ކަމަކަށް ބޭނުންވެގެން ދުޢާކުރުމުން ދުޢާކުރި ގޮތަށް އެކަން ހިންވައި ނުދެއްވަވައިފާނެއެވެ. އެކަމުގެ ސަބަބާއިމެދު ސުވާލުކުރުމެއްވެސް ނެތެވެ. އެކަމަކު ދުޢާކުރީ އިޚްލާޞްތެރިކަމާއިއެކު ނަމަ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ.
މިކިޔައިދެނީ ފާފަކުރަން ދިއަ އަންހެނަކު ދުޢާކުރުމުން ކަންކަން މެދުވެރިވި ގޮތެވެ. ވީއިރު ފާފަނުކޮށް ކިޔަމަންތެރިވެގެންތިބެ ދުޢާކުރުމުން ލައްވަވާނެ ރަޙްމަތް މާބޮޑުވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ
އަންހެނަކު ބުނެފައިވެއެވެ. "ފިރިހެނެއްގެ ދަޢުވަތަކަށް އަހުރެން ގެސްޓް ހައުސްއަކަށް ދިއައިމެވެ. އެތަނުގައި ހުރީ އޭނާ އެކަނި ނޫންކަމާއި މިއުޅެނީ ބޮޑު އަނިޔާއެއް ލިބެންކަން އެނގުނީ އެތަނަށް ދެވުނު ފަހުންނެވެ. ކޮޓަރިއަށް ވަނުމުންނެވެ.
އެކަންވިސްނި ސަލާމަތަށް އެދިގެން ވަރަށް ގިނައިން ދުޢާވެސްކުރީމެވެ. އެކަމަކުވެސް ސަލާމަތެއް ނުވެވުނެވެ. ވަރަށް ބޮޑަށް އަނިޔާލިބުނެވެ. އެރޭ އެނބުރި ގެއަށް އައިސް ތައުބާވީމެވެ. އެއިގެ ފަހުން އެބާވަތުގެ އެއްވެސް ފާފައެއް ނުކުރަމެވެ. އަދިވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލެއް އެބައޮތެވެ. އެރޭ އެ ވަޤުތު އަހަރެން ކުރި ދުޢާ ޢިޖާބަނުކުރެއްވެވީ ކީއްވެގެން ކަމާއިމެދުގައެވެ."
އޭނާ އަށް އިމާމް ދެއްވި ޖަވާބު: "އެކަމުގެ ސަބަބު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަކުވެސް ފެންނަ ބަހެއް ބުނެފާނަމެވެ. ފުރަތަމަ ކަމަކީ ދުޢާކުރިއިރު ތިބާހުރީ ތައުބާވެގެނެއް ނޫނެވެ. ދުޢާތިއަކުރީ އަމިއްލައަށް ފާފައަކަށް ހުށަހޮޅިގެންހުރެއެވެ. ތަޤްވާވެރިކަމެއް ނެތިހުރެއެވެ. ދެން ބުނެލަން ބޭނުންވަނީ ތިބާއަށް ކަންކަން ވިސްނި ތައުބާވުމުގެ ފުރުޞަތު ފަހިވެގެންތިއަދިއައީ ހަމަ އެދުޢާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ."
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ތަޤްވާގެ މަގުގައި ޘާބިތުވެ ހުރިނަމަ އަނިޔާވެރިންގެ ލޯތައް ކަނުކުރައްވަވާފައިވެސް އެމީހަކު ސަލާމަތްކުރައްވަވާނެކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ.
އިމާމުއް ތިރްމިޛީގެ ސުނަނުގައިވާ ޞައްޙަ ޙަދީޘެއްގައި އައިސްފައިވެއެވެ.
“މަރްޘަދު ބުން އަބީ މަރްޘަދު ކިޔާ ބޭކަލަކު އުޅުއްވިއެވެ. އެކަލޭގެފާނަކީ މައްކާއިން މަދީނާއާއި ހަމައަށް އަސީރުން އުފުލައިދޭބޭކަލެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ޢަނާޤު ކިޔާ ޒިނޭކޮށްއުޅޭ އަންހެނަކު މައްކާގައި އުޅުނެވެ. އެއީ (މަރްޘަދުގެ ކުރީގެ) ރައްޓެއްސެކެވެ. މަރްޘަދު ވަނީ މައްކާ އިން މަދީނާއަށް އަސީރަކު ގެންގޮސްދިނުމަށް ވަޢުދުވެފައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ފަހެ ހަނދުވަރުދޭ ރެއެއްގައި މައްކާގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގެ ކައިރިއަށް އާދެވުނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ:
ޢަނާޤު އެތަނަށް އައެވެ. އަދި އަނދިރިކަމުގެ ތެރެއިން ބަގީޗާގެ ކައިރިން އަޅުގަނޑުގެ ހިޔަނި ފެނުނެވެ. ފަހެ އޭނާއަށް އަޅުގަނޑުކަން އެނގުނު ހިނދު ބުންޏެވެ. "މަރްޘަދު ހެއްޔެވެ؟” ފަހެ އަޅުގަނޑު ބުނީމެވެ. “މިއީ މަރްޘަދުއެވެ.” އޭނާ ބުންޏެވެ. “މަރްހަބާ! މިރޭ އަހަރެމެންނާއެކު ހޭދަކުރަން އަންނާށެވެ." އަޅުގަނޑު ބުނީމެވެ. "ﷲ ތަޢާލާވަނީ ޒިނޭކުރުން ޙަރާމްކުރައްވާފައެވެ." އޭނާ ގޮވާލިއެވެ. "އޭ ފޭލިގެތަކުގެ އަހުލުވެރީންނެވެ. މިހިރަ މީހާ ކަލޭމެންގެ އަސީރުން ގެންދަނީއެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ: "އަށް މީހުން އަޅުގަނޑުގެ ފަހަތުން އައެވެ. އަދި "އަލްޚަންދަމާ" (މައްކާއަށް ވަދެވޭ މަގެއްގެ ކައިރީ ހުންނަ މަޝްހޫރު ފަރުބަދައެއް) އާއި ހަމައަށް އެމީހުން އައެވެ. ފަހެ އަޅުގަނޑަށް އައިސްހުއްޓެވުނީ ފަރުބަދައިގެ ހޮހޮޅައަކަށެވެ. ފަހެ އަޅުގަނޑު އެތަނަށް ވަނީމެވެ. އަދި އެބައިމީހުންއައިސް އަޅުގަނޑުގެ ބޮލާހަމައަށް ހުއްޓުނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ ލޯތައް ކަނުކުރެއްވެވިއެވެ. އަދި އެބައިމީހުންނަށް އަޅުގަނޑެއް ނުފެނުނެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ. "ދެންފަހެ އެބައިމީހުން އެނބުރިދިޔައެވެ. އަދި އަޅުގަނޑުގެ އެކުވެރި (އަސީރު)ގެ ގާތަށް އަޅުގަނޑު އެނބުރިދިޔައީމެވެ. ފަހެ އޭނާ އުފުލީމެވެ. އެއީ ބަރު މީހެކެވެ. އަޅުގަނޑުމެންނަށް "އަލްއިޛްޚިރް" (1) އާ ހަމައަށް ދެވުމުން އޭނާ ބަނދެފައިވާ ކަސްތޮޅުތައް ނައްޓާލީމެވެ. ފަހެ އަޅުގަނޑު މަދީނާއާއި ހަމައަށް ދެވެންދެން އޭނާ އުފުލީމެވެ. އެއީ އަޅުގަނޑަށް އުނދަގޫ ކަމަކަށްވިއެވެ. ފަހެ އަޅުގަނޑު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައީމެވެ.
ފަހެ އެކަލޭގެފާނަށް ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑު ޢަނާޤުއާއި ކައިވެނި ކުރަންހެއްޔެވެ؟ މިހެން ދެފަހަރު ދެންނެވީމެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. މިއާޔަތް ބާވާލައްވަންދެނެވެ.
﴿الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ﴾ (سورة النور ٣)
މާނައީ: "ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ، ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން ޙަރާމްކުރައްވާފައިވެއެވެ."
ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އޭ މަރްޘަދުއެވެ. ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ، ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެއެވެ. ފަހެ އޭނާއާއި ކައިވެނި ނުކުރާށެވެ."
މި ޙަދީޘުން ލިބޭ ބައެއް ޢިބްރަތްތަކަކީ:
1 ނުރަނގަޅު ރައްޓެހިންދޭ ދަޢުވަތުތައް އިޖާބަނުކުރުމުގެ މުހިންމުކަމާއި އެބައިމީހުން ހެޔޮއެދޭކަމަށް ދެއްކިނަމަވެސް ޙީލަތްތައް ހަދާ ގެއްލުން ދޭން މަސައްކަތްކޮށްފާނެކަން.
2 ޞަޙާބީ ބޭކަލުން އިސްލާމްދީނަށާއި މުސްލިމުންނަށްޓަކައި ވެވަޑައިގެންފައިވާ ޤުރުބާނީ.
3 ﷲގެ މަގުގައި މަސައްކަތްކުރާމީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން އެއިލާހު ދެއްވާކަން.
4 އަމިއްލަ އެދުމަށްވުރެ ދީނުގައި އައިސްފައިވާ ގޮތް އިސްކުރުމުގެ މުހިންމުކަން. އަދި ކީރިތި ޤުރުއާނާއި ރަސޫލާ ގެ ބަސްފުޅުތަކުގެ އަލީގައި ދިރިއުޅުން ބައްޓަންކުރުން.
5 ޢިއްފަތްތެރި އަނބީން އިޚްތިޔާރުކުރުމުގެ މުހިންމުކަން.
(1) މިތާނގައި “الإذخر” ގެ މުރާދަކަށް ދެމާނައިން ކުރެ އެއްމާނަވުން އެކަށީގެންވެއެވެ. އެއްގޮތަކީ މައްކާގެ ބޭރުގައި الإذخر އޭކިޔުނު ތިރިގަސްހެދޭ ހިސާބެކެވެ. ދެވަނަ ގޮތަކީ މައްކާ ބޭރުގައި الأذاخر އޭކިޔޭތަނަކަށްވުމެވެ. ބައްލަވާ تحفة الأحوذي للمباركفوري / كتاب:تفسير القرآن/ باب:ومن سورة نور / مجلد:٩ / ص:٢٤ / طبعة:دار إحياء التراث العربي
- -އަލްއުޚުތު އުންމު ޢަބްދިﷲ- ދިސަލަފިއްޔާ