން ޖެހުމެވެ. ހިތް ފުރޭނެ ގޮތެއް ނުވާތީއެވެ. އެންމެ ބޮޑު ހިތާމައަކީ މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކު ޝައިޠޯނާގެ މިދަންތުރައިގައި ޖެހި ތާށިވެފައިވާ ކަމެވެ.
އެއްވެސް ޝައްކެއް ނެތެވެ. ދުނިޔޭގައި މިނުބައި ޢަމަލު ފެތުރުވުމުގެ މޭސްތިރިއަކީ ޝައިޠޯނާއެވެ. ކުރިން މިބުނި ފަދައިން ހިތާމައަކީ އަހުރެމެން މުސްލިމުންވެސް ޝައިޠޯނާގެ މިދަތުރައިގައި ޖެހި އެނުބައި މުންކަރާތުގެ އަޅުންނަށް ވެވެމުން އަންނަކަމެވެ.
އަހުރެން ބުނާނީ ޢާޚިރަތް ދުވަހު ފޭލްވުމުގެ އިތުރުން މިހަޑިމުޑުދާރު ޢަމަލުކުރާނަމަ ދުނިޔޭގައި އެމީހަކު ދާނީ ފޭލްވަމުންކަމަށެވެ. އެކަންކުރާ މީހަކަށް އުފާވެރި ޒަވާޖީޙަޔާތެއް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
މިފަދަ ނަޞޭޙަތް ދިނުމުން ތިއައީ ދަރުސްތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ މިއީ ހަމަ ދަރުސެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަމުން މީސްތަކުން ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތާއި ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުވޭތޯ މަސައްކަތްކުރުމަކީ މިއަދު އެންމެ ގިނައިން ދޭންޖެހިފައިވާ ދީނީ ނަޞޭޙަތެވެ. އުންމަތް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ އެންމެ ބޮޑު ވާޖިބެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން